ގަލޮޅު ސްކޫލުގައި ކިޔަވަމުންދާ ހަތަރު އަހަރުގެ އަންހެން ކުއްޖަކަށް، އެ ސްކޫލުގެ މަސައްކަތު އަންހެނަކު ޖިންސީ ގޯނާކުރި މައްސަލައިގައި ސްކޫލު ތެރޭގައި ކެމެރާ ހަރުކޮށް، ހުރިހާ މަސައްކަތު އަންހެނުން ސަސްޕެންޑު ކޮށްފިއެވެ.
އެކަން އެ ސްކޫލުގެ މެނޭޖްމަންޓުން ނެރުނު ދެންނެވުމެއްގައި ބެލެނިވެރިންނަށް ވަނީ އަންގާފައެވެ.
އެ ދެންނެވުމުގައި ބުނެފައިވަނީ އެ ސްކޫލުގެ ހުރިހާ މަސައްކަތު އަންހެނުން ވަޒީފާއިން ސަސްޕެންޑުކޮށްފައިވާ ކަމަށާއި ކުދިން ފާހާނާއަށް ދާނީ ޓީޗަރުންގެ ބެލުމުގެ ދަށުން ކަމަށެވެ.
މި މައްސަލައިގައި ގަލޮޅު ސްކޫލުގެ ހުރިހާ މަސައްކަތު އަންހެނުން ސަސްޕެންޑު ކުރީ، އަންހެން ކުއްޖާއަށް ޖިންސީ ގޯނާކުރީ ސީދާ އެތަނުން ކާކު ކަން ނޭނގޭތީއެވެ.
މީގެ އިތުރުން ސްކޫލުގެ 18 ތަނެއްގައި ސީސީޓީވީ ކެމެރާ ހަރުކޮށްފައިވާ ކަމަށް ވެސް ސްކޫލުގެ ދެންނެވުމުގައި ބުނެފައިވެއެވެ.
މި މައްސަލައިގައި އެޑިއުކޭޝަން މިނިސްޓްރީން ބުނީ ދަރިވަރަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ސްކޫލަށް ހުށަހެޅި ކަމުގެ މައުލޫމާތު ލިބުމާއެކު އެކަން ސީރިއަސް ކަމެއްގެ ގޮތުގައި ބަލަމުންދާ ކަމަށާއި މިހާރު ވެސް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ.