ދަރިވަރަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި އެޑިއުކޭޝަން މިނިސްޓްރީގެ ވެރިން މަޖިލީހަށް ހާޒިރުކުރަނީ

ހިއުމަން ރައިޓްސް ކޮމިޓީ -- ސަން ފޮޓޯ/ އަހުމަދު އަވްޝަން

ގަލޮޅު މަދަރުސާގައި ކިޔަވަމުންދާ ހަތަރު އަހަރުގެ އަންހެން ކުއްޖަކަށް، އެ ސްކޫލުގެ މަސައްކަތު އަންހެނަކު ޖިންސީ ގޯނާކުރި މައްސަލައިގައި އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ހާޒިރުކުރަން އެ ކޮމިޓީން ނިންމައިފިއެވެ.

ޖިންސީ ގޯނާގެ މި މައްސަލަ ބެލުމަށް އެ ކޮމިޓީއަށް ހުށަހަޅައިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމެވެ.

މިއަދު އޮތް އެ ކޮމިޓީގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު ވަނީ މި މައްސަލައާ ގުޅުން ހުރި ފަރާތްތައް އެ ކޮމިޓީއަށް ހާޒިރުކުރުމަށް ޓަކައި އެކަން ކޮމިޓީގެ މެމްބަރުންނަށް ހުށަހަޅުއްވައިފައެވެ.

އެގޮތުން ޖީހާން ހުށަހެޅުއްވީ ފުލުހުންގެ ތެރެއިންނާއި އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިންގެ އިތުރުން ޖެންޑާ މިނިސްޓްރީގެ އިސްވެރިން ކޮމިޓީއަށް ހާޒިރުކުރުމަށެވެ. އެއާއެކު އެ ކޮމިޓީގެ މެމްބަރުން ވަނީ އެ ހުށަހެޅުމަށް ތާއިދުކޮށްފައެވެ. އަދި ބުދަ ދުވަހު އޮންނަ ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުކުރުމަށް ނިންމައިފައެވެ.

"އެހެންވީމާ ބުދަ ދުވަހުގެ ބައްދަލުވުމަށް އެޑިއުކޭޝަން މިނިސްޓްރީއާ މޯލްޑިވްސް ޕޮލިސް ސާވިސް އަދި ޖެންޑާ މިިނިސްޓްރީ ގެންނަ ގޮތަށް ތިބޭފުޅުންގެ ރުހުން އޮތް ނަމަ އަޅުގަނޑު އެގޮތަށް މި ނިންމަނީ،" ޖީހާން ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މި މައްސަލައިގެ ތަހުގީގު ހިނގާ ގޮތް ބެލުމަށް ޓަކައި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަދި ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހަށް ވެސް ލިޔުމުން ހުށަހަޅާނެކަމަށެވެ.

ޖީހާން ވިދާޅުވީ ސްކޫލްތައް ރައްކާތެރި ތަންތަނަށް ހެދުމަށް ޓަކައި ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަމަށެވެ.

https://sun.mv/158521

މި މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގާ، ސުކޫލްތަކުގައި ދަރިވަރުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ސަރުކާރަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފައި ވެސް ވަނީ މިއަދެވެ. މައްސަލަ ހުށަހެޅިީ އިދިކޮޅު ޕީޕީއެމަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމެވެ.

ގަލޮޅު ސްކޫލުގައި ކިޔަވަމުންދާ ހަތަރު އަހަރުގެ އަންހެން ކުއްޖަކަށް، އެ ސްކޫލުގެ މަސައްކަތު އަންހެނަކު ޖިންސީ ގޯނާކުރި މައްސަލައިގައި ސްކޫލު ތެރޭގައި ކެމެރާ ހަރުކޮށް، ހުރިހާ މަސައްކަތު އަންހެނުން ސަސްޕެންޑުކޮށްފައިވަނީ އިއްޔެއެވެ.

https://sun.mv/158497

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ. ނަމަވެސް މިހާތަނަށް އެ އަމަލު ހިންގި ވަކި މީހެއްް ހޯދިފައެއް ނުވެއެވެ.

comment ކޮމެންޓް