ސަރަހައްދީ ރޮނގު ހުރަސްކޮށް ޕާކިސްތާނަށް ވަންނާނެ ކަމަށް އިންޑިއާއިން ބުނި ބުނުން ޕާކިސްތާނުން ކުށްވެރިކޮށްފި

އިންޑިއާގެ ދިފާއީ ވަޒީރު ރާޖްނާތް ސިންގް. ފޮޓޯ/އަލް ޖަޒީރާ

ހަމަލާ ދިނުމަށްފަހު ފިލަންދާ ކޮންމެ މީހަކު ހޯދައި މަރާލުމަށް ޕާކިސްތާނާއި އިންޑިއާގެ ސަރަހައްދީ ރޮނގު ހުރަސްކޮށް ޕާކިސްތާނަށް ވަންނާނެ ކަމަށް އިންޑިއާގެ ދިފާއީ ވަޒީރު ރާޖްނާތް ސިންގް ދެއްކެވި ވާހަކަފުޅު ޕާކިސްތާނުން ކޮށްވެރިކޮށްފިއެވެ.

ރާޖްނާތް އެގޮތަށް ވިދާޅުވެފައިވަނީ 2020 ވަނަ އަހަރުން ފެށިގެން އިންޑިއާއިން ޕާކިސްތާނުގެ 20 މީހުން މަރާލާފައިވާ ކަމަށް ދަ ގާޑިއަންއިން ރިޕޯޓުކުރުމާ ގުޅިގެންނެވެ. އަދި އެގޮތަށް މީހުން މަރާލާފައި ވަނީ އެ މީހުންނަނީ ޓެރަރިސްޓުން ކަމަށް ބުނެ ކަމަށް ވެސް ގާޑިއަން އިން ރިޕޯޓުކޮށްފައިވެއެވެ.

"އިންޑިއާ އަބަދުވެސް ބޭނުންވަނީ އަވަށްޓެރި ގައުމުތަކާ ރަނގަޅު ގުޅުމެއް ބާއްވަން. ނަމަވެސް އިންޑިއާއާމެދު ތަކުރާރުކޮށް ހިތްހަމަނުޖެހުން ފާޅުކޮށް އިންޑިއާއަށް އައިސް ޓެރަރިސްޓް ހަރަކާތްތައް ކުރިއެރުވަން މަސައްކަތް ކުރާނަމަ އަޅުގަނޑުމެން އެމީހުން ދުލެއް ނުކުރާނަން." އެ އިންޓަވިއުގައި ރާޖްނާތް އިތުރަށް ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ޕާކިސްތާނުގެ ހާރިޖީ ވުޒާރާއިން ބުނީ ޕާކިސްތާނުގެ ރައްޔިތުންނަކީ ޓެރަރިސްޓުން ކަމަށް އަމިއްލައަށް ކަނޑައަޅައި މަރުގެ އަދަބު ދިނުމަށް އިންޑިއާއިން ތައްޔާރަށް އޮތް ކަމަށް ބުނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އަދި އެފަދަ ޒިންމާދާރުކަން ކުޑަ ކަންކަމަކީ ހަމައެކަނި ސަރަހައްދީ ސުލްހައަށް ބުރޫއަރާ ކަމެއް ނޫން ކަމަށާއި މިއީ ދިގު މުއްދަތުގައި ދެ ގައުމުގެ ގުޅުން ބިނާކުރުމަށް ލިބޭ ފުރުސަތުތަކަށްވެސް ހުރަސްއެޅޭނެ ކަންކަން ކަމަށް ހާރިޖީ ވުޒާރާއިން ބުނެއެވެ.

އިންޑިއާއާއި ޕާކިސްތާނ ދެމެދު ގުޅުން އިތުރަށް ގޯސްވެފައި ވަނީ އިންޑިއާގެ އަސްކަރީ ބޭސްއެއްގައި 2019 ވަނަ އަހަރު ޕާކިސްތާނުން ދިން ޖާނުންފިދާވުމުގެ ހަމަލާއަކާ ގުޅިގެންނެވެ.

comment ކޮމެންޓް