ބުޅަލަކަށް އަނިޔާކުރި މައްސަލައެއް ތަހުގީގުކުރަނީ؛ ފުލުހަކު ޝާމިލްވާ ކަމުގެ ތުހުމަތު

މަގުމަތީގައި ބުޅާތަކެއް: ބުޅަލަކަށް އަނިޔާކޮށް، ވީޑިއޯ ސޯޝަލް މީޑިއާއަށް ލީ މައްސަލައެއް ފުލުހުން އަންނަނީ ތަހުގީގު ކުރަމުން --- ސަންފޮޓޯ/ ފަޔާޒު މޫސާ

ބުޅަލަކަށް އަނިޔާކޮށް، އެ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާއަށް ލީ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

އެކްސްގައި މިއަދު މީހަކު ކުރި ޕޯސްޓެއްގައިވަނީ، ފިރިހެނަކު ބުޅަލެއް ފާރުމަތިން އެއްލާ މަންޒަރު ފެންނަ ޓިކްޓޮކެއް ހިއްސާކޮށްފައެވެ. އޭނާ ބުނެފައިވާ ގޮތުގައި އެ މައްސަލައިގައި ޝާމިލުވަނީ ގއ. ވިލިނގިއްޔަށް ނިސްބަތްވާ ދެ މީހެކެވެ.

އޭގެ ތެރެއިން، ބުޅަލަށް އަނިޔާ ކުރާ މަންޒަރު ވީޑިއޯކޮށް ޓިކްޓޮކަށް ވީޑިއޯ ހިއްސާކުރީ ފުލުހެއް ކަމަށް އޭނާ ތުހުމަތުކޮށްފައިވެއެވެ.

އެ ޕޯސްޓާ ގުޅުވައި ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ އެ މައްސަލަ ގއ. ވިލިނގިލީ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 625 ވަނަ މާއްދާގައި ބުނެފައި ވަނީ ޖަނަވާރަކާ މެދު އަނިޔާވެރި އަމަލު ހިންގުމަކީ ކުށެއް ކަމަށެވެ. އަދި އެ ގާނޫނުގެ ދަށުން، އެ ކުށަށް އަސާސީ މިންގަނޑުން އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ކުރެވިދާނެއެވެ. އެންމެ ގިނަވެގެން ތިން މަސް ދުވަހުގެ ޖަލު ހުކުމެއްވެސް އިއްވި ދާނެއެވެ.

comment ކޮމެންޓް