މަރުވުމުގެ ކުރިން އަބްދުﷲ މެޔަށް ތަދެއް އެރި، ފުލުހުން ބުނީ އެކްޓް ޖައްސަނީ ކަމަށް: އާއިލާ

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި މަރުވި އަބްދުﷲ ރަޝީދު-- ފޮޓޯ: ސޯޝަލް މީޑިއާ

ގދ. ހޯޑެއްދުއިން މަސްތުވާތަކެތީގެ މައްސަލައެއްގައި އިއްޔެ ފުލުހުން ހައްޔަރު ކުރިތާ މާ ގިނަ އިރުތަކެއް ނުވަނީސް މަރުވި، އަބްދުﷲ ރަޝީދު މެޔަށް ތަދެއް އަރާތީ އެ ވާހަކަ ބުނި ކަމަށާއި އެ ވަގުތު އޭނާ އެ ޖައްސަނީ އެކްޓް ކަމަށް ފުލުހުން ބުނި ކަމަށް އަބްދުﷲގެ އާއިލާއިން މިއަދު ބުނެފިއެވެ.

އަބްދުﷲއާ ދެބެންގެދެދަރި ކޮއްކޮ، އާދަމް ލަރީފް (ރޮނާ) މިއަދު "ސަން" އަށް ބުނީ ފުލުހުން އުމުރުން 43 އަހަރުގެ އަބްދުﷲ ހައްޔަރު ކުރީ އިއްޔެ 2:15 ހާއިރު ހޯޑެއްދޫ ބަނދަރުމަތީ ހުންނަ ކެފޭއެއްގައި އިންދައި ކަމަށެވެ.

އެއަށް ފަހު އެހެން ރަށަކަށް އަބްދުﷲ ގެންދިއުމަށްޓަކައި އަމިއްލަ މީހެއްގެ ލޯންޗަށް ފުލުހުން އޭނާ އެރުވީ 3:50 ކަންހާއިރު ކަމަށާއި އޭރުވެސް މެޔަށް ތަދެއް އަރައިގެން އުނދަގޫތަކެއް ވާ ވާހަކަ އަބްދުﷲ ފުލުހުންގެ ކައިރީގައި ދިޔައީ ބުނަމުން ކަމަށެވެ. އެވަގުތު އެ ލޯންޗް ކައިރީގައި އޭނާ ހުރި ކަމަށް ލަރީފް ބުންޏެވެ.

އެ ވަގުތު އާންމުން ހޯޑެއްދޫ ބަނދަރު ސަރަހައްދަށް އެއްވާން ފެށުމުން ލޯންޗް ބަނދަރުގެ އެހެން ސަރަހައްދަކަށް ފުލުހުން އަންގައިގެން ގެންދިޔައީ ކަމަށް ވެސް ލަރީފް ބުންޏެވެ.

"ލޯންޗް ކައިރިއަށް [އެރަށުގެ އިސް ދެބޭފުޅަކު ގޮސް] ދެމީހުން ތަކުރާރުކޮށް ފުލުހުން ކައިރީގައި އޭނާ ހާޓްއެޓޭކެއް ޖެހޭ ގޮތަށޭ އެވަނީ. އަތާތަންތަން އެބަ ގޮތްގޮތްވޭ އަޅުގަނޑުމެން ޑޮކްޓަރެއް ގެންނަންވީތޯއޭ ލޯންޗް ކައިރިއަށް ނުވަތަ އަބްދުﷲ ރަޝީދު ހޯޑެއްދޫ ހެލްތް ޕޯސްޓަށް ގެންދަންވީ [ތޯ] މިގޮތަށް އެ ދެ ބޭފުޅުން ވިދާޅުވުމުން ވެސް ފުލުހުން ދިން މައުލޫމާތަކީ އޭނާ އެކްޓް ޖައްސާ ކަމަށް،" ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ލަރީފް ބުންޏެވެ.

އަބްދުﷲ ރަޝީދުގެ ހަށިގަނޑު ގެންދަނީ: އާއިލާއިން ތުހުމަތު ކުރާގޮތުގައި އޭނާ މަރުވީ ފުލުހުން އިހުމާލުން--

ލަރީފް ބުނިގޮތުގައި 4:00 ޖަހާކަންހާއިރުން ފެށިގެން އަބްދުﷲ މެޔަށް ތަދެއް އަރައިގެން ފުލުހުންގެ ގާތުގައި އެ ވާހަކަ ބުނުމުން ފަރުވާ ނުދީ ލަސް ކުރި ކަމަށެވެ. އެ ރަށުން ގދ. މަޑަވެއްޔަށް ލޯންޗްގައި ދާން ނަގަނީ ދެތިން މިނެޓް ކަމަށާއި މަޑަވެއްޔަށް އަބްދުﷲ ގެންދިޔައީ 5:40 ކަންހާއިރު ކަމަށް ލަރީފް ބުންޏެވެ. އޭރު އަބްދުﷲ މަރުވިތާ 30 މިނެޓް ވެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

"ހޯޑެއްދޫއިން ލޯންޗް ނައްޓާލިއިރު 100 ޕަސެންޓް ގެރެންޓީއޭ އަބްދުﷲ ރަޝީދުގެ ވިންދުވެސް ބަރާބަރު ކަމާއި އަބްދުﷲ ރަޝީދުގެ އެއްވެސް މައްސަލައެއް ނެތް ކަމަށް ފުލުސް މީހާ ހުދު އަޅުގަނޑު ކައިރީގައި ބުނި، ހޯޑެއްދޫން މަޑަވެއްޔަށް ދާން ލޯންޗެއްގައި ނަގަނީ ޖުމުލަ ދެ މިނެޓް، އަބްދުﷲ ރަޝީދު މަޑަވެލީ ސިއްހީ މަރުކަޒަށް ގެންދިޔައިރު 30 މިނެޓް ވެފައި މަރުވިތާ، މިއީ ހަމަނުޖެހޭ ތަންކޮޅަކީ،" ލަރީފް ބުންޏެވެ.

ލަރީފް ބުނީ އަބްދުﷲ އަކީ މީގެ ކުރިން އެއްވެސް ސިއްހީ މައްސަލައެއް ހުންނަ މީހެއް ނޫން ކަމަށެވެ. އެގޮތުން ދާއިމީ އެއްވެސް ބައްޔެއް ވެސް އޭނާ ނުހުންނަ ކަމަށް ބުންޏެވެ.

އޭނާ ބުނީ އަބްދުﷲ ހައްޔަރު ކުރި ސަބަބާ ގުޅޭގޮތުން ލޯންޗް ކައިރިއަށް ގޮސް ފުލުހުންނާ އޭނާ ސުވާލު ކުރުމުން މައްސަލައިގެ ބާވަތުން އެކަން ހާމަކުރެވެން ނެތް ކަމަށް ފުލުހުން ބުނި ކަމަށެވެ.

އެ ލޯންޗް ދުއްވަން ހުރި އިމާދުއާ "ސަން" އިން ސުވާލު ކުރުމުން އޭނާ ވެސް ބުނީ އަބްދުﷲ މެޔަށް ތަދެއް އަރައިގެން އުޅުނު ކަމަށެވެ. ނަމަވެސް ފުލުހުން އަބްދުﷲއަށް އެއްވެސް އަނިޔާއެއް ކުރި މަންޒަރު ނުފެންނަ ކަމަށް އޭނާ ބުންޏެވެ. އިތުރު ސުވާލުތައް ކުރަން ފެށުމުން އޭނާ ވަނީ ފޯން ކަނޑާލާފައެވެ.

ލަނޑާ ނަގައިގެން ވިއްކުމުގެ މަސައްކަތް ކުރާ އަބްދުﷲ ރަށުގައި އުޅެމުން ދިޔައީ އެކަންޏެވެ. އޭނާގެ އަނބިމީހާއާއި ހަތަރު ކުދިން ތިބެނީ މާލޭގައެވެ. ތިން އަންހެން ކުދިންނާއި އެއް ފިރިހެން ކުއްޖަކު އޭނާގެ ހުންނައިރު އެތަނުން 18 އަހަރު ފުރުނީ އެންމެ ކުއްޖަކަށެވެ.

އަބްދުﷲގެ ހަށިގަނޑު ރޭ ފުލުހުން ވަނީ މާލެ ގެނެސްފައެވެ. މަރުވި ސަބަބު ދެނެގަތުމަށް އޮޓޮޕްސީ ހެދުމަށް ނިންމާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ހާދިސާއާ ބެހޭ މައުލޫމާތު ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނާ ހިއްސާކޮށްފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރުމަށް އެދިފައިވާ ކަމަށެވެ.

ފުލުހުންގެ އިހުމާލު އޮތް ކަމަށް ތުހުމަތު ކުރެވޭއިރު އެ މައްސަލަ ބަލައި އިހުމާލެއް ވާނަމަ ފިޔަވަޅު އަޅުއްވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ރޭ ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް