ޕާކިސްތާނުގެ ފަނޑިޔާރުންތަކަކަށް ގޮތް ނޭނގޭ ކުނޑިތަކެއް ހުރި ސިޓީތަކެއް

ޕާކިސްތާނުގެ ހައިކޯޓު ބޭރުގައި ފުލުހުންތަކެއް މަޑުކޮށްލައިގެން. ފޮޓޯ/އަލް ޖަޒީރާ

ޕާކިސްތާނުގެ އިސް ފަނޑިޔާރުންތަކަކަށް ގޮތް ނޭނގޭ ހުދު ކުލައިގެ ކުނޑިތަކެއް އަޅައިފައިހުރި ސިޓީ އުރަތަކެއް ލިބިއްޖެއެވެ.

އެ ސިޓީ އުރަތައް ފުރަތަމަ ލިބިފައި ވަނީ އަންގާރަ ދުވަހު އިސްލާމްއާބާދު ހައިކޯޓުގެ އަށް ފަނޑިޔާރަކަށެވެ. ސިޓީ އުރަތަކުގައި ޕާކިސްތާނުގެ ޝަރުއީ ނިޒާމަށް ފާޑުކިޔައި އިނގިރޭސި ބަހުން އޮތް ނޯޓެއްވެސް އޮތް ކަމަށް މީޑިއާތަކުން ބުނެއެވެ. އެ ލިޔުމުގައި "ބެސިލަސް އެންތްރާސިސް" ލަފުޒުވެސް ބޭނުންކޮށްފައި އޮތެވެ.

ބެސިލަސް އެންތްރެސިސް އަކީ ވަގުތުން ފަރުވާ ނުދީފިނަމަ މަރުވެދާނެ ފަދަ ސީރިއަސް އިންފެކްޝަނެއް ކުރިމަތި ކުރުވާ ބެކްޓީރީއާ އަކަށް ކިޔާ ނަމެކެވެ.

ޕާކިސްތާނުގެ އުއްތަމަ ފަނޑިޔާރު ގާޒީ ފައިޒް އީސާ ހިމެނޭހެން ލާހޯރުގެ ފަސް ފަނޑިޔާރަކަށްވެސް ވަނީ އެފަދަ ސިޓީތަކެއް ލިބިފައެވެ.

ޕާކިސްތާނުގެ ފުލުހުން ކޯޓަށް ހުށަހަޅައިފައިވާ އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ބުދަ ދުވަހު ވަނީ ބާއްވައިފައެވެ. އަޑުއެހުމުގައި އުއްތަމަ ފަނޑިޔާރު އީސާ ވަނީ ޝަރުއީ ދާއިރާގެ މިނިވަންކަމަށް ހުރި ނުރައްކާތަކާ ގުޅިގެން ގެންގުޅޭނީ "ޒީރޯ ޓޮލަރެންސް" ކަމަށް ވިދާޅުވެފައެވެ. އެ މައްސަލައިގެ ދެން ބާއްވާ އަޑުއެހުން އޮންނާނީ މި މަހުގެ 29 ވަނަ ދުވަހުއެވެ.

ޕާކިސްތާނުގެ ފުލުހުން ބުނީ ސިޓީތައް ފޮނުވި ކަމުގެ ޒިންމާ ތަހްރީކް-އެ-ނަމޫސް ކިޔާ ޕާކިސްތާނަށް ނިސްބަތްވާ ގްރޫޕަކުން ނަގައިފައިވާ ކަމަށެވެ.

ތަހްރީކް-އެ-ނަމޫސްގެ ވާހަކަ އެންމެ ފުރަތަމަ ފެތުރުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އިސްލާމްއާބާދުގެ ހައިކިން ޓްރެއިލްއަކުން ޝައްކު ކުރެވޭ ދަބަހެއް ފެނުނު މައްސަލައަކާ ގުޅިގެންނެވެ. އެ ދަބަހުން ސިޓީއަކާއި ފިސްތޯލައަކާއި ބައެއް ވަޒަންތަކާއި ޕާކިސްތާނުގެ ބައެއް އިމާރާތްތައް ފާހަގަކޮށްފައިހުރި ޗާޓެއް ވަނީ ފެނިފައެވެ.

އިސް ފަނޑިޔާރުންނަށް ސިޓީތައް ފޮނުވައިފައި ވަނީ ޕާކިސްތާނުގެ އެންމެ ބޮޑު ޖާސޫސީ އިދާރާ އިންޓަ ސާވިސަސް އިންޓެލިޖެންސް (އައިއެސްއައި)އިން ޝަރުއީ މައްސަލަތަކަށް ވަންނަ ކަމަށް ބުނެ އިސްލާމްއާބާދު ހައިކޯޓުގެ ހަ ފަނޑިޔާރަކު ސުޕްރީމް ކޯޓަށް ސިޓީއެއް ފޮނުވިތާ ހަފުތާއެއްހާ ދުވަސް ފަހުންނެވެ.

އައިއެސްއައި އާއި ޕާކިސްތާނުގެ އަސްކަރިއްޔާއިން އެކަމާ ގުޅިގެން އެއްވެސް އެއްޗެއް ބުނެފައެއްނުވެއެވެ.

comment ކޮމެންޓް