ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި ގދ. ހޯނޑެއްދޫ ސްވާން، އަބްދުﷲ ރަޝީދު ހައްޔަރުކުރުމުގައި ހަރަކާތްތެރިވި ފުލުހުން ބޮޑީކެމެރާ ބޭނުން ކޮށްފައި ނުވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުން އިއްޔެ ވަނީ އެފަރާތުގެ ބެލުމުގެ ދަށުގައި ހުރި މީހަކު މަރުވިކަން މީޑިއާތަކަށް ހާމަކޮށްފައެވެ.
އެގޮތުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި މަރުވި އުމުރުން 43 އަހަރުގެ އަބްދުﷲ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފަހުން އޭނާގެ މެއަށް ތަދެއް އަރައި، ފިޓު ޖެހުން ފަދަ އަލާމާތްތަކެއް ފެނުން ކަމަށް ފުލުހުން ބުންޏެވެ.
އޭގެ ސަބަބުން އޭނާ ގދ. މަޑަވެލި ހެލްތު ސެންޓަރަށް ގެންދިޔަ ކަމަށާއި ސެންޓަރަށް ގެންދިޔަ އިރުވެސް އޭނާ މަރުވެފައިވާ ކަމަށް ޑޮކްޓަރާ ހަވާލާދީ ފުލުހުން ބުންޏެވެ.
އެކަމާ ގުޅިގެން ފުލުހުން މިއަދު ބުނީ އަބްދުﷲގެ ހަށިގަނޑު ރޭ ދަންވަރުގެ ވަގުތެއްގައި މާލެ ގެނެސްފައިވާ ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި އަބްދުﷲ ހައްޔަރުކުރުމުގައި ހަރަކާތްތެރިވި ފުލުހުން ބޮޑީ ކެމެރާ ބޭނުންކޮށްފައެއް ނުވެއެވެ.
ފުލުހުން ބޮޑީ ކެމެރާ ބޭނުން ކުރަން ފެށީ މީގެ އަށް މަސް ކުރިންނެވެ. އެ ކެމެރާއިން ފުލުހުންގެ ހަރަކާތްތައް ވީޑިއޯކޮށް ރައްކާ ކުރެވެއެވެ.
ފުލުހުން އިއްޔެ ވަނީ އެ ހާދިސާއާ ބެހޭ މައުލޫމާތު ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނާ ހިއްސާކޮށްފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރުމަށް އެދިފައިވާނެ ކަމަށް ބުނެފައެވެ.
އޭނާ މަރުވި ސަބަބު ހޯދަން އޮޓޮޕްސީ ހަދާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި އަބްދުﷲ މަރުވުމާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އަބްދުﷲ މަރުވި މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަޑްސްއިން މިހާރު ބަލަން ފަށާފައިވާ ކަމަށެވެ.
ކަމާ ގުޅުން ހުރި އެހެން މުއައްސަސާތަކުން ވެސް އެ މައްސަލައަށް ޚާއްސަ ސަމާލުކަމެއް ދީގެން އަވަހަށް ބެލުމަށް އެންގެވި ކަމަށް އިމްރާން ވިދާޅުވިއެވެ.
މީގެ އިތުރުން އެ މައްސަލައިގައި ފުލުހުން އިހުމާލުވެފައިވާ ކަމަށް ނުވަތަ އަނިޔާވެރި އަމަލެއް ހިންގާފައިވާ ކަމަށް ތަހުގީގަށް ސާބިތުވެއްޖެ ނަމަ އެކަމާ ގުޅިގެން އަޅަންވާ ފިޔަވަޅު އަޅަން ފަސްނުޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި މަރުވި އަބްދުﷲ އަކީ ހޯނޑެއްދޫގެ ޕީޕީއެމް ސްޓިއަރިން ކޮމިޓީގެ ރައީސެވެ. އޭނާ މަރުވީ ފުލުހުންގެ އިހުމާލުން ކަމަށް އާއިލާއިން ތުހުމަތު ކުރެއެވެ.