ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި ފަސޭހަކަމާއެކު ނަފުސާނީ ފަރުވާ ހޯދޭނެ ނިޒާމެއް އޮންނަންޖެހޭނެ ކަމަށާއި، އެ މީހަކު ދިރިއުޅޭ ތަނަކީ އެކަމަށް އޮތް ހުރަހަކަށް ވެގެން ނުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެ ކަމަނާ މިފަދައިން ވިދާޅުވެފައިވަނީ ސާކް ސައިކޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް އިފުތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ، ދެއްކެވި ވާހަކައިގައެވެ.
ފަސްޓް ލޭޑީގެ ވާހަކައިގައި ފާހަގަކުރެއްވި ގޮތުގައި، ނަފުސާނީ ދުޅަހެޔޮކަމުގެ ދާއިރާގެ ޚިދުމަތްތައް ފުޅާކުރުމަކީ ހުރިހާ ގޮތަކުން ވެސް ދުޅަހެޔޮ ގައުމެއް ބިނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ރާއްޖޭން ގަބޫލުކުރެއެވެ. އެގޮތުން، ރާއްޖޭގެ ނެޝަނަލް ހެލްތު އެޖެންޑާގެ މުހިންމު ބައެއްގެ ގޮތުގައި ނަފުސާނީ ދުޅަހެޔޮކަން ހިމަނާފައިވާނެކަމަށް ފަސްޓް ލޭޑީ ވިދާޅުވިއެވެ.
މި މަގަށް މަސައްކަތްކުރުމަށްޓަކައި ރާއްޖެއިން އަޅާފައިވާ މުހިންމު ފިޔަވަޅެއްގެ ގޮތުގައި، ނަފުސާނީ ދުޅަހެޔޮކަމުގެ ގައުމީ ހެލްޕްލައިންގެ ވާހަކަ، ސާޖިދަ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، ހަމައެކަނި ވަސީލަތްތަކެއް ނުވަތަ ޚިދުމަތްތަކެއް ތައާރަފުކުރުމަކީ މާނަހުރި ކުރިއެރުމެއްގެ ގޮތުގައި ނުބެލެވޭނެކަމަށާއި، އެކަން ހާސިލުވިކަމަށް ބެލެވޭނީ އެ ޚިދުމަތްތަކުގެ ޒަރިއްޔާއިން އެކަމަށް ބޭނުންޖެހިފައިވާ ބަޔަކަށް އެހީވެދެވި، އެ މީހުންގެ ދިރިއުޅުން އަލުން ބިނާކުރެވިގެންކަން އެ ކަމަނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މިނިސްޓްރީ އޮފު ހެލްތުގެ ނެޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓުން އެކުލަވާލާލައިވާ 2029-2025 ގެ ނެޝަނަލް މެންޓަލް ހެލްތު ސްޓްރެޓީޖިކް އެކްޝަން ޕްލޭން މެދުވެރިކޮށް، ވީހާވެސް އަވަހަކަށް އެހީތެރިކަން ހޯދުމަށް ބާރުއެޅުމާއި ޕްރައިމަރީ ހެލްތުކެއާގެ ބައެއްގެ ގޮތުގައި ނަފުސާނީ ދުޅަހެޔޮކަން ހިމެނުންފަދަ ގިނަ، މުހިންމު މަސައްކަތްތަކެއް ކުރެވެމުންދާކަން އެ ކަމަނާ ފާހަގަކުރެއްވިއެވެ.
ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު: ސާކް ސައިކޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސްރާއްޖެ ކަހަލަ ޖަޒީރާ ގައުމެއްގައި، މިފަދަ ޚިދުމަތްތައް އެންމެންނަށް ވެސް އެއް ހަމައެއްގައި ލިބޭނެ ނިޒާމެއް އޮތުމަކީ މުހިންމުކަމެއް ކަމުގައި ސާޖިދާ ފާހަގަކުރެއްވިއެވެ. އެ މީހަކު ދިރިއުޅޭ ތަނުގެ ސަބަބުން އެއްވެސް މީހަކަށް ބޭނުންވާ ނަފުސާނީ އެހީތެރިކަން ވަތުގުން ލިބުމުން މަހުރޫމުވެގެން ނުވާނެކަމަށް އެ ކަމަނާ ވިދާޅުވިއެވެ. މީގެ އިތުރުން، ނަފުސާނީ ދުޅަހެޔޮކަމާ ގުޅުންހުރި ކަމަކާ ކުރިމަތިލާއިރު އެއްވެސް މީހަކީ އެކަނިކޮށްލެވިފައިވާ މީހެއްގެ އިހުސާސްވިޔަދީގެން ނުވާނެކަމަށް އެކަމަނާ ވިދާޅުވިއެވެ.
ނަފުސާނީ ދުޅަހެޔޮކަމާ ގުޅުންހުރި ކަންކަން ހައްލުކުރުމަށް ހުރި ގޮންޖެހުންތައް ދެކުނު އޭޝިއާގެ ގައުމުތަކުގައި އެއްގޮތްކަން ފާހަގަކުރައްވައި ސައިކޭޓްރިކް ފެޑަރޭޝަންގެ ސަބަބުން ގައުމުތަކުގެ ތަޖުރިބާކާރުން ގުޅިގެން ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރެވޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ. އަދި އެ ފެޑަރޭޝަންގެ 16 ވަނަ ކޮންފަރެންސްގެ ތެރެއިން ކުރެވޭ މަޝްވަރާތަކާއި ދިރާސާތަކުގެ އަލީގައި ކުރިއަށް އޮތްތަނުގައި ނަފުސާނީ ދުޅަހެޔޮކަމުގެ ދާއިރާ އިތުރަށް ތަރައްގީވާނެކަމަށް އުންމީދުކުރައްވާ ކަމަށްވެސް އެ ކަމަނާ ވިދާޅުވިއެވެ.
ނަފުސާނީ ގޮތުން ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މިދިޔަ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު ވަނީ ޒުވާނުންނަށް ޚާއްސަ މެންޓަލް ހެލްތު ހެލްޕްލައިނެއް ވެސް ތައާރަފުކޮށްފައެވެ. އޭރު ހެލްތު މިނިސްޓަރު ގީލާ އަލީ ވަނީ، 2024 ވަނަ އަހަރު ގާއިމުކުރި މެންޓަލް ހެލްތު ހެލްޕްލައިނަށް، އެ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 23،679 ކޯލް ލިބިފައިވާކަން ހާމަކުރައްވާފައެވެ.