ނަޝީދު ފަހަތަށް ޖެހި ވެރިކަމުގެ ނިޒާމް ބަދަލު ކުރުމުގެ ގަރާރު ހުށަހެޅުން މަޑު ޖައްސާލައިފި

ވެރިކަމުގެ ނިޒާމް ބަދަލު ކުރުމުގެ މަސައްކަތް ފެށުން މަޑު ޖައްސާލުމަށް ނަޝީދު ވަނީ ނިންމާފައި ----

ވެރިކަމުގެ ނިޒާމުގެ ބަދަލު ކުރުމުގެ މަސައްކަތް ފެށުމަށް އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅުމަށް ނިންމުމަށްފަހު އެ ގަރާރު ހުށަހެޅުން މަޑުޖައްސާލުމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފިއެވެ.

ރައީސް ނަޝީދު ހުށަހަޅުއްވަން އޭރު ނިންމެވި ގަރާރުގައި ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށާއި، އެ ވޯޓުގެ ނަތީޖާއިން ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް އޮންނަން ފެނިއްޖެ ނަމަ، ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށެވެ.

އެގޮތުން، ދިވެހި ސަރުކާރުގެ އެންމެ އިސްވެރިޔާއަކީ މަޖިލީހުގެ މެންބަރުންގެ ތެރެއިން އިންތިޚާބުކުރާ ބޮޑުވަޒީރެއް ކަމުގައި ކަނޑައެޅުމަށާއި، ދައުލަތުގެ އެންމެ އިސްވެރިޔާއަކީ އާންމުންގެ ވޯޓަކުން އިންތިޚާބުކުރާ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ކަނޑައެޅުމަށް ވެސް އެ ގަރާރުގައި ވަނީ ބުނެފައެވެ.

ގަރާރު ހުށަހެޅުން މަޑު ޖައްސާލުމުން ރައީސް އިބްރާހީމް މުހައްމަދު ޞާލިހް ވަނީ ނަޝީދަށް މަރުހަބާ ދަންނަވައި އެއީ ވަރަށް ރަނގަޅު ނިންމެވުމެއް ކަމަށް ވިދާޅުވެފައެވެ.

ކޮންގްރެސް ފެށިއިރު މެންބަރުންގެ މެދުގައި ހިޔާލުތަފާތުވުންތައް ހުރިކަން ފާހަގަކުރައްވައި ރައީސް ޞާލިހް ވިދާޅުވީ, އެންމެ ބޮޑަށް ޚިޔާލު ތަފާތުވެފައިވަނީ ރައީސް ނަޝީދު ހުށަހަޅުއްވަން ނިންމާފައި އޮތް ގަރާރާ ގުޅޭ ގޮތުން ކަމަށެވެ.

"ސިޔާސީ ލީޑަރުންގެ ގޮތުގައި ތިބޭއިރުގައި އަޅުގަނޑުމެން ބޭނުންވާ ކަންތައްތަކެއް ހުރޭ. އަމިއްލައަށް ބޭނުންވާ ކަންތައްތަކެއް ވެސް ހުރޭ. ނަމަވެސް މިހުރިހާ ކަމެއް އެއްކިބާކޮށް އަޅުގަނޑުމެން މި ޕާޓީއާ އެކުގައި މި ގައުމާ އެކުގައި ކުރިއަށް ދާން ތިބިކަން މިއަދުވެސް މިތަނުން ހާމަވެގެން މިދިޔައީ," ރައީސް ޞާލިހް ވިދާޅުވިއެވެ.

އެމްޑީޕީގެ ހަތަރު ވަނަ ކޮންގްރެސް ނިމިގެން ދަނީ ވަރަށް ކާމިޔާބުކަމާއެކު ކަން ފާހަގަކުރައްވައި ރައީސް ޞާލިހް ވިދާޅުވީ, ހުރިހާ ކޮންގްރެސްމަނުން ވެސް ހޯލް ދޫކޮށް ދާނީ ވަރަށް އުފާވެރިކަމާ އެކު ކަމަށެވެ.

"މިއަދު މެންދުރުވެގެންއައި އިރުގައި މިތާ އެތެރޭގައި ހުރި ހޫނުކަން ހަވީރު ވެގެން އަންނައިރު މިއޮތީ ފިނިކަމަކަށް ބަދަލުވެފައި," ރައީސް ޞާލިހް ވިދާޅުވިއެވެ.

comment ކޮމެންޓް