ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދު މަރާލުމުގެ ކުށުގައި ހ. އަންނާރުމާގެ، އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގެ، އަހްމަދު ޒިހާން އިސްމާއިލް އުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
އަނިޔާވެރި ގޮތަކަށް ޔާމީން ރަޝީދު މަރާލި މައްސަލާގައި ހައިޝަމާއި ޒިހާނުގެ އިތުރުން ދައުލަތުން ދައުވާ އުފުލީ މ. ތާއިފް، އިސްމާއިލް ރަޝީދާއި ގދ. ގައްދޫ ސިންދުބާދުގޭ، މުހައްމަދު ދިފްރާނާއި މ. ކުދެހިގެ ހަސަން ޝިފާޒުގެ އިތުރުން މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ.
އެ އެންމެންގެ މައްޗަށް ވެސް އުފުލާފައި ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ދައުވާއެވެ.
އޭގެ ތެރެއިން ޔާމީން ރަޝީދު މަރާލުމައި އަމަލީގޮތުން ބައިވެރިވި ކަމަށް ތުހުމަތުކޮށްފައި ވަނީ ޒިހާނާއި ހައިޝަމަށެވެ. ޒިހާނުގެ ބަދަލުގައި ކުރިން އެ މީހުން ރާވާފައި އޮތީ އެ ގެއަށް ޒިޔާދު ވަނުމަށެވެ. ނަމަވެސް ޒިޔާދުގެ ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާއަށް އެކަމުގައި އަމަލީ ގޮތުން ބައިވެރިވެފައެއް ނުވެއެވެ. އަދި އިސްމާއީލް ރަޝީދަކީ ހަމަލާދިން މީހުންނާއެކު އެގެކައިރިއަށްގޮސް އެގޭގެ ބޭރުގައި މަޑުކޮށްގެން ހުރި މީހާއެވެ. ޝިފާޒްއާ ދިފްރާން އުޅުނީ ޔާމީން ރަޝީދަށް ފާރަލުމަށެވެ.
ދެ މީހެއްގެ މައްޗަށް ކުށް ސާބިތުވެފައިވާއިރު, ކްރިމިނަލް ކޯޓުން މިރޭ ވަނީ ޔާމީން ރަޝީދުގެ ވާރިސުންގެ ބަސް ނަގާފައެވެ.
ޔާމީންގެ ރަޝީދުގެ ވާރިސުންގެ ގޮތުގައި ހުރީ އޭނާގެ މަންމަ އާއި ބައްޕައެވެ.
އިންޑިއާގައި ހުރެ އޮންލައިންކޮށް ޝަރީއަތުގެ މަޖިލީހުގައި ބައިވެރިވެ ޔާމީން ރަޝީދުގެ ބައްޕަ ބުނެފައިވަނީ އޭނާ ބޭނުންވަނީ މަރަށް މަރު ހިފުމަށެވެ. މަންމަ މަރިޔަމް ޝަފީގާ ބުނީ އޭނާ ބޭނުންވަނީ މަރުގެ ދިޔަ ކަމަށެވެ.
މަރަށް މަރު ހިފުމަށް އެންމެ ވާރިސަކު އިންކާރު ކުރި ނަމަވެސް އެކަމެއް ނުކުރެވޭނެއެވެ. އެހެންކަމުން އެ ދެ މީހުންގެ މައްޗަށް މަރުގެ ހުކުމް އިއްވައިފައެއް ނުވެއެވެ. އުމުރަށް ޖަލަށްލުމުގެ އިތުރުން 1.3 މިލިއަން ރުފިޔާ މަރުގެ ދިޔައިގެ ގޮތުގައި ދިނުމަށް ވެސް އެ ދެ މީހުންނަށް އެ ހުކުމްގައި ވަނީ އަންގާފައިވެއެވެ.
މަރުގެ ދިޔައަކީ އެއް މިލިއަން ރުފިޔާއެވެ. ނަމަވެސް އެ އަދަބު ބޮޑުވެފައިވަނީ ހުރުމަތްތެރިވެގެންވާ މަހެއްގައި ގަތުލު ހިންގުމުންނެވެ.
އެހެންކަމުން 25 އަހަރު ދުވަހުގެ ޖަލު ހުކުމުގެ އިތުރުން މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ތިންލައްކަ ތިރީސް ތިންހާސް ތިންސަތޭކް ތިރީސް ތިން ރުފިޔާ ތިން ލާރި މިއަދުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދެއްކުމަށް ވަނީ ހުކުމްކޮށްފައެވެ.
މަރުގެ ދިޔައިގެ ގޮތުގައި ދެ މީހުން އެކުވެގެން ދައްކަން ޖެހޭނީ 1.3 މިލިއަން ރުފިޔާއެވެ. އެ ފައިސާ ވާރިސުންގެ މެދުގައި ހަމައަށް ބަހާލާނެއެވެ.