އަބްދުﷲގެ މަރާ ގުޅިގެން ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު، އަހުމަދު ޝިޔާމް --- ފޮޓޯ/ މަޖިލިސް

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ގދ. ހޯނޑެއްދޫ، ސްވާން، އަބްދުﷲ ރަޝީދު ކުއްލި ގޮތަކަށް މަރުވުމާ ގުޅިގެން ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު، އަހުމަދު ޝިޔާމް މިއަދު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.

އުމުރުން 43 އަހަރުގެ އަބްދުﷲ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފަހުން، އޭނާގެ މެއަށް ތަދެއް އަރައި، ފިޓު ޖެހުން ފަދަ އަލާމާތްތަކެއް ފެނުނު ކަމަށް ފުލުހުން އިއްޔެ ވަނީ ބުނެފައެވެ.

އެހެންވެ އޭނާ ގދ. މަޑަވެލީ ހެލްތު ސެންޓަރަށް ގެންދިޔަ ކަމަށާއި ސެންޓަރަށް ގެންދިޔަ އިރުވެސް އޭނާ މަރުވެފައިވާ ކަމަށް ޑޮކްޓަރާ ހަވާލާދީ ފުލުހުން ބުންޏެވެ.

https://sun.mv/169667

ހޯޑެއްދޫ ޕީޕީއެމް ގޮފީގެ ރައީސް އަބްދުﷲގެ މަރާ ގުޅިގެން މިއަދު ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިގަތުމާ މެދު ނެގި ވޯޓުގައި މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ 17 މެމްބަރުންނެވެ. އަދި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލުމަށް 22 މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ.

ޝިޔާމް ހުށަހެޅުއްވި އެ މައްސަލައިގައި އަބްދުﷲ މަރުވި ގޮތާ ގުޅޭ ގޮތުން މިނިވަން ތަހުގީގެއް ހިންގާ މައްސަލައާ ގުޅުންހުރި ހުރިހާ މައުލޫމާތެއް ހާމަކުރުމަށް ސަރުކާރަށް ވަނީ ގޮވާލައްވާފައިވެއެވެ.

އަބްދުﷲގެ ހަށިގަނޑު ލޯންޗަކަށް އަރުވަނީ --- ފޮޓޯ/ ކިޔުންތެރިއެއް

"އަބްދުﷲ ރަޝީދު ހައްޔަރުކޮށްގެން ހޯޑެއްދޫައިން ލޯންޗަށް އެރުވި އިރު އޭނާގެ މެޔަށް ތަދުވާ ކަމަށް ބުނެފައިވޭ. އޭނާ ޑޮކްޓަރަށް ގެންދިއުމަށް އާދޭސް ކޮށްފައިވޭ. ނަމަވެސް އެއްވެސް ކަމެއް ނުކުރެވި އަބްދުﷲ ރަޝީދު ނިޔާވުމުގައި ފުލުހުންގެ އިހުމާލު ބޮޑު ކަމަށް ފެނޭ،" ޝިޔާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި އެކި މަސްދަރުތަކުން ލިބޭ މައުލޫމާތުތަކުން އަބްދުﷲއަށް ފުލުހުން އިހާނެތިކޮށް އަަމަލުކޮށްފައިވާކަން އެނގެއެވެ. އަދި އެ މައްސަލައިގެ މިނިވަން ތަހުގީގެއް ކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް އޭނާ ގޮވާލެއްވިއެވެ.

އަބްދުﷲގެ މަރާ ގުޅިގެން ފުލުހުން އިއްޔެ ބުނީ އެ ހާދިސާއާ ބެހޭ މައުލޫމާތު ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނާ ހިއްސާކޮށްފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރުމަށް އެދިފައިވާނެ ކަމަށެވެ. އޭނާ މަރުވި ސަބަބު ހޯދަން އޮޓޮޕްސީ ހަދާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އަބްދުﷲގެ އެމްބިއުލާންސަކަށް އަރުވާފައި: އަބްދުﷲ މަރުވީ ފުލުހުންގެ އިހުމާލުން ކަމަށް ބުނެ މަޑަވެލީގައި ވަނީ މުޒާހަރާ ކޮށްފައި --- ފޮޓޯ/ ކިޔުންތެރިއެއް

އޭނާގެ ހަށިގަނޑު ރޭ ދަންވަރުގެ ވަގުތެއްގައި މާލޭ ގެނެސްފައިވާ ކަމަށް ފުލުހުން މިއަދު ބުންޏެވެ. މަރުވި ސަބަބު ބެލުމަށް އޮޓޮޕްސީ ހެދުމަށް ވަނީ ނިންމައިފައެވެ.

ހަމައެއާއެކު، އޭނާ ހައްޔަރުކުރުމުގައި ހަރަކާތްތެރިވި ފުލުުހުން ބޮޑީކެމެރާ ބޭނުންކޮށްފައި ނުވާ ކަމަށް ވެސް ފުލުހުން މިއަދު ވަނީ ބުނެފައެވެ.

https://sun.mv/169668

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އަބްދުﷲ މަރުވުމުގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބަލަން ހޯމް މިނިސްޓަރު އައްޝައިޚު އިމްރާން ވެސް ރޭ ވަނީ ފުލުހުންގެ އިދާރާއަށް އަންގަވައިފައެވެ.

އެކަމާ ގުޅިގެން އިމްރާން ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އަބްދުﷲ މަރުވެފައިވާތީ އެކަން ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަޑްސްއިން މިހާރު ބަލަން ފަށާފައިވާ ކަމަށެވެ.

ކަމާ ގުޅުން ހުރި އެހެން މުއައްސަސާތަކުން ވެސް އެ މައްސަލައަށް ޚާއްސަ ސަމާލުކަމެއް ދީގެން އަވަހަށް ބެލުމަށް އެންގެވި ކަމަށް އިމްރާން ވިދާޅުވިއެވެ.

https://sun.mv/169647

އެ މައްސަލައިގައި ފުލުހުން އިހުމާލުވެފައިވާ ކަމަށް ނުވަތަ އަނިޔާވެރި އަމަލެއް ހިންގާފައިވާ ކަމަށް ތަހުގީގަށް ސާބިތުވެއްޖެ ނަމަ އެކަމާ ގުޅިގެން އަޅަންވާ ފިޔަވަޅު އަޅަން ފަސްނުޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަބްދުﷲ މަރުވީ ފުލުހުންގެ އިހުމާލުން ކަމަށް ބުނެ މަޑަވެލި ހެލްތު ސެންޓަރު ކައިރީގައި ކުރި މުޒާހަރާގެ ތެރެއިން --- ފޮޓޯ/ ކިޔުންތެރިއެއް

ޕީޕީއެމްއިން ވެސް މިއަދު ވަނީ އޭނާގެ މަރުގެ މައްސަލައާ ގުޅިގެން އިންސާފުވެރި ތަހުގީގެއް ކޮށްދިނުމަށް ގޮވާލައި ބަޔާނެއް ނެރެފައެވެ.

އެ ބަޔާނުގައި އަބްދުﷲ މަރުވި މައްސަލައިގައި ފުލުހުން އަމަލުކޮށްފައިވަނީ ޒިންމާދާރުކަން ކުޑަކޮށް ކަމަށް ބުނެފައިވެއެވެ.

https://sun.mv/169670

ޕީޕީއެމްއިން ބުނީ ފުލުހުންނަކީ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް ހުވާ ކޮށްގެން ތިބި ބަޔަކަށްވީއިރު، ފުލުހުންގެ އެ ޢަމަލު ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

މީގެ އިތުރުން އެ މައްސަލަ ވީހާވެސް އަވަހަކަށް މިނިވަންކަމާއި އިންސާފުވެރިކަމާއެކު ތަހުގީގުކޮށް އެކަމުގައި އިހުމާލުވެފައިވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާ އިންސާފު ހޯދައިދިނުމުގެ މަސައްކަތް އަވަސް ކުރުމަށް އެ ޕާޓީން މިއަދު ނެރުނު ބަޔާނުގައި ވަނީ ގޮވާލައިފައެވެ.

comment ކޮމެންޓް