އިގުތިސާދީ ހީނަރުކަމުގެ ތެރޭގައި ލަންކާއަށް އެހީވާތީ އިންޑިއާއަށް ޝުކުރު

ލަންކާގެ ފޮރިން މިނިސްޓަރު ޕެއިރިސް---

އިންޑިއާއިން ލަންކާގެ އިގުތިސާދު ކޮޅަށް ޖެހުމަށް އެހީތެރިވާތީ ލަންކާގެ ފޮރިން މިނިސްޓަރު ޕެއިރިސް ޝުކުރު އަދާކުރައްވައިފިއެވެ.

ލަންކާގެ އިގުތިސާދީ ކާރިސާގެ ސަބަބުން އެ ގައުމަށް އެތައް ގޮންޖެހުންތަކާ ކުރިމަތިވެފައިވާއިރު، އިންޑިއާއިން އެތައް ދާއިރާއަކުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

"އަޅުގަނޑުމެންގެ ޤައުމާ ކުރިމަތިވެފައިވާ އިޤުތިސާދީ ކާރިސާއާއި، ކޮވިޑް-19 ޕޭންޑެމިކް ހާލަތު ރަނގަޅުކުރުމަށް އިންޑިއާއިން އެހީތެރިވާތީ ޝުކުރުދަންނަވަން" ޕެއިރިސް ވިދާޅުވިއެވެ.

ކޮވިޑް ބަލިމަޑުކަމުން އަރައިގަންނަން ލަންކާއަށް ވެކްސިން ފޯރުކޮށްދޭތީވެސް ޕެއިރިސް ވަނީ އިންޑިއާއަށް ޝުކުރު ދަންނަވާފައެވެ. އަދި ލައިން އޮފް ކްރެޑިޓްގެ ސަބަބުން ޓްރިންކޮމަލީ ތެޔޮ ފާމްތަކުގެ ޑީލްތައް ހެދިފައިވާކަންވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ލަންކާއާއި އިންޑިއާއާއި ރާއްޖޭގެ ޑިފެންސް ޕާޓްނަޝިޕަށް އަލިއަޅުވާލަމުން ޕެއިރިސް ވިދާޅުވީ، އިތުރު 2 ޑޯނިއާ އެއާކްރާފްޓާއި 4000 މެޓްރިކް ޓަނުގެ ފްލޯޓިންގ ޑޮކް އިންޑިއާއިން ގަތުމަށް ލަންކާއިން އެމްއޯޔޫއެއްގައި ސޮއިކުރައްވާނެ ކަމަށެވެ.

ލަންކާގެ ފިނޭންސް މިނިސްޓަރު ބާސިލް ރާޖަޕަކްސާ މި މަހުގެ ތެރޭގައި އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާނެއެވެ. އަދި މާރިޗު މަހުގައި އޮތް ބިމްސްޓެކް ސަމިޓަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދަރު މޯދީ ލަންކާއަށް ވަޑައިގެންނަވާނެކަމަށްވެސް ބެލެވެއެވެ.

comment ކޮމެންޓް