ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދު މަރާލުމުގެ ކުށުގައި ދެ މީހެއްގެ މައްޗަށް ކުށް ސާބިތުވި ނަމަވެސް އިންސާފު ލިބުނު ކަމަށް ގަބޫލުކުރެވޭނީ އެކަމަށް ފަންޑުކުރި މީހުން ހޯދުމުން ކަމަށް ޔާމީން ރަޝީދުގެ މަންމަ ބުނެފިއެވެ.
ޔާމީން ރަޝީދު މަރާލި ކަމުގެ ކުށް ސާބިތުވެ ހ. އަންނާރުމާގެ، އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގެ، އަހްމަދު ޒިހާން އިސްމާއިލް އުމުރަށް ޖަލަށް ލުމަށާއި ގިސާސްގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ އިއްޔެ އެވެ.
ޝަރީއަތް ކުރިއަށް ދިޔަ ގޮތާ މެދު ޖުމްލަކޮށް ހިތްހަމަ ޖެހޭކަން ފާހަގަކޮށް ޔާމީން ރަޝީދުގެ މަންމަ ބުނީ, އެންމެ ފުރަތަމަ ބެލެވުނީ އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތު ނުވާނެ ކަމަށް ކަމަށެވެ. އެގޮތަށް ބެލެވުނީ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ހަރަކާތްތެރިވެފައިވަނީ ރާއްޖޭގެ އެންމެ ފުންނާބު އުސް ގާނޫނީ ވަކީލުންކަމަށް ވުމުން ކަން ޔާމީން ރަޝީދުގެ މަންމަ ބުންޏެވެ.
"އަސްލު ހަގީގަތުގައި މިކަންކަން އަމަލީ ގޮތުން ކުރި މީހުނަށްވުރެން ބޮޑަށް އުންމީދުކުރެވުނީ ބޭނުންވީ މިކަމަށް ފަންޑު ކުރި މީހުނަށް އަދަބު ލިބުން," ޔާމީންގެ މަންމަ ބުންޏެވެ.
ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުވާ އުފުލި މީހުންގެ އިތުރުން އެކަމުގެ އަޑީގައި އިތުރު ބަޔަކު ތިބި ކަމަށް އޭނާގެ މަންމަ މަރިޔަމް ޝަފީގާ ވަނީ ތުހުމަތުކޮށްފައެވެ.
"ޔާމީންގެ މަންމަގެ ހައިސިއްޔަތުން އަދިވެސް އަހަންނަކަށް ގަބޫލެއް ނުކުރެވޭ މިކުދިންނަކީއެއް މިކަން ކުރި ބަޔަކީ. އެ މީހުން ލައްވާ ބަޔަކު އެކަން ކުރުވީ ކަމަށް އަދިވެސް ގަބޫލުކުރަނީ," މަރިޔަމް ޝަފީގާ ބުންޏެވެ.
ސަބަބެއް ކަމަށް ސަފީގާ ބުނީ, ދައުވާ އުފުލި ހަ މީހުން ޔާމީން ރަޝީދާ ހަސަދަވެރިކަމެއް އޮތްކަން ނޭންގޭ ކަމަށާއި އެއްވެސް އިރެއްގައި އޭނާގެ ދަރިފުޅާ އެ މީހުންނާ ޗެލެންޖް ކުރަންޖެހޭ ވަރުގެ ކަމެއް ދިމާވެފައި ނެތް ކަމަށެވެ.
"އެއީ ޔާމީންއަކީ މުޅިން ވަޒީފާގެ ގޮތުން ވެސް އުމުރުގެ ގޮތުން ވެސް މި މީހުންނާ މުޅިން ތަފާތު މީހެއް. އެހެންވީމަ އަދިވެސް ގަބޫލުކުރެވެނީ ކޮންމެވެސް ބަޔަކު މިކަމުގެ އަޑީގައި ތިބޭނެ ކަމަށް,"
ފަންޑުކުރި ބަޔަކު ތިބި ކަމަށް ބެލެވޭ އެންމެ ބޮޑު އެއް ސަބަބަކީ ދައުވާ އުފުލި މީހުންގެ ދިފާއީ ވަކީލުންގެ ގޮތުގައި 'ހައިޕެއިޑް ލޯޔަރުން' ތިބުން ކަމަށް މަރިޔަމް ޝަފީގާ ފާހަގަކުރެއްވިއެވެ.
"އެމީހުން ހޯދުނީމަ އަސްލު ހިތް ހަމަ ޖެހުމެއް ލިބޭނީ. މި މީހުން ހޯދުމަށްވުރެން އެކަމަށް ހަރަދުކުރި ބަޔަކު ނޫނީ އެކަން ޕްލޭންކުރި ބަޔަކު ހޯދުން މުހިންމީ," މަރިޔަމް ޝަފީގާ ވިދާޅުވިއެވެ.
ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން އެ މައްސަލައިގައި އަލިމަގެއް ނުފެނިފައި އޮތީ ކޯޓުގައި މައްސަލަ އޮތުމުން ކަމަށް ޝަފީގާ ފާހަގަކުރިއެވެ. އަދި ބުނީ އިއްޔެ ކޯޓުން އެ މައްސަލަ ނިމުމުން, އެކަމުގައި އިސްކޮށް ހަރަކާތްތެރިވެ އެކަން ރާވައި ހަރަދުކުރި މީހުން ހޯދަން މަސައްކަތްކޮށްދޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
"މި ސަރުކާރު އައިއިރު ވެސް އާއިލާގެ ފަރާތުން އެންމެ ބޮޑަށް އެދިފައި ވާނީ އިންސާފު ހޯދައިދިނުން. އިންސާފު ލިބުނު ކަމަށްވާނީ އެކަން ކުރުވި ބަޔަކު ވެސް އެނގިގެން," ޔާމީން ރަޝީދުގެ މަންމަ ބުންޏެވެ.