ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން އެކަނި އުޅޭ މީހެއްގެ ދިރިއުޅުމުގެ ޚަރަދު އެންމެ ބޮޑު ގައުމުގެ ގޮތުގައި ދިވެހިރާއްޖެ އަނެއްކާވެސް ހިމެނިއްޖެއެވެ.
ބަންގްލަދޭޝްގެ މީޑިއާއެއް ކަމަށްވާ ފިންޓެކް ނިއުސް ބީޑީން ނަމްބިއޯގެ ޑޭޓާއަށް ބިނާކޮށް އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ސާކްގެ މެންބަރު ގައުމުތަކުގެ ތެރެއިން ރާއްޖޭގައި ދިރިއުޅުމުގެ އަގުތައް އުޅެނީ އެންމެ މަތީގައެވެ.
މި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ކުލި ނުހިމަނައި ރާއްޖޭގައި އެކަނި އުޅޭ މީހެއްގެ މަހެއްގެ އާންމު ޚަރަދަކީ ގާތްގަނޑަކަށް 812 އެމެރިކާ ޑޮލަރެވެ. އެއީ ބޭންކް ރޭޓުން ބަލާނަމަ ގާތްގަނޑަކަށް 12،521.04 ރުފިޔާއެވެ.

މިއީ ސަރަހައްދުގެ އެހެން ގައުމުތަކާ އަޅައި ބަލާއިރު ވަރަށް ބޮޑު ތަފާތެކެވެ. ރާއްޖެއާ އެންމެ ގާތްކުރާ އަދަދެއް ރެކޯޑުކުރެވިފައިވަނީ ލިސްޓުގެ ދެވަނައިގައި އޮތް ސްރީ ލަންކާގައެވެ. އެ ގައުމުގައި މަހެއްގެ ޚަރަދަކީ 449 ޑޮލަރެވެ. މީގެ މާނައަކީ ލަންކާގައި ދިރިއުޅޭ މީހަކަށް ވުރެ ގާތްގަނޑަކަށް ދެ ގުނަ އިތުރަށް ރާއްޖޭގައި ދިރިއުޅޭ މީހަކު އަސާސީ ޚަރަދުތަކަށް ހޭދަކުރަން ޖެހުމެވެ.
ލިސްޓުގެ ތިންވަނައިގައި 397 ޑޮލަރާއެކު އަފްޣާނިސްތާން އޮތްއިރު، ބޫޓާންގައި މި ޚަރަދު އުޅެނީ 380 ޑޮލަރުގައެވެ. ޕާކިސްތާނުގައި 354 ޑޮލަރު އަދި ބަންގްލަދޭޝްގައި 348 ޑޮލަރު ރެކޯޑުކުރެވިފައިވެއެވެ. ސާކް ސަރަހައްދުން ދިރިއުޅުމުގެ ޚަރަދު އެންމެ ކުޑައީ ނޭޕާލް އަދި އިންޑިއާގައެވެ. އެގޮތުން ނޭޕާލްގައި 312 ޑޮލަރު ހޭދަވާއިރު، އިންޑިއާގައި މީހެއްގެ މަހެއްގެ ޚަރަދަކީ އެންމެ 292 ޑޮލަރެވެ. މިއީ ރާއްޖެއާ އަޅައި ބަލާއިރު ގާތްގަނޑަކަށް ތިން ގުނަ ކުޑަ އަދަދެކެވެ.
ރާއްޖޭގެ ޚަރަދުތައް އެންމެ މަތީގައި އޮތް ނަމަވެސް، 2025 ވަނަ އަހަރާ އަޅައި ބަލާއިރު މިއަހަރުގެ އަދަދުތަކަށް ވަނީ ކުޑަ ބަދަލެއް އައިސްފައެވެ. މިދިޔަ އަހަރު ރާއްޖޭގައި އެކަނި އުޅޭ މީހެއްގެ މަހެއްގެ ޚަރަދު ހުރީ 840.4 ޑޮލަރުގައެވެ. އެއީ ބޭންކް ރޭޓުން ބަލާނަމަ ގާތްގަނޑަކަށް 12،958.9 ރުފިޔާއެވެ. އެހެންކަމުން މިއަހަރުގެ އަދަދު ވަނީ 28.4 ޑޮލަރު ނުވަތަ 3.4 އިންސައްތަ ދަށްވެފައެވެ.
މިދިޔަ އަހަރު ލަންކާގެ ޚަރަދު 507.6 ޑޮލަރުގައި ހުރިއިރު، ބޫޓާންގައި 387.2 ޑޮލަރު، ބަންގްލަދޭޝްގައި 348.9 ޑޮލަރު، ޕާކިސްތާނުގައި 335.6 ޑޮލަރު، އަދި އިންޑިއާގައި ހުރީ 313.4 ޑޮލަރުގައެވެ. ދެ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖެ، ލަންކާ އަދި އިންޑިއާގެ ޚަރަދުތައް ދަށްވެފައިވާއިރު، ޕާކިސްތާނުގެ ޚަރަދު ވަނީ މައްޗަށް ގޮސްފައެވެ. ބަންގްލަދޭޝްގެ އަދަދުތަކަށް މާބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ.
ތަފާސްހިސާބުތަކުން ރާއްޖޭގެ ދިރިއުޅުމުގެ ޚަރަދު ކުޑަކަމަށް ދެއްކި ނަމަވެސް، އަސާސީ މުދަލާއި ކާބޯތަކެތީގެ އަގުތައް އުފުލެމުންދާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ވިޔަފާރިވެރިން ފާހަގަކުރާ ގޮތުގައި މުދަލުގެ އަގު ބޮޑުވުމުގެ މައިގަނޑު ސަބަބަކީ ބޭރު ފައިސާ ލިބުމުގައި ހުރި ދަތިތަކާއި، ޑޮލަރު ގަންނަން ލިބޭ އަގު ބޮޑުވުމެވެ. ރާއްޖެއަކީ ބޭރުން އެތެރެކުރާ މުދަލަށް ބަރޯސާވެފައިވާ އިގުތިސާދަކަށް ވާއިރު، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 20 ރުފިޔާއިން މަތީގައި ގިނަ ދުވަސްތަކެއް ވަންދެން ހިފެހެއްޓިފައި ހުރުމަކީ މުދާ އެތެރެކުރުމުގެ ޚަރަދު އިންތިހާއަށް ބޮޑުވެ، އާންމު ގޭބިސީތަކަށާއި ވިޔަފާރިތަކަށް އޭގެ ނޭދެވޭ އަސަރު ކުރަމުންދާ ކަމެކެވެ.