ރާއްޖެ ހިމެނޭހެން ސަރަޙައްދީ ފެންވަރުގައި ކަނޑުގެ މަސްވެރިކަން ބެލެހެއްޓުމަށް ޚާއްސަ ޕްލެޓްފޯމެއް ގާއިމުކުރުމަށް ސާކް ގައުމުތަކުގެ މެދުގައި ނިންމައިފިއެވެ.
މި ނިންމުން ނިންމާފައިވަނީ ކަނޑުމަހުގެ ބާވަތްތަކުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ސާކްގެ މެމްބަރު ގައުމުތަކުގެ މެދުގައި ސަރަޙައްދީ އެއްބާރުލުން ހަރުދަނާކުރުމަށް އަމާޒުކޮށްގެން މާލޭގައި ބޭއްވި ބައްދަލުވުމެއްގައެވެ.
މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނީ ސާކް އެގްރިކަލްޗަ ސެންޓަރުގެ ވިލަރެސްކުރުމުގެ ދަށުން ގާއިމުކުރާ މި ޕްލެޓްފޯމުގެ މައިގަނޑު ބޭނުމަކީ މަސްވެރިކަމުގެ ދާއިރާއަށް ކުރިމަތިވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމެވެ.

ރާއްޖެ ހިމެނޭހެން ސަރަޙައްދީ މަސްވެރިކަން ބެލެހެއްޓުމަށް ޚާއްސަ ޕްލެޓްފޯމެއް ގާއިމުކުރަން މަޝްވަރާކުރުން.. ފޮޓޯ/ ސާކް އެގްރިކަލްޗަ ސެންޓަރު
މި ބައްދަލުވުމުގައި ދެމެހެއްޓެނިވި މަސްވެރިކަމާއި، ކަނޑުމަހުގެ އުފެއްދުންތަކުގެ އަގު އިތުރުކުރުމާއި، މާކެޓަށް ވަނުމުގެ ފުރުސަތުތަކުގެ އިތުރުން ކާބޯތަކެތީގެ ޔަގީންކަމާއި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވެއެވެ.
މި ބައްދަލުވުން އިފްތިތާޙްކޮށްދެއްވަމުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު މުއްޠަލިބް ވިދާޅުވީ، ސަރަޙައްދީ އެއްބާރުލުމާއި، މަޢުލޫމާތު ޙިއްސާކުރުމާއި، އައު އީޖާދީ ގޮތްތައް ބޭނުންކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
މިކަންކަމުގެ ސަބަބުން ކަނޑުގެ ވަސީލަތްތަކަކީ މުޅި ސަރަޙައްދުގެ ކާނާގެ ރައްކާތެރިކަމާއި، ދެމެހެއްޓެނިވި އާމްދަނީއާއި، އިގްތިސާދީ ތަނަވަސްކަން ކަށަވަރުކޮށްދޭ ވަސީލަތްތަކެއްގެ ގޮތުގައި ދެމެހެއްޓޭނެކަން ސްޓޭޓް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ރާއްޖެ ހިމެނޭހެން ސަރަޙައްދީ މަސްވެރިކަން ބެލެހެއްޓުމަށް ޚާއްސަ ޕްލެޓްފޯމެއް ގާއިމުކުރަން މަޝްވަރާކުރުން.. ފޮޓޯ/ ސާކް އެގްރިކަލްޗަ ސެންޓަރު
މި ސެޝަންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ، ލިމިޓަށްވުރެ ގިނައިން މަސްވެރިކަން ކުރުމާއި، ގަވާއިދާ ޚިލާފަށް ކުރާ މަސްވެރިކަން (އައިޔޫޔޫ ފިޝިން) ހުއްޓުވުމާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށެވެ. މިކަންކަމަށް ޙައްލު ހޯދުމަށް ސަރަޙައްދީ ގުޅިފައިވާ މަގުޗާޓެއް އެކުލަވާލުމަށްވެސް ވަނީ ޚިޔާލު ބަދަލުކޮށްފައެވެ.
މަސްވެރިކަމާ ބެހޭ ވުޒާރާއިން އިތުރަށް ބުނެފައިވަނީ ވިޔަފާރީގެ ގޮތުން މުހިންމު ކަނޑުމަހުގެ ބާވަތްތަކަށް ޚާއްސަކޮށްގެން ކޮންމެ ގައުމަކަށް ވަކި އެކްޝަން ޕްލޭންތަކެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މައިގަނޑު ގޮންޖެހުންތަކާއި ސްޓްރެޓީޖިކް ލަފާތައް ހިމެނޭ ސަރަޙައްދީ ރިޕޯޓެއް އެކުލަވާލުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރަމުންނެވެ.