މިވަގުތު ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން ވަޒީފާގެ ހުއްދަ ހަމަވެފައިވާ، ނުވަތަ ސައްހަ ލިޔެކިއުމެއްނެތި މަސައްކަތްކުރަމުން އަންނަ ބިދޭސީންނަށް ސައްހަ ވޯކް ޕާމިޓެއް ހޯދަން، މި ފެށޭ ޖެނުއަރީގެ ފުރަތަމަ ދުވަހުން ފެށިގެން ތިން މަހުގެ މުއްދަތެއް ދޭން ނިންމައިފިއެވެ.
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ މިއީ ރާއްޖޭގައި ގަވައިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީން ގަވައިދަށް ފެއްތުމަށް ކުރާ މަސައްކަތުގެ ދަށުން ކުރާ ކަމެއް ކަމަށެވެ. އެގޮތުން އަންނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން އޭޕްރިލް މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް، ބިދޭސީންގެ މައުލޫމާތު އަދާހަމަކުރުމަށް ހުޅުވާލާނެކަން ވަނީ ހާމަކޮށްފައެވެ.
މިނިސްޓްރީން ބުނީ ވަޒީފާ ދޭ ފަރާތްތަކާއި އަމިއްލައަށް ގަވައިދަށް ފެތެން ބޭނުންވާ ބިދޭސީންނަށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް، އެ މުއްދަތުގައި ހުށަހެޅޭނެ ކަމަށެވެ.

އިމިގްރޭޝަނާއި ފުލުހުން ބިދޭސީންގެ އެކޮމޮޑޭޝަން ބްލޮކެއް ބަލައި ފާސްކުރަނީ: --- ފޮޓޯ: ފުލުހުން
އެއާއެކު، މިނިސްޓްރީގެ އިއުލާނުގައިވަނީ، ގަވައިދަށް ފެތުމަށްޓަކައި ހުށަހެޅޭނެ ބިދޭސީންގެ ޝަރުތުތައް ވެސް ހިމަނައިފައެވެ. އެ ޝަރުތުތަކަކީ:
- ވޯކް ޕާމިޓުގެ މުއްދަތު ހަމަވެފައިވުން
- އެއްވެސް ސަބަބަކާ ހުރެ ބްލެކްލިސްޓުކޮށްފައިވާ ބިދޭސީއަކަށް ނުވުން
- ރާއްޖޭގައި މިވަގުތު ހުރި ބިދޭސީއަކަށް ވުން
- ބިދޭސީން ގަވައިދަށް ފެއްތުމަށް ހުށަހަޅައި ވަޒީފާދޭ ފަރާތަކީ، އެންމެ ފަހުން ވޯކް ޕާމިޓް ދޫކޮށްފައިވާ ފަރާތަކަށް ނުވުން
- ވަޒީފާ އަދާކުރުމުގެ ހުއްދައިގެ ދަށުން ރާއްޖެ އެތެރެވެފައިވުން
- އެއް ފަހަރު ވެސް ގަވައިދަށް ފެތިފައިވާ ބިދޭސިއަކަށް ނުވުން
- މިއަހަރު ނިމުމުގެ ކުރިން، ވަޒީފާދޭ ފަރާތުން ފިލާފައިވާ ކަމަށް ނުވަތަ ގެއްލިފައިވާ ކަމަށް އެކްސްޕެޓް ސިސްޓަމްގައި ރިޕޯޓުކޮށްފައިވާ ބިދޭސިއެއް ކަމުގައި ނުވުން
ބިދޭސީން ސައްހަ ވޯކް ޕާމިޓެއް ހެދުމަށް ތިން މަހުގެ މުއްދަތެއް ދޭން ނިންމިކަން މިއަދު ހާމަކުރެއްވީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙުސާނެވެ.
ފުލުހުންގެ އިސްކަންދަރު ކޮށީގައި މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން އިޙުސާން ވިދާޅުވީ، މިހާތަނަށް 202،000 ބިދޭސިއެއްގެ ބައޯމެޓްރިކް ޑޭޓާ އެއްކުރެވިފައިވާ ކަމަށާއި، ގަވައިދާ ޚިލާފަށް ރާއްޖޭގައި އުޅޭ 9،000 އަށް ވުރެ ގިނަ ބިދޭސީން މިހާތަނަށް ޑީޕޯޓުކޮށްލާފައިވާ ކަމަށެވެ.
ރާއްޖޭގައި ގަވައިދާ ޚިލާފަށް ބިދޭސީން އުޅުމަކީ "ހައްދުން ނައްޓާފައި" އޮތް މައްސަލައެކެވެ. ވިޔަފާރިތަކާއި ގިނަ މަސައްކަތްތައް ރާއްޖޭގައި ކޮށްއުޅެނީ އެ މީހުންނެވެ. އެ މައްސަލައަށް ހައްލެއް ގެނެސް، ބިދޭސީންގެ ބަޔޮމެޓްރިކް އެއްކުރުމަށް "ކުރަނގި" ނަމުގައި އޮޕަރޭޝަނެއް ވަނީ ފަށައިފައެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން -- ފޮޓޯ/ އެމްއެންޔޫއެސްޔޫ
އެ އޮޕަރޭޝަނުގެ ދެވަނަ މަރުހަލާ ފަށާނީ އަންނަ އަހަރުގެ ފުރަތަމަ ދުވަހުކަން ހާމަކުރައްވައި އިހުސާން ވިދާޅުވީ، އެ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ބިދޭސީން ސައްހަ ވޯކް ޕާމިޓެއް ހޯދުމަށް ފުރުސަތު ދޭނެ ކަމަށެވެ.
ކުރަނގި އޮޕަރޭޝަނުގެ އެންމެ ފަހު މަރުހަލާ ފަށާނީ އަންނަ އޭޕްރީލް މަހުގެ ދެވަނަ ދުވަހެވެ. އެއް އަހަރާއި އެއް މަހުގެ ނިޔަލަށް ކުރިއަށްދާ އެ މަރުހަލާގައި އެ ވަގުތާ ހަމައަށް ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ހުރިހާ ބިދޭސީން ހައްޔަރުކުރުމުގެ ބިޔަ އޮޕަރޭޝަނެއް ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެކަމުގެ ނަތީޖާއެއްގެ ގޮތުން، އޮޕަރޭޝަން ނިމޭއިރު، ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ މައުލޫމާތުތައް އެނގި، ދިވެހީންނަށް ޒިންމާ ކުރެވޭނެ ބިދޭސީންނަށް ވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.