ގަލޮޅު މަދަރުސާގެ ދަރިވަރަށް ޖިންސީ ގޯނާކުރި މައްސަލަ މަޖިލީހަށް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް -- ފޮޓޯ/ މަޖިލިސް

ގަލަޅު މަދަރުސާގެ ދަރިވަރަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގާ، ސުކޫލްތަކުގައި ދަރިވަރުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ސަރުކާރަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ޕީޕީއެމްގެ ނައިބު ރައީސް އަދި މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމެވެ.

އޭނާ ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ ގަލޮޅު މަދަރުސާގައި ކިޔަވަމުން އަންނަ ހަތަރު އަހަރުގެ ދަރިވަރަށް ޖިންސީ ގޯނާކުރި މައްސަލައިގައި ސުކޫލުން އަމަލު ކޮށްފައިވަނީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކަމަށެވެ.

ސުކޫލްގައި ދަރިވަރުން ހޭދަކުރާ ވަގުތަކީ އެ ކުދިންގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަމުގެ ޒިންމާ ސުކޫލްތަކުން ފުރިހަމަ އަށް ނަގަންޖެހޭ ވަގުތެއް ކަމަށްވީ ނަމަވެސް ގަލޮޅު މަދަރުސާގައި އެ ދަރިވަރު ހަވާލުވެގެން ހުރި ޓީޗަރަށް، އެ ދަރިވަރު ހަވާލުކުރެވުނީ ކާކާ ކަންވެސް ނޭނގި، އަދި ސުކޫލްގައި ކަން ހިނގާދިޔަ ގޮތް ބެލޭނެ ކެމެރާތަކެއް ވެސް ނެތި، މިކަމުގެ ޒިންމާ އިން ރެކެން ސުކޫލު މެނޭޖްމެންޓުން މަސައްކަތްކޮށްފައިވާ ކަމަށް، މައްސަލައިގައި ބުނެފައިވެއެވެ.

އެ މައްސަލައިގައި ބުނެފައިވަނީ އެ ފަދަ ހައްސާސީ މައްސަލަތަކުގައި މެޑިކަލް ރިޕޯޓް އަވަހަށް ހެދޭނެ އިންތިޒާމުތަކެއް އެކުލަވައިލުމަކީ މުހިއްމު ކަމެއް ކަމުގައިވީ ނަމަވެސް، އެކަން ކުރެވުން ލަސްވުމަކީ މި ފަދަ މައްސަލަތަކުގައި ލިބޭ އަނިޔާގެ މިންވަރު ދެނެގަތުމަށް އެޅޭ ހުރަހެއްކަމަށެވެ.

މީގެ އިތުރުން މި މައްސަލައިގައި އެޑިއުކޭޝަނާއި ޖެންޑާ މިނިސްޓްރީން ނިންމަންޖެހޭ ނިންމުންތައް އެހާމެ، ލަސް ކަމާއި އަދި މި މައްސަލައަށް ސަމާލުކަމެއް ލިބުނީ މީޑިއާ އިން މިކަމާ ގުޅޭގޮތުން ރިޕޯޓުތައް ގެނެސްދޭން ފެށުމުން ކަމަށްވާތީއާއި އެ މައްސަލައިގައި ޝާމިލުވާ ހުރިހާ ފަރާތްތަކުން ވެސް އަމަލުކޮށްފައިވަނީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކަމަށް ފާހަގަ ކޮށްފައިވެއެވެ.

އެތައް ސަތޭކަ ދަރިވަރުން ތައުލީމު ހާސިލުކުރަމުން އަންނަ ސުކޫލަކުން ދަރިވަރަކަށް މިފަދަ އަނިޔާއެއް ލިބުމަކީ ސުކޫލްގެ ނިޒާމަށް ބެލެނިވެރިންގެ ހިތުގައި އޮތް ޔަގީންކަން ކުޑަވެ މުސްތަގުބަލުގެ ޖީލުތަކަށް ނުހަނު ބޮޑު ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމެއް ކަމަށް ވެސް މައްސަލައިގައި ބުނެފައިވެއެވެ.

ޝިޔާމް ހުށަހެޅުއްވި މައްސަލައިގައި ވަނީ ގަލޮޅު މަދަރުސާގައި ހަތަރު އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގާ އެ ކަމުގައި އިހުމާލުވި ފަރާތްތަކަށް ފިޔަވަޅުއަޅާ މިފަދަ ކަންކަން ތަކުރާރުނުވާ ފަދަ ގޮތަކަށް ސުކޫލްގެ ނިޒާމް އިތުރަށް ހަރުދަނާ ކުރުމަށް ގޮވާލާފައެވެ.

މައްސަަލައިގައި އެންމެ ފަހު ކަމަކަށް ބުނެފައިވަނީ ސުކޫލްތަކުގައި ދަރިވަރުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށާއި މިފަދަ މައްސަލަތަކުގައި ކަމާބެހޭ މުއައްސަސާ ތަކުން އަވަސް ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލާ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 179 ވަނަ މާއްދާގެ ދަށުން މައްސަލަ ހުށަހަޅާ ކަމަށެވެ.

comment ކޮމެންޓް