ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދު މަރާލުމުގެ ކުށުގައި ދެ މީހެއްގެ މައްޗަށް ކުށް ސާބިތުވެ ހުކުމް ކުރުމާ ގުޅިގެން، ހުއްޓިފައިވާ ރިޔާސީ ކޮމިޝަންގެ ތަހުގީގު ފަށައިފިއެވެ.
ޔާމީން ރަޝީދު މަރާލި ކަމުގެ ކުށް ސާބިތުވެ ހ. އަންނާރުމާގެ، އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގެ، އަހްމަދު ޒިހާން އިސްމާއިލް އުމުރަށް ޖަލަށް ލުމަށާއި ގިސާސްގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ ބުދަ ދުވަހުއެވެ.
އެ މައްސަލައިގައި އިތުރު ހަތަރު މީހެއްގެ މައްޗަށް ވެސް ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލިއެވެ. ނަމަވެސް އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އެ ހަތަރު މީހުންނަކީ ގދ. ގައްދޫ، ސިންދުބާދުގެ، މުހައްމަދު ދިފްރާންއާއި، މ. ކުދެހިގެ، ހަސަން ޝިފާޒުއާއި، މ. ތާއިފް، އިސްމާއީލް ރަޝީދުއާއި، ކޮޅުފުށި، އީސްޓް، ހުސައިން ޒިޔާދެވެ.
އެ މައްސަލައިގެ ތަހުގީގު ރިޔާސީ ކޮމިޝަނުން ފެށިނަމަވެސް ޝަރީއަތް ކުރިއަށް ގެންދާތީ އެމަސައްކަތް އޮތީ މެދުކަނޑާލައިފައެވެ.
"ސަން"އަށް އެނގިފައިވާގޮތުގައި ހުކުމާ ގުޅިގެން މިހާރު ރިޔާސީ ކޮމިޝަނުން ވަނީ ތަހުގީގު ފަށައިފައެވެ. އެގޮތުން ތުހުމަތު ކުރެވޭ މީހުންނާއި ތަހުގީގުގެ ބޭނުމަށް ހާޒިރު ކުރަން ބޭނުންވާ މީހުންނާ ސުވާލު ކުރުމުގެ މަސައްކަތް ވެސް ވަނީ ފަށައިފައެވެ.
އެކަމާ ގުޅޭގޮތުން "ސަން" އިން ސުވާލު ކުރުމުން ކޮމިޝަންގެ މެމްބަރު މިސްބާހު އައްބާސް މިއަދު ވިދާޅުވީ ކްރިމިނަލް ކޯޓުން ހުކުމް ކުރީ އެ ކޮމިޝަނުން ހިންގާފައިވާ ތަހުގީގެއްގެ މައްޗަށް ކަމަށް ނުވާތީ އެ ހުކުމާ ގުޅޭގޮތުން ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށެވެ.
"މައްސަލައާ ގުޅިގެން ކުރިއަށް ގެންދަން ޖެހޭ ކަންކަން ބާރަށް ކުރިއަށް ގެންދަން އެބަ،" މިސްބާހް ވިދާޅުވިއެވެ.
އިތުރު އެއްވެސް ތަފްސީލެއް އޭނާ ނުދެއްވިއެވެ.
ހުކުމާ ގުޅޭގޮތުން ޔާމީންގެ މަންމަ، މަރިޔަމް ޝަފީގާ ބުނީ ދެ މީހެއްގެ މައްޗަށް ކުށް ސާބިތުވި ނަމަވެސް އިންސާފު ލިބުނު ކަމަށް ގަބޫލުކުރެވޭނީ އެކަމަށް ފަންޑުކުރި މީހުން ހޯދުމުން ކަމަށެވެ.
"އަސްލު ހަގީގަތުގައި މިކަންކަން އަމަލީ ގޮތުން ކުރި މީހުނަށްވުރެން ބޮޑަށް އުންމީދުކުރެވުނީ ބޭނުންވީ މިކަމަށް ފަންޑު ކުރި މީހުނަށް އަދަބު ލިބުން," ޔާމީންގެ މަންމަ ބުންޏެވެ.
ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުވާ އުފުލި މީހުންގެ އިތުރުން އެކަމުގެ އަޑީގައި އިތުރު ބަޔަކު ތިބި ކަމަށް ޝަފީގާ ވަނީ ތުހުމަތުކޮށްފައެވެ.
"ޔާމީންގެ މަންމަގެ ހައިސިއްޔަތުން އަދިވެސް އަހަންނަކަށް ގަބޫލެއް ނުކުރެވޭ މިކުދިންނަކީއެއް މިކަން ކުރި ބަޔަކީ. އެ މީހުން ލައްވާ ބަޔަކު އެކަން ކުރުވީ ކަމަށް އަދިވެސް ގަބޫލުކުރަނީ," މަރިޔަމް ޝަފީގާ ބުންޏެވެ.
ސަބަބެއް ކަމަށް ޝަފީގާ ބުނީ, ދައުވާ އުފުލި ހަ މީހުން ޔާމީން ރަޝީދާ ހަސަދަވެރިކަމެއް އޮތްކަން ނޭންގޭ ކަމަށާއި އެއްވެސް އިރެއްގައި އޭނާގެ ދަރިފުޅާ އެ މީހުންނާ ޗެލެންޖް ކުރަންޖެހޭ ވަރުގެ ކަމެއް ދިމާވެފައި ނެތް ކަމަށެވެ.
"އެއީ ޔާމީންއަކީ މުޅިން ވަޒީފާގެ ގޮތުން ވެސް އުމުރުގެ ގޮތުން ވެސް މި މީހުންނާ މުޅިން ތަފާތު މީހެއް. އެހެންވީމަ އަދިވެސް ގަބޫލުކުރެވެނީ ކޮންމެވެސް ބަޔަކު މިކަމުގެ އަޑީގައި ތިބޭނެ ކަމަށް," ޝަފީގާ ބުންޏެވެ.
ފަންޑުކުރި ބަޔަކު ތިބި ކަމަށް ބެލެވޭ އެންމެ ބޮޑު އެއް ސަބަބަކީ ދައުވާ އުފުލި މީހުންގެ ދިފާއީ ވަކީލުންގެ ގޮތުގައި 'ހައިޕެއިޑް ލޯޔަރުން' ތިބުން ކަމަށް މަރިޔަމް ޝަފީގާ ބުންޏެވެ.
"އެމީހުން ހޯދުނީމަ އަސްލު ހިތް ހަމަ ޖެހުމެއް ލިބޭނީ. މި މީހުން ހޯދުމަށްވުރެން އެކަމަށް ހަރަދުކުރި ބަޔަކު ނޫނީ އެކަން ޕްލޭންކުރި ބަޔަކު ހޯދުން މުހިންމީ," މަރިޔަމް ޝަފީގާ ބުންޏެވެ.
ދެ މީހެއްގެ މައްޗަށް ކުށް ސާބިތުވުމަކީ އެ މައްސަލައިގައި އިންސާފު ހޯދައިދިނުމަށް ކުރާ މަސައްކަތުގައި ލިބުނު ކާމިޔާބީއެއް ކަމަށް، ޕްރޮސިކިއުޓާ ޖެނެރަލް ވަނީ ވިދާޅުވެފައެވެ. އަދި އެ މައްސަލައިގައި ކުށް ސާބިތު ނުވި ހަތަރު މީހުންގެ މައްސަލަ އިސްތިއުނާފު ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.