ސްރީލަންކާގައި ކުރިޔަށްދާ މަހިންދަ ރާޖަޕަކަސައި އިންވިޓޭޝަނަލް ފޯނޭޝަންސް ކަޕުގެ ފައިނަލުގައި ހޯމް ޓީމް ލަންކާ ބަލިކޮށް ސީޝެލްސްއިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
ކޮލަމްބޯގެ ރޭސްކޯސް ސްޓޭޑިއަމްގައި މިރޭ ކުޅުނު ފައިނަލްގެ ފުރިހަމަ ވަގުތު ހަމަވި އިރު ސްކޯ އަކީ 3-3 އެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީން ސީޝެލްސް ކުރި ހޯދީ 1-3 ގެ ނަތީޖާއަކުންނެވެ. އެއާއެކު މެޗުގެ 4-6 ގެ ފުލް ސްކޯއަކާ އެކު ސީޝެލްސްއިން ވަނީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައެވެ.
ފީފާގެ ރައީސް ގިއަނީ އިންފަންޓީނޯ ޝަރަފުވެރިކޮށްދިން މި މެޗަކީ ލަންކާއިން ވޭތުވެ ދިޔަ 25 އަހަރުގެ ތެރޭ ކުޅުނު ފުރަތަމަ ފައިނަލެވެ.
ލަންކާއިން ފައިނަލުގެ ޖާގައެއް ހޯދީ ކުޅުނު ތިން މެޗުން ހަތަރު ޕޮއިންޓް ހޯދައިގެންނެވެ. ފުރަތަމަ މެޗުގައި 4-4 އިން ރާއްޖެއާ އެއްވަރު ކުރި އިރު، ދެވަނަ މެޗުގައި ސީޝެލްސް އަތުން 0-1 އިން ވަނީ ބަލިވެފައެވެ. އެކަމަކު ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބަންގްލަދޭޝް އަތުން 2-1 އިން ލަންކާ ވަނީ މޮޅުވެފައެވެ.
ސީޝެލްސްއިން ފައިނަލަށް ދަތުރު ކުރީ ކުޅުނު ތިން މެޗުން ފަސް ޕޮއިންޓް ހޯދައި، ގުރޫޕް ތާވަލުގެ އެއްވަނައިގެ ގޮތުގައެވެ. ފުރަތަމަ މެޗުގައި ބަންގްލަދޭޝް އަތުން 1-1 އިން އެއްވަރުވި އިރު، ދެވަނަ މެޗުގައި ލަންކާއަތުން ވަނީ މޮޅުވެފައެވެ. ފަހު މެޗުގައި ރާއްޖެ އަތުން ވަނީ ޕޮއިންޓެއް ހޯދައިފައެވެ.
މިރޭގެ މެޗު ފަށައިގެން ހަތަރުވަނަ މިނަޓުގައި ލަންކާއިން ވަނީ ގޯލެއް ޖަހައިފައެވެ. އެ ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ މާވިން ހަމިލްޓަންއެވެ. އެ ހާފު ނިމެންދަނިކޮށް ސީޝެލްސްއިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެ ގޯލު އެ ޓީމަށް ޖަހައިދިނީ ހިއުބާޓް ޖީންއެވެ.
ދެވަނަ ހާފު ފަށައިގެން ލަންކާއިން އަނެއްކާވެސް ކުރިއަށް ޖައްސައި، ގިނަ ހަމަލާތަކެއް އުފެއްދި އިރު، އެ ޓީމުން ވަނީ އެ ހާފުގެ ކުރީކޮޅު ލީޑު ނަގައިފައެވެ.
އޭގެ އިރަކޮޅެއް ފަހުން ލަންކާއިން ލީޑު ދެ ގޯލަށް ފުޅާކުރި އިރު، ސީޝެލްސްއިން ވަނީ އެ ގޯލާއެކު ޓީމު އެއްކޮށް ކުރިއަށް ޖައްސައި ލަންކާގެ ގޯލަށް ނުރައްކާ ކުރަން ފަށައިފައެވެ. ނަތީޖާއަކަށްވީ ފަހަތުން އަރައި ދެ ގޯލު ސީޝެލްސްއިން މެޗު ނިމުމުގެ ކުރިން ޖަހައި އެއްވަރުކުރުމެވެ.
މެޗު އެއްވަރުވުމާއެކު، އިތުރު ވަގުތު ނުކުޅެ ސީދާ ޕެނަލްޓީއަށް ދިއުމަށް މުބާރާތުގެ ގަވާއިދުގައި އޮތުމުން ކަންތައް ކުރީ އެގޮތަށެވެ. ޕެނަލްޓީގައި ސީޝެލްސް ކުރި ހޯދީ ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ ކާމިޔާބުކޮށްގެންނެވެ. ލަންކާއަށް ވަނީ ތިން ޕެނަލްޓީ ނާކާމިޔާބުވެފައެވެ.
މިއީ ދުނިޔޭގެ ރޭންކިންގްގެ 199 ވަނައިގައި އޮތް ސީޝެލްސްއަށް ފުޓުބޯޅައިގައި ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީއެވެ.