ނ. ހޮޅުދޫގައި ބޮޑެތި ޒަޚަމްތަކަކާއެކު، މަރުވެފައި އޮއްވާ ފެނުނު 50 އަހަރުގެ ޒަކިއްޔާ މޫސާގެ މަރުގެ މައްސަލަ ތަހުގީގުކުރުމުގައި ފުލުހުން ގަނޫނާއި ގަވާއިދާ ޚިލާފުވެފައި ވޭތޯ ބެލަމުން އަންނަ ކަމަށް ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)އިން މިއަދު ބުނެފިއެވެ.

ޒަކިއްޔާގެ މަރުގެ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން އިހުމާލުވެފައި ވާކަމަށް ބުނެ ހޮޅުދޫގެ ރައްޔިތުން ވަނީ އިއްޔެ އިހުތިޖާޖުކޮށް އެރަށުގެ ޕޮލިސް ސްޓޭޝަނުގައި ތަޅުއަޅުވަން ގޮވާލާފައެވެ.
އެންއައިސީން މިއަދު ބުނީ، އެ މައްސަލައިގައި ރައްޔިތުން ފުލުހުންނަށް ސީރިއަސް ތުހުމަތުތަކެއް ކުރަމުންދާތީ، އެ ކޮމިޝަނުގެ ގާނޫނުގެ ދަށުން، ކޮމިޝަނުގެ އަމިއްލަ އިސްނެގުމުގެ މަތީން އެ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން ގާނޫނާއި ގަވާއިދާ ޚިލާފުވެފައި ވޭތޯ ބެލުމަށް މިދިޔަ ބުރާސްފަތި ދުވަހު އެ ކޮމިޝަނުން ނިންމާފައި ވާކަމަށް ބުނެފައެވެ.
ހޮޅުދޫގައި މުޒާހަރާ ކުރި މީހުން ވަނީ މި މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުންގެ އިދާރާއާއި ދާއިރާގެ މެންބަރާއި ހޯމް މިނިސްޓަރު ވެސް ފެއިލްވެއްޖެ ކަމަށް ބުނެފައެވެ. އަދި ހޯމް މިނިސްޓަރު އަލީ އިހުސާން އިސްތިއުފާ ދެއްވަން ޖެހޭ ކަމަށާއި އެ ރަށު ޕޮލިސް ސްޓޭޝަނުގައި ތަޅު އަޅުވަން ޖެހޭ ކަމަށް އެ މީހުން ބުނެފައިވެއެވެ.

ޒަކިއްޔާގެ މަރު: މައްސަލަ ތަހުގީގުކުރުމުގައި ފުލުހުން އިހުމާލުވެފައި ވޭތޯ ބަލަނީ ---
ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިންވެސް ވަނީ ޒަކިއްޔާގެ މަރުގެ މައްސަލަ އެ ކޮމިޝަނުންވެސް ތަހުގީގު ކުރަމުން ދާކަމަށް ބުނެފައެވެ.
އެ މައްސަލައާ ގުޅިގެން ގާތްތިމާގެ މީހުންގެ ފަރާތުން އެ ކޮމިޝަނަށް މައްސަލައިގެ ތަހުގީގު ދާގޮތާމެދު ހުރި ކަންބޮޑުވުންތަކެއް ހިއްސާކޮށްފައިވުމުން ކަމާ ގުޅުންހުރި އިދާރާތަކުން އަމަލުކުރަމުންދާ ގޮތް އެ ކޮމިޝަނުން ބަލަމުންދާ ކަމަށް ވަނީ ބުނެފައެވެ.
ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10ވަނަ ދުވަހުގެ ހެނދުނެވެ. ފުލުހުން ބުނި ގޮތުގައި ޑޮކްޓަރުގެ ބަހުން ޒަކިއްޔާ މަރުވާން ދިމާވި ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ކަރަށް ލިބިފައިވާ ޒަޚަމްތަކެވެ. އެހެން ނަމަވެސް މިހާތަނަށް އޭނާ މަރާލިކަމުގެ އެއްވެސް ހެއްކެއް ތަހުގީގަށް ފާހަގަކުރެވިފައި ނެތް ކަމަށް ފުލުހުން އޮތީ ބުނެފައެވެ.
މަރުގެ ތަހުގީގުގައި ފުލުހުން މިހާރު ވަނީ އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) ބައިވެރިކޮށްފައެވެ.
comment ށަފީ
1 month 3 day ago
ތިއިން އެއްތަހުގީގެއްވެސް ނުހިނގާނެ. މިތަނަކީ ހަގީގީ ފުލުހުން ތިބޭތަނެއްނޫން. ޢެމީހުންނަކީ ކަންކަން ތަހުގީގު ކުރެވޭނެ ހާލަތެއްގައި ތިބޭބަޔެއްވެސް ނޫން. އެމީހުން ލިޔެފަ ހުންނަ ތަހުގީގު ރިޕޯޓުތަކުގެ ފެންވަރު އެނގޭނެ ކިޔާލީމަ. އަދި ތަނުގައި ކޮރަޕްޝަނާއި ފަސާދަ އޮތް މިންވަރުވެސް ބުނާކަށެއް ނޭނގޭ. ޕޮލްކޯގެ ކޮރަޕްޝަނަކީ އަދި ޓިޕް އޮފްދި އައިސް ބާރގު.
comment ދިލްސާ
1 month 3 day ago
އިހުމާލުނުވާކަމައް ކިހިނެއްތޯނިންމާނީ މަރުހޫމާޕޯސްމޯޓަން ނުހެދުންއެއީ އިހުމާލެއްނޫން ކަމައްނިންމިދާނެތޯ