އަބްދުﷲގެ މަރު: އިންސާފުވެރި ތަހުގީގެއް ކޮށްދިނުމަށް ޕީޕީއެމްއިން ގޮވާލައިފި

އަބްދުﷲ މަރުވީ ފުލުހުންގެ އިހުމާލުން ކަމަށް ބުނެ މަޑަވެލި ހެލްތު ސެންޓަރު ކައިރީގައި ކުރި މުޒާހަރާގެ ތެރެއިން --- ފޮޓޯ/ ކިޔުންތެރިއެއް

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ގދ. ހޯޑެއްދޫ ޕީޕީއެމް ސްޓިއަރިން ކޮމިޓީގެ ރައީސް ޢަބްދުﷲ ރަޝީދު މަރުވި މައްސަލަ އިންސާފުވެރިކަމާއެކު ތަހުގީގުކޮށްދިނުމަށް ޕީޕީއެމްއިން ގޮވާލައިފިއެވެ.

އުމުރުން އުމުރުން 43 އަހަރުގެ އަބްދުﷲ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފަހުން، އޭނާގެ މެއަށް ތަދެއް އަރައި، ފިޓު ޖެހުން ފަދަ އަލާމާތްތަކެއް ފެނުނު ކަމަށް ފުލުހުން އިއްޔެ ވަނީ ބުނެފައެވެ.

އެހެންވެ އޭނާ ގދ. މަޑަވެލީ ހެލްތު ސެންޓަރަށް ގެންދިޔަ ކަމަށާއި ސެންޓަރަށް ގެންދިޔަ އިރުވެސް އޭނާ މަރުވެފައިވާ ކަމަށް ޑޮކްޓަރާ ހަވާލާދީ ފުލުހުން ބުންޏެވެ.

https://sun.mv/169667

އަބްދުﷲ މަރުވި މައްސަލައިގައި ޕީޕީއެމްއިން މިއަދު ނެރުނު ތައުޒިޔާގެ ބަޔާނެއްގައި ބުނެފައިވަނީ އޭނާ މަރުވުމާ ގުޅިގެން އެ ޕާޓީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއާ އެ ޕާޓީގެ ލީޑާޝިޕްގެ ނަމުގައި ޢާއިލާއަށް ތަޢުޒިޔާ ފޮނުވާ ކަމަށެވެ.

އެ ބަޔާނުގައި އަބްދުﷲ މަރުވި މައްސަލައިގައި ފުލުހުން އަމަލުކޮށްފައިވަނީ ޒިންމާދާރުކަން ކުޑަކޮށް ކަމަށް ބުނެފައިވެއެވެ.

"އޭނާ ހައްޔަރުކޮށްގެން ގެންދިޔައިރުވެސް އޭނާގެ މެޔަށް ތަދުވާކަމަށް ބުނަމުންދިޔަ ކަމަށާއި އެހެންނަމަވެސް ފުލުހުން މިކަމަށް އެއްވެސް ވަރަކަށް ސަމާލުކަން ދީފައި ނުވާކަން ވެސް ފާހަގަކުރެވެއެވެ. އަދި އެތައް އިރެއްފަހުން އޭނާ މަޑަވެއްޔަށް ގެންދިޔައިރު ވެސް މަރުވެފައިވާކަމާއި، ފުލުހުން މި މައްސަލައިގައި ޢަމަލުކޮށްފައިވަނީ ވަރަށް ޒިންމާދާރުކަން ކުޑަކޮށްކަން ވެސް ފާހަގަކުރަމެވެ،" އެ ބަޔާނުގައިވެއެވެ.

ޕީޕީއެމްއިން ބުނީ ފުލުހުންނަކީ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް ހުވާ ކޮށްގެން ތިބި ބަޔަކަށްވީއިރު، ފުލުހުންގެ އެ ޢަމަލު ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

މީގެ އިތުރުން އެ މައްސަލަ ވީހާވެސް އަވަހަކަށް މިނިވަންކަމާއި އިންސާފުވެރިކަމާއެކު ތަހުގީގުކޮށް އެކަމުގައި އިހުމާލުވެފައިވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާ އިންސާފު ހޯދައިދިނުމުގެ މަސައްކަތް އަވަސް ކުރުމަށް އެ ޕާޓީން މިއަދު ނެރުނު ބަޔާނުގައި ވަނީ ގޮވާލައިފައެވެ.

ފުލުހުން ބުނީ އެ ހާދިސާއާ ބެހޭ މައުލޫމާތު ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނާ ހިއްސާކޮށްފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރުމަށް އެދިފައިވާނެ ކަމަށެވެ. އޭނާ މަރުވި ސަބަބު ހޯދަން އޮޓޮޕްސީ ހަދާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އޭނާގެ ހަށިގަނޑު ރޭ ދަންވަރުގެ ވަގުތެއްގައި މާލޭ ގެނެސްފައިވާ ކަމަށް ފުލުހުން މިއަދު ބުންޏެވެ.

ހަމައެއާއެކު، އޭނާ ހައްޔަރުކުރުމުގައި ހަރަކާތްތެރިވި ފުލުުހުން ބޮޑީކެމެރާ ބޭނުންކޮށްފައި ނުވާ ކަމަށް ވެސް ފުލުހުން މިއަދު ވަނީ ބުނެފައެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އަބްދުﷲ މަރުވުމުގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބަލަން ހޯމް މިނިސްޓަރު އައްޝައިޚު އިމްރާން ވެސް ރޭ ވަނީ އަބްދުﷲ ފުލުހުންގެ އިދާރާއަށް އަންގަވައިފިއެވެ.

އެކަމާ ގުޅިގެން އިމްރާން ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އަބްދުﷲ މަރުވެފައިވާތީ އެކަން ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަޑްސްއިން މިހާރު ބަލަން ފަށާފައިވާ ކަމަށެވެ.

ކަމާ ގުޅުން ހުރި އެހެން މުއައްސަސާތަކުން ވެސް އެ މައްސަލައަށް ޚާއްސަ ސަމާލުކަމެއް ދީގެން އަވަހަށް ބެލުމަށް އެންގެވި ކަމަށް އިމްރާން ވިދާޅުވިއެވެ.

އެ މައްސަލައިގައި ފުލުހުން އިހުމާލުވެފައިވާ ކަމަށް ނުވަތަ އަނިޔާވެރި އަމަލެއް ހިންގާފައިވާ ކަމަށް ތަހުގީގަށް ސާބިތުވެއްޖެ ނަމަ އެކަމާ ގުޅިގެން އަޅަންވާ ފިޔަވަޅު އަޅަން ފަސްނުޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް