ސާކްގެ ސަމިޓެއް ނުބޭއްވި އެތަށް އަހަރެއް ފާއިތުވަމުންދާތީ ޕާކިސްތާނުން ކަންބޮޑުވުން ފާޅުކޮށްފި

ސާކުގެ 18 ވަނަ ސަމިޓްގައި އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ ޕާކިސްތާނުގެ އޭރުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް އާ ސަލާމް ކުރައްވަނީ

އިސްލާމް އާބާދު (4 ޖަނަވަރީ 2021) : 2016 ވަނައަހަރު ބޭއްވުމަށް ހަމަޖެހުނު ސާކް ސަމިޓް ނުބޭއްވި ލަސްވުމަށްފަހު މިހާތަނަށް ސާކުގެ އެއްވެސް ސަމިޓެއް ބާއްވާފައިނުވާތީ އެޖަމާއަތުގެ މުސްތަގްބަލާމެދު ޕާކިސްތާން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ޝާހު މަހްމޫދު ގުރައިޝީ ވިދާޅުވީ ސާކް އަކީ ދެކުނު އޭޝިއާގެ ހުރިހާ ގައުމަކަށްވެސް މުހިއްމު ސަރަހައްދީ ޖަމާއަތެއް ކަމަށާ 2016 ވަނައަހަރު ބޭއްވުމަށް ހަމަޖެހުނު ސާކް ގެ 19 ވަނަ ސަމިޓް ކޮންމެ ވަގުތެއްގައިވެސް ބޭއްވުމަށް ޕާކިސްތާން އޮތީ ތައްޔާރަށެވެ. ސާކުގެ ސަމިޓެއް ނުބޭއްވި އަދި ހަރަކާތްތައް ހުއްޓިފައިވާނަމަ އެޖަމާއަތުގެ ފައިދާއެއް މެންބަރު ގައުމުތަކަށް ނުލިބޭނެކަމަށް ގުރައިޝީ ވިދާޅުވިއެވެ.

ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ޝާހު މަހްމޫދު ގުރައިޝީ

ސާކުގެ 19 ވަނަ ސަމިޓްގައި ބައިވެރިވުމަށް ޕާކިސްތާނަށް ވަޑައިގަތުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ އުޒުރުވެރިވެ ވަޑައިގަންނަވާނަމަ ވާޗުއަލްކޮށްވެސް ސަމިޓްގައި މޯދީއަށް ބައިވެރިވެ ވަޑައިގެންނެވިދާނެކަމަށް ގުރައިޝީ ވިދާޅުވިއެވެ. ނަމަވެސް އިންޑިއާ ނުފޫޒު ބޭނުންކޮށްގެން ސަމިޓްގައި ބައިވެރިނުވުމަށް އެހެން ގައުމުތަކަށް ފިއްތުންތައް ކުރިމަތި ނުކުރުމަށް ގުރައިޝީ އިންޑިއާ ސަރުކާރަށް އިލްތިމާސް ކުރެއްވިއެވެ.

ސާކް އަކީ ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ސަރަހައްދީ އެއްބާރުލުން ގާއިމްކުރުމުގެ މަގްސަދުގައި 1985 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހު އުފެއްދި ޖަމާއަތެކެވެ. އެޖަމާއަތުގައި ހިމެނެނީ ދެކުނު އޭޝިޔާގެ ހަތް ގައުމުކަމަށްވާ ބަންގްލާދޭޝް، އިންޑިޔާ، ބޫޓާން، ދިވެހިރާއްޖެ، ޕާކިސްތާން ނޭޕާލް، އަދި ސްރީލަންކާއެވެ.

އެއަށްފަހު 2007 ވަނައަހަރުގެ އެޕްރީލްމަހު އޭޝިއާގެ ހުޅަނގު ދެކުނުގައި އޮންނަ ގައުމެއްކަމަށްވާ އަފްޣާނިސްތާންވަނީ ސާކު ޖަމާއަތުގައި ބައިވެރިކޮށް އެގައުމަށްވަނީ އެޖަމާއަތުގެ މެންބަރުކަން ދީފައެވެ. މިއާއެކު ސާކުގެ މެންބަރު ގައުމުތަކުގެ އަދަދުވަނީ އަށަކަށް އަރާފައެވެ.

ދެހާސް ސޯޅަ ވަނަ އަހަރު ޕާކިސްތާނުގެ އިސްލާމް އާބާދުގައި ބާއްވަން ހަމަޖެއްސި ސާކް ސަމިޓަކީ އެ ޖަމާއަތުގެ 19 ވަނަ ސަމިޓެވެ. އެ ސަމިޓް ބޭއްވޭގޮތް ނުވީ އެ އަހަރު ސެޕްޓެންބަރު މަހުގެ މެދެއްހާ ހިސާބު ކަޝްމީރުގެ ސަރަހައްދީ ރޮނގު (ލައިން އޮފް ކޮންޓްރޯލް) ހުރަސްކޮށް ޕާކިސްތާނާއި އިންޑިއާގެ ސިފައިން ބަދަލުކުރި ވަރުގަދަ ހަމަލާތަކާއެކު ޕާކިސްތާނާއި އިންޑިއާގެ ގުޅުންތައް އާދަޔާ ޚިލާފަށް ގޯސްވުމާ ގުޅިގެންނެވެ.

ސާކުގެ 18 ވަނަ ސަމިޓްގައި ބައިވެރިވެ ވަޑައިގެންނެވި ސާކުގެ އޭރުގެ ލީޑަރުން

ހަމަލާތައް ބައްދަލުކުރުމަށްފަހު އިންޑިއާވަނީ ސާކްސަމިޓްގައި ބައިވެރިވުމަށް އިސްލާމް އާބާދަށް ހާޒިރުވުމަށް ދެކޮޅު ހަދާފައެވެ. މީގެ އިތުރުން އިންޑިއާ ވަނީ އެސަމިޓަށް ހާޒިރުނުވުމަށް ސާކުގެ އެހެން ގައުމުތަކަށްވެސް ބާރުއަޅައި ފިއްތުންތައްވެސް ކުރިމަތިކޮށްފައެވެ.

ސާކުގެ ގައުމުތަކުގެ އިސްވެރިންގެ ސަމިޓެއް އެންމެފަހުން ބައްވާފައިވަނީ ނޭޕާލުއެވެ. އެއީ ސާކުގެ 18 ވަނަ ސަމިޓެވެ. އެސަމިޓް ބާއްވާފައިވަނީ 2014 ވަނަ އަހަރުގެ ނޮވެމްބަރު 26 ން 27 އަށް ކަތުމަންޑޫ ގައެވެ. ސާކުގެ ހަރަކާތްތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ހުރަހަކީ އެ ޖަމާއަތުގައި ހިމެނޭ އެންމެ ބާރުގަދަ އަދި އެންމެ ބޮޑު ދެގައުމު ކަމަށްވާ އިންޑިއާއާއި ޕާކިސްތާނުގެ ދެމެދުގައިވާ ކޯޅުމާއި އަރާރުންތަކެވެ.

މީގެއިތުރުން ޗައިނާއަށް ފިއްތުންތައް ކުރިމަތި ކުރުމަށްޓަކައި ދެކުނު އޭޝިއާއާއި އޭޝިއާ ޕެސިފިކްގައި އެމެރިކާ ހިންގާ އެކިބާވަތުގެ ހަރަކާތްތަކުގެ ނޭދެނޭ އަސަރުވެސް ސާކުގެ އެއްބައިވަންތަކަމަށް ދަނީ ކުރަމުންނެވެ. ޗައިނާ އާ ދެކޮޅަށް ހަރަކާތްތެރިވުމަށް އެމެރިކާ އުފައްދާފައިވާ ކުއެޑް ގްރޫޕްގައި އިންޑިއާ އިސް ދައުރެއް އަދާކުރާއިރު ޕާކިސްތަނަކީ ކުއެޑް ގުރޫޕްގެ ހަރަކާތްތަކާ ދެކޮޅު ހަދާ ޗައިނާގެ ސްޓްރެޓީޖިކް ބައިވެރިއެކެވެ. ޗައިނާގެ ބޮޑެތި ލޯންތަކާއި އިންވެސްޓްމަންޓްތައް ލިބޭ ސްރީލަންކާއާއި ބަންގްލަދޭޝް ވަނީ ކުއެޑް ގުރޫޕްގައި ބައިވެރިވުމަށް ދެކޮޅު ހަދާފައެވެ.

comment ކޮމެންޓް