އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާންގެ ގެކޮޅުގެ ސެކިއުރިޓީ ކެމެރާތައް ހަލާކޮށްލައި އެ ގެކޮޅަށް ވަންނަން މީހަކު މަސައްކަތް ކޮށްފައިވާތީ އިދިކޮޅު ކޯލިޝަނުންވެސް އެ މަނިކުފާނަށް އޮތް ރައްކާތެރިކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އުއްތަމަ ފަނޑިޔާރާއި އެ މަނިކުފާނުގެ އާއިލާއަށް ދޭން ޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށާއި މުއުތަސިމް ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ވެސް ވަރުގަދައަށް ބަލަހައްޓަން ޖެހޭނެ ކަމަށް ބުނެ ވެރިކަން ކުރާ އެމްޑީޕީން ވަނީ މިދިޔަ ހުކުރު ދުވަހު ބަޔާނެއް ނެރެފައެވެ.
އެ މައްސަލައާ ގުޅިގެން ރޭ އިދިކޮޅު ޕީޕީއެމް/ޕީއެންސީއިން ނެރުނު ނޫސްބަޔާނެއްގައި ވަނީ އުއްތަމަ ފަނޑިޔާރުގެ ގެކޮޅުގެ ސެކިއުރިޓީ ފޫއަޅުވާލައި މީހަކު ވަދެގަންނަން އުޅުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ.
އެއީ އެ ކޯލިޝަނުން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށާއި އެފަދަ ކަމެއް ކުރިމަތިވީ، ދައުލަތުން ދޭން ޖެހޭ ސަލާމަތާއި ރައްކާތެރިކަން ދިނުމުގައި އިހުމާލުވެ ފަރުވާ ކުޑަވުމުން ކަމަށް އެ ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ.
މީގެ އިތުރުން އުއްތަމަ ފަނޑިޔާރާއި އެމަނިކުފާނުގެ އާއިލާއަށް ދޭން ޖެހޭ ސަލާމަތާއި ރައްކާތެރިކަމަށް ފަރުވާ ކުޑަ ނުކޮށް، ފިޔަވަޅުތައް ހަރުދަނާ ކުރުމަށް އެ ކޯލިޝަނުން ގޮވާލިއެވެ.
އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާންގެ ގެކޮޅުގައި ހަރުކޮށްފައި ހުރި ސީސީޓީވީ ކެމެރާތަކަކާ ކުޅުމަށްފަހު އެ ގެކޮޅަށް ވަދެގަތުމަށް މަސައްކަތް ކުރި ކަމުގެ މައްސަލައެއް ފުލުހުންނަށް ހުށަހެޅީ ސެޕްޓެމްބަރު 30 ވަނަ ދުވަހުގައެވެ.