ޕާކިސްތާނުގައި ދީނަށް ފުރައްސާރަކުރި ބޭރު މީހަކު ދިރިހުއްޓައި އަންދާލުމުން އިމްރާން ޚާން ކޯފާވެއްޖެ

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާންޚާން

އިސްލާމް އާބާދު (ޑިސެމްބަރު 4) : އިސްލާމްދީނަށް ފުރައްސާރަކުރި މީހަކު ޕާކިސްތާނުގައި ވަރަށް އަނިޔާވެރި ގޮތަކަށް މަރާލުމުން އެހަރުކަށި އަމަލު ހިންގި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނާނެކަމަށް ވިދާޅުވެ ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން އިންޒާރު ދެއްވައިފިއެވެ.

އިމްރާންޚާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާމް ދީން ހިމާޔަތްކުރުމުގެ ނަމުގައި ޕާކިސްތާނުގައި އަމިއްލައަށް ގާނޫނުތައް ތަންފީޒު ކުރުމުގެ ފުރުސަތާއި ގާނޫނުގެ އިންތަކުން ބޭރު ހަރުކަށި އަމަލުތައް ހިންގުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދޭނެކަމުގައެވެ.

އިސްލާމްދީނަށް ފުރައްސާރަކުރި މީހާ ޝަރީއަތުގެ ކުރިމައްޗަށް ޙާޒިރުކުރުމުގެ ބަދަލުގައި އަނިޔާވެރިގޮތަކަށް އޭނާ މަރާލި މަރާލުން ގަބޫލުނުކުރެވޭނެކަމަށާ އެޖަރީމާ ހިންގުމުގައި އިސްކޮށް އުޅުނު މީހުންނާއި އެކަމުގައި ބައިވެރިވި އެންމެން ގާނޫނުގެ ކުރިމައްޗަށް ހާޒިރުކޮށް އަދަބު ދޭނެކަމަށްވެސް އިމްރާންޚާން ވިދާޅުވިއެވެ. އެޖަރީމާ ހިންގި މީހުންނާއި ބައިވެރިވި މީހުން ހައްޔަރުކުރުމުގެ މަސައްކަތާއި މައްސަލަ ތަހްގީގް ކުރުމުގެ މަސައްކަތް ޕާކިސްތާން ފުލުހުން ކުރިއަށް ގެންދާކަންވެސް އިމްރާންޚާން ހާމަކުރެއްވިއެވެ.

އިމްރާންޚާން ވަރަށް ކޯފާވެގެން މިމޭރުމުން ޓްވީޓް ކުރެއްވީ ޕާކިސްތާނުގެ ކާރުޚާނާއެއްގައި މެނޭޖަރެއްގެ ގޮތުން މަސައްކަތްކުރާ ސްރީލަންކާ މީހެއްގެ މައްޗަށް އިސްލާމްދީނަށް ފުރައްސާރަކުރިކަމުގެ ތުހުމަތު ކުރުމަށްފަހު އެކާރުޚާނާ ބަޔަކު އޭނާގެ ހަށިގަނޑުގައި ތަޅައި އަނިޔާކުރުމަށްފަހު އޭނާ ދިރިހުއްޓައި އަލިފާންޖަހައި އޭނާގެ ހަށިގަނޑު އަންދާލުމާ ގުޅިގެންނެވެ.

ޕާކިސްތާނުގެ ޕަންޖާބުގެ ފުލުހުން މިޖަރީމާގެ ތަހްގީގްތައް ފަށާފައިވާއިރު ސްރީލަންކާ މީހާ ދިރިހުއްޓައި އަންދާލައިގެން މަރާލުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވަނީ އިސްލާމް ދީނުގެ ނަމުގައި ހަރުކަށި ވިސްނުން ގެންގުޅޭ ބަޔަކުކަމަށް މީޑީއާ ރިޕޯޓްތައް ބުނެއެވެ.

މިޖަރީމާ ހިންގާފައިވަނީ ޕާކިސްތާނުގެ ޕަންޖާބުގެ ސަރަހައްދެއްކަމަށްވާ ސިޔާލްކޮޓް ހުންނަ ކާރުޚާނާ އެއްގައެވެ. ސިޔާލްކޮޓް އަކީ އިސްލާމްއާބާދުގެ އިރުދެކުނުން 200 ވަރަކަށް ކިލޯމީޓަރު ދުރުގައި އޮންނަ ސިނާއީ ސަރަހައްދެކެވެ.

ސިޔާލްކޮޓް ކަރުޚާނާ ގައި މެނޭޖަރެއްގެ ގޮތުން މަސައްކަތްކުރާ ސްރީލަންކާގެ ރައްޔިތެއްގެ ގައިގާ އެކާރުޚާނާގެ ބަޔަކު އިއްޔެ ހެނދުނު ތަޅައިގަނެ އެއަށްފަހު އޭނާ ދިރިހުއްޓައި އަލިފާންޖަހައި އޭނާ އަންދާލީ ކީރިތި ގުރްއާނުގެ މޫރިތި އާޔަތްތަކެއް ލިޔެފައިވާ ޕޯސްޓަރެއް އޭނާ ވީދާލަނިކޮށް ފެނިގެންކަމަށް މިމައްސަލަ ތަހްގީގްކުރާ ފުލުހުންނާ ހަވަލާދީ ރިޕޯޓްތައް ބުނެއެވެ.

އިސްލާމީ އަގީދާއާއި ކީރިތި ގުއުއާނަށް ފުރައްސާކުރުމާއި ކިރިތި ރަސޫލާ މުހައްމަދު (ސޢވ) އަށާއި އިސްލާމީ ޝިއާރުތަކާއި އިސްލާމީ ޝަރީއަތަށް ތައުހީން ކުރުމުގެ އަމަލުތައް ހިންގުމަކީ ޕާކިސްތާނުގައި ބޮޑެތި އަދަބުތައް ދެވޭ ކުށްތަކެވެ. މިފަދަ ޖަރީމާތަކަށް އަބަދު ދެެވޭނީ ޝައުރީ ނިޒާމުގެ ތެރެއިންނެވެ. އަމިއްލައަށް ގާނޫނު ތަންފީޒުކޮށްގެނެއް ނޫނެވެ.

އިސްލާމް ދީނަށް ފުރައްސާރަކުރުމުގެ އެއްވެސް ޖަރީމާއެއް ހިންގާތަން ފެނިއްޖެނަމަ އެކަން ރިޕޯޓްކުރާނެގޮތާއި އެފަދަ ޖަރީމާތައް ހިންގާ މީހުންނާމެދު އަމަލުކުރާނެގޮތް ޕާކިސްތާނުގެ ކަމާބެހޭ ގާނޫނުތަކާއި ގަވައިދުތަކުގައި ބުނެފައިވެއެވެ. މިފަދަ ޖަރީމާތައް ހިންގާ މީހުންނާ ދެކޮޅަށް ޝަރުއީ ދާއިރާގެ ބޭރުން އަމިއްލަ އަމިއްލައަށް އެމީހަކަށް ފެންނަ ގޮތަކަށް ގާނޫނު ތަންފީޒުކުރުމަކީވެސް ޕާކިސްތާނުގައި އެހާ ބޮޑު އަދަބު ލިބޭ ކުށެކެވެ.

ޕާކިސްތާނުގައި އިސްލާމް ދީނަށް ފުރައްސާރަ ކުރާމީހުންނާއި ތައުހީންކުރާ މީހުން ގިނަވަމުންދާއިރު އެފަދަ ހަރުކަށި މީހުންނާ ދެކޮޅަށް ބައެއް ގްރޫޕްތަކުން އަމިއްލައަށް ގާނޫނު ތަންފީޒުކުރުމުގެ ހާދިސާތައްވެސް ދަނީ ގިނަވަމުންނެވެ. މިކަން ހައްލުކުރުމަށްޓަކައި ދީންތަކުގެ މެދުގައި ސުލްހަވެރިކަން ގާއިމުކުރުމަށް އިމްރާން ޚާންގެ ސަރުކާރުން ދަނީ އިސްކަން ދެމުންނެވެ.

އިސްލާމް ދީނަށް ފުރައްސާރަކުރި ސްރީލަންކާގެ މީހާ އަނިޔާވެރި ގޮތަކަށް މަރާލި މިމައްސަލައާ ގުޅިގެން މިހާތަނަށް 50 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ޕަންޖާބުގެ ލޯކަލް ސަރުކާރުން ބުނެފައިވެއެވެ. ޕާކިސްތާނުގެ ނޫސްތައް ބުނާގޮތުން ބޮޑުވަޒީރު އިމްރާން ޚާންއާއި ޕަންޖާބުގެ ޗީފް މިނިސްޓަރ އުސްމާން ބަޒްދާރު ވަނީ މިމައްސަލާގައި ވަރަށް ބޮޑަށް ކޯފާވެފައެވެ. މިޖަރީމާގައި ބައިވެރިވި އެންމެން ހައްޔަރުކޮށް މިމައްސަލައިގެ ތަހްގީގް އަވަސްކުރުމުން އެދެބޭފުޅުން ޕަންޖާބުގެ ފުލުހުންނަށް އަންގަވާފައިވާކަމަށް ވެސް ޕާކިސްތާނުގެ ނޫސްތައް ބުނެއެވެ.

ޕާކިސްތާނާ ގާތްގުޅުންތަކެއް އޮންނަ ސްރީލަންކާގެ ޚާރިޖީ ވުޒާރާއިން ވަނީ އެގައުމުގެ ރައްޔިތަކު ވަރަށް އަނިޔާވެރި ގޮތަކަށް ޕާކިސްތާނުގައި މަރާލައި އޭނާގެ ހަށިގަނޑު އަންދާލި މައްސަލާގައި ކަންބޮޑުވާކަން ހާމަކޮށްފައެވެ. ނަމަވެސް މަރާލެވުނު ސްރީލަންކާގެ މީހާއަށް ޕާކިސްތާނުގެ ކޯޓުތަކުން އިންސާފު ހޯދައިދޭނެކަމުގެ އުންމީދު އޮތްކަމަށް ސްރީލަންކާގެ ޚާރިޖިއްޔާއިން ނެރުނު ބަޔާން ބުނެއެވެ.

comment ކޮމެންޓް