އުއްތަމަފަނޑިޔާރަށް ރައްކާތެރިކަން އޮތް މިންވަރާ މެދު އެމްޑީޕީން ކަންބޮޑުވެއްޖެ

ފެބްރުއަރީ 19، 2020: ފަނޑިޔާރުންގެ މަހާސިންތާ 2020ގެ ތެރެއިން އުއްތަމަފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އުއްތަމަފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާންގެ ގެކޮޅުގައި ހަރުކޮށްފައި ހުރި ސީސީޓީވީ ކެމެރާތަކަކާ ކުޅުމަށްފަހު އެ ގެކޮޅަށް ބަޔަކު ވަދެގަތުމަށް މަސައްކަތްކުރި މައްސަލައާއެކު ވެރިކަން ކުރާ މައި ޕާޓީން އެމަނިކުފާނަށް އޮތް ރައްކާތެރިކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މިއަދު އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ އުއްތަމަ ފަނޑިޔާރާއި އެމަނިކުފާނުގެ އާއިލާއަށް ދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއްކަމަށެވެ. އަދި ދައުލަތުގެ ތިން ބާރުގެ ވެރިންނަށް ރަސްމީ ގެކޮޅު ފޯރުކޮށްދިނުމަށް ގާނޫނުން ދައުލަތަށް ލާޒިމްކުރާއިރު މިވަގުތު މުއުތަސިމް ދިރިއުޅުއްވާ އެމަނިކުފާނުގެ ގެކޮޅުގެ ސެކިއުރިޓީ ވެސް ވަރުގަދައަށް ބަލަހައްޓަން ޖެހޭނެކަމަށެެވެ.

އެހެންނަމަވެސް ގެކޮޅުގެ ސެކިއުރިޓީއާ ބެހުމަށްފަހު ބަޔަކު އެ ގެކޮޅަށް ވަދެގަތުމަށް މަސައްކަތްކުރުމަކީ ކަންބޮޑުވާ މައްސަލައެއްކަމަށެވެ.

"މިފަދަ ކަންކަމަށް ސަމާލުކަން ދިނުމަށާއި އިހުމާލުނުވުމަށާއި އަދި ފަރުވާތެރިވެ، ސީރިއެސްވުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް މި ޕާޓީން އިލްތިމާސްކުރަމެވެ،" އެމްޑީ÷ީގެ ބަޔާނުގައި ބުންޏެވެ.

އަދި އުއްތަމަ ފަނޑިޔާރަށް ރައްކާތެރިކަން ކަށަވަރުކޮށްދެއްވުމަށް ވެސް އެމްޑީޕީން ގޮވާލިއެވެ.

އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާންގެ ގެކޮޅުގައި ހަރުކޮށްފައިހުރި ސީސީޓީވީ ކެމެރާތަކަކާ ކުޅުމަށްފަހު އެ ގެކޮޅަށް ވަދެގަތުމަށް މަސައްކަތްކޮށްފައިވާކަމުގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ މި މައްސަލަ މިހާރު ތަހުގީގުކުރަމުން އަންނަކަމަށެވެ. ނަމަވެސް މިހާތަނަށް މައްސަލައިގައި މީހަކު ހައްޔަރުކޮށްފައިނުވާކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް