ޣައްޒާގައި ޝަހީދުކޮށްލި ތުއްތުކުދިންގެ ހަނދާނުގައި އީދު ނަމާދަށްފަހު ޕާކިސްތާނުގައި ސުކޫތެއް

ޕާކިސްތާނުގައި ބޮޑު ޖަމާއަތުގައި އީދުނަމާދު ކުރަނީ

އިސްލާމް އާބާދު (10 އެޕްރީލް 2024): ޔަހޫދީ އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ގަތުލުއާންމުތަކާއި ހައިހޫނުކަމާއި ދެކޮޅަށް ޣައްޒާގެ ރައްޔިތުންނަށް ހަމްދަރުދީ ފާޅުކުރުމުގެ ގޮތުންނާއި ޔަހޫދީންގެ ގަތުލުއާންމުތަކުގައި ޝަހީދުކޮށްލާފައިވާ ޣާއްޒާގެ 14 ހާހަށްވުރެ ގިނަ ތުއްތު ކުދިންގެ ހަނދާނުގައި ޕާކިސްތާނާއި ބައެއް އިސްލާމީ ގައުމުތަކުގައި އީދު ނަމާދަށްފަހު އެއްމިނިއްޓުގެ ސުކޫތެއް ގެނެސްފިއެވެ.

ޕާކިސްތާނުގައި މި ސުކޫތު ގެނައީ އެގައުމުގެ އިސްލާމީ ޖަމްއިއްޔާ ޖަމާއަތްތަކާއި ސަރުކާރު ގުޅިގެންނެވެ. ޕާކިސްތާނުގެ މީޑީއާ ބުނާގޮތުން ޕާކިސްތާނުގައި މިއަދު އީދުނަމާދުކުރި މިސްކިތްތަކާއި ބޮޑު ޖަމާއަތުގައި އީދުނަމާދުކުރި ތަންތަނުގައިވެސް ޔަހޫދީންގެ އަނިޔާގެ ޝިކާރައަކަށް ވެފައިވާ ޣައްޒާގެ ރައްޔިތުންގެ މަތިން ހަނދާންކޮށް އެމީހުންނަށް ހަމްދަރުދީ ފާޅުކުރުމުގެ ގޮތުން ވަނީ އެއްމިނިއްޓުގެ ސުކޫތެއް ގެނަސްފައެވެ.

ޕާކިސްތާނުގައި ކުރި އީދު ނަމާދުގެ ޚުތުބާގައިވެސް ވަނީ ޣައްޒާގެ ރައްޔިތުންގެ މަތިން ހަނދާންކުރުމަށާއި އިސްރާއީލުން ޝަހީދުކޮށްލާފައިވާ ޣައްޒާގެ އާންމުންނާއި މުޖާހިދުންނަށް ރަހްމަތްލެއްވުންއެދި ހެޔޮ ދުއާ ކުރުމަށާއި ޔަހޫދީން ބަނޑަށް ޖައްސައި ބޮންއެޅުމުގެ ޝިކާރައަކަށް ހަދާފައިވާ ޣައްޒާގެ އާންމު ރައްޔިތުން އެވޭންތަކުން ސަލާމަތް ކުރެއްވުމަށް އެދި ދުއާކޮށްފައެވެ.

އީދުގައިވެސް ޣައްޒާގެ ރައްޔިތުންގެ ވޭންދެނިވި ހާލަތު

ޕާކިސްތާނުގެ އިތުރުން އިސްލާމީ ބައެއް އެހެން ގައުމުތަކުގައިވެސްވަނީ ޣައްޒާގެ ރައްޔިތުންނާއި ޝަހީދުކޮށްލާފައިވާ 14 ހާހަށްވުރެ ގިނަ ތުއްތުކުދިންގެ ހަނދާނުގައި ސުކޫތުތައް ގެނަސްފައެވެ. އިސްރާއީލުގެ ފައިޓާޖެޓްތަކުން އީދު ވިލޭރޭވެސް ވަނީ ޣައްޒާގެ އެތަން މިތަނަށް ބޮންއަޅައި އާންމުންގެ އެތައް ބަޔަކު ޝަހީދުކޮށްލާފައެވެ. އަދި މިއަދުވެސް އިސްރާއީލުގެ ޖެޓްތަކުންވަނީ ޣައްޒާގެ ރެފިއުޖީ ދެއަވަށަކަށް ބޮންއަޅައި 14 މީހަކު ޝަހީދުކޮށްލާފައެވެ.

ޔަހޫދީ އިސްރާއީލުން މިޖަރީމާތައް ހިންގަނީ އިންސާނީ ހައްގުތަކާއި ތަހުޒީބު ކަމަށް ދައުވާކުރާ އެމެރިކާއާއި ޔޫރަޕްގެ ބޮޑެތި ބާރުތަކުގެ އެހީގައި އެގައުމުތަކުގެ އެއްބާރުލުން ލިބިގެންނެވެ. މީގެތެރޭގައި ހަތިޔާރުގެ އެހީއާއި އިގްތިސާދީ އެހީއާއި ސިޔާސީ ހިމާޔަތް ހިމެނެއެވެ.

ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ މުޖާހިދުންގެ ޖަމާއަތްތައް ނައްތާލުމާއި ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެގެންއޮވެ އިސްރާއީލަށް ރައްކާތެރިކަން ހޯދައި ދިނުމަކީ އިސްރާއީލުގެ ލަނޑުދަނޑިއެކޭ އެއްފަދައިން ޔަހޫދީންގެ ބާރާއި ނުފޫޒުގަދަ އެމެރިކާއާއި ޔޫރަޕްގެ ބާރުތަކުގެވެސް މައިގަނޑު ލަނޑުދަނޑިއެވެ. އަދި ހަމާސް ޖަމާއަތް ބަލިކޮށް ނައްތާލެވެންދެން އިސްރާއީލުގެ ހަމަލާތައް ހުއްޓާނުލައި ކުރިޔަށް ގެންދިޔުމަކީ އިސްރާއީލު ބޭނުންވާގޮތަށް އެމެރިކާއާއި ޔޫރަޕްގެ ބާރުތައްވެސް ބޭނުންވާގޮތެވެ.

ހަމަލާތައް ހުއްޓާލުމުގެ ނަމުގައި ގަތަރާއި މިސްރާ ގުޅިގެން އެމެރިކާ އިސްރާއީލާއެކު ދައްކަމުން ގެންދާ ވާހަކަތަކަކީ އިސްރާއީލުން ޣައްޒާގައި ހިންގާ ގަތުލުއާންމުތަކާ ޔޫރަޕުން އާންމުން މެރުމާ ދެކޮޅުކަމާއި އެކަން ހުއްޓަން މަސައްކަތްކުރާކަން ދުނިޔެއަށް ދެއްކުމަށް ޓަކައި ހިންގާ މުނާފިގު ހަރަކާތްތަކެއްކަމަށް މުހައްލިލުން ދެކެވަޑައިގަންނަވައެވެ.

comment ކޮމެންޓް