މިމަހުގެ އެއްވަނަ ދުވަހު ސިނަމާލެ ބުރިޖު މަތީގައި އެކްސިޑެންޓުވެ، ބިދޭސީއަކު މަރުވި މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށް ފަހު ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ)އަށް ފޮނުވަން މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ސިނަމާލޭ ބުރިޖު ހައިވޭ މަތީގައި، ހުޅުމާލެއިން މާލެއަށް ދަތުރުކުރި ލޭނުގައި މިދިޔަ ހޮނިހިރު ދުވަހު ހިނގި އެކްސިޑެންޓުގައި މަރުވެފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ، 30 އަހަރުގެ ޖާވިދު ޗައުދަރީ ނަމަކަށް ކިޔާ މީހެކެވެ.
މިދިޔަ އަންގާރަ ދުވަހު އެ މައްސަލައިގައި ފުލުހުން ވަނީ ސައިކަލެއް ޓޯކޮށް، އެ ސައިކަލު ދުއްވި 60 އަހަރުގެ އަންހެން މީހާގެ ލައިސެންސް ހިފަހައްޓައިފައިވާ ކަމަށް ބުނެފައެވެ.
އެ މައްސަލައާ ގުޅޭ ގޮތުން ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެކްސިޑެންޓުގެ ސީސީޓީވީ ފުޓޭޖު ދިރާސާކުރުމުން ޖާވިދު ދުއްވަމުން ދިޔަ ސައިކަލު ކޯނުގައި ޖެހި ވެއްޓުނު ވަގުތު ފަހަތުން އައި ސައިކަލަކުން އޭނާގެ ބޮލާ ދިމާލުގައި ޖެހޭ މަންޒަރު ފެންނަ ކަމަށެވެ.
އެ ސައިކަލު ދުއްވި އެކްސިޑެންޓު ވުމުން މަޑުނުކޮށް ދިޔައީ ކަމަށް ސޯޝަލް މީޑިއާގައި ބައެއް މީހުން ތުހުމަތުކޮށްފައިވާއިރު، ފުލުހުން ބުނީ، އެކްސިޑެންޓުވުމުން އެ ސައިކަލު ދުއްވި މީހާ އެތަނުގައި މަޑުކުރި ކަމަށެވެ.
މީގެ އިތުރުން އޭނާގެ ލައިސަންސް ހިފަހައްޓާފައިވާ މުއްދަތު ކޯޓު އަމުރެއްގެ ދަށުން އިތުރުކޮށްފައިވާކަން ފުލުހުން ހާމަކުރިއެވެ.
އެ މައްސަލައިގެ ތަހުގީގުގެ ތެރެއިން، އަންހެން މީހާ ސައިކަލު ދުއްވި ދުވެލި ދެނެގަތުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށައި، ތަހުގީގު ފުރިހަމަކުރުމަށްފަހު ޕީޖީއަށް ފޮނުވަން ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެ ހާދިސާގެ ސީސީޓީވީ ފުޓޭޖެއް ސޯޝަލް މީޑިއާގައި ދައުރުވެފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އެކްސިޑެންޓުވި މީހާ ސައިކަލާ ދުރުގައި ވެއްޓިފައި އޮއްވައި، އޭނާގެ ގައި ކައިރިން ސައިކަލެއް ދެއެވެ.
އެ ކަމާ ގުޅިގެން ފުލުހުން އެންމެ ފުރަތަމަ މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، އެ އެކްސިޑެންޓު ހިނގީ، ހުޅުމާލެއިން މާލެއަށް އަންނަ ލޭންގައި ސޯލާ ޕެނަލްތައް ކައިރީގައި ބަހައްޓާފައި ހުރި ކޯނެއްގައި ޖެހިގެން ކަމަށެވެ. އެއީ އެ ދުވަހު ހެނދުނު 8:19 ހާއިރުކަމަށް ފުލުހުން ބުނެފައިވެއެވެ.
އެ އެކްސިޑެންޓުވި މީހާ ފަރުވާ ދިނުމަށް ޓަކައި އައިޖީއެމްއެޗަށް ގެންދިޔައެވެ. ނަމަވެސް ހެނދުނު 9:05 ހާއިރު ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.