އެމްޑީޕީގެ މިނިސްޓަރަކު ހޯމް މިނިސްޓަރު ކަމުގައި ހުރިނަމަ މިހާރަށްވުރެ ހަރުދަނާ ފިޔަވަޅު އެޅޭނެ: ރާއީ

ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ -- ފޮޓޯ/ މަޖިލިސް

ސަރުކާރުގެ މިނިސްޓަރުންގެ ތެރޭގައި ހޯމް މިނިސްޓަރުކަމުގެ މަގާމުގައި ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ މިނިސްޓަރަކު ހުރިނަމަ ފިޔަވަޅު އެޅުން މިހާރަށްވުރެ ހަރުދަނާ ވާނެކަމަށް އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަަށް ތިންވަނަ ދައުރުގެ 13ވަނަ ޖަލްސާގައި ރޭ ހުޅުމާލޭ ޖަލުގައި ގައިދީއެއް މަރުވުމާ ގުޅިގެން މަޖިލީހަށް ވެއްދި ކުއްލި މައްސަލައިގައި ވާހަކަދައްކަވަމުން ރާއީ ވިދާޅުވީ އެމްޑީޕީއަކީ ނުހައްގުން ހިނގާ މަރުތަކާއި އިންސާފުން ބޭރުން ހިނގާ އެންމެހާ ކަންކަމަށް އެންމެ ހަރު އަޑުން ވަކާލާތު ކުރާ ޕާޓީކަމަށެވެ. އަދި އެކަން އެގޮތަށް އޮތްކަމުގައިވީ ނަމަވެސް އެމްޑީޕީގެ މިނިސްޓަރެއް އެ މަގާމުގައި ހުރުން މުހިންމުކަމަށެވެ.

"އަޅުގަނޑު ވަރަށް ދެކެން ބޭނުންވޭ އެމްޑީޕީގެ މިނިސްޓަރަކު ހޯމް މިނިސްޓަރުކަމުގައި ހުރި ނަމައޭ. ހިތަށް އަރާކަމެއް މިއީ،" ރާއީ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ އެއާއެކު މިފަދަ މައްސަލަތަކުގައި މިހާރު މައްސަލަތައް ކުރިއަސް ދާ މިންވަރަށްވުރެ މާ ރަނގަޅަށް މައްސަލަތައް ކުރިއަށް ގެންދެވޭނެކަމަށެވެ.

ރާއީ ވިދާޅުވީ މި ސަރުކާރުގައި ވެސް ޖަލުތެރޭ ގޯސްކޮށް ބައެއް ކަންކަން ހިނގަމުންދާކަމަށް ގަބޫލްކުރައްވާކަމަށެވެ.

މީގެ އިތުރުން ރާއީ ވަނީ ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފަށް ވެސް ގިނަ ފާޑުކިޔުންތަކެއް އަމާޒުކުރައްވާފައެވެ.

އެގޮތުން ރައީސް ޔާމީންގެ ސަރުކާރުގައި ޖަލުތަކުގައި ހިނގައިިދިޔަ މަރުތަކާ ގުޅިގެން އޭނާގެ އެއްވެސް ބަހެއް ޑިފެންސް މިނިސްޓަރުކަމުގައި ހުންނަވައިގެން ވިދާޅުވެފައި ނުވާކަަމަށް ރާއީ ވިދާޅުވިއެވެ.

އަދި އާދަމް ޝަރީފަކީ "ދެ މޫނަކުން" ރައްޔިތުންގެ ކުރިމައްޗަށް އަރައިވަޑައިގަންނަވާ ބޭފުޅެއްކަމަށް ވެސް ރާއީ ވިދާޅުވިއެވެ.

comment ކޮމެންޓް