އިންޑިއާގެ ޖެޓް އެއާވޭސްގެ ދަތުރުތައް އަލުން ފަށާނީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައިކަން އިއުލާންކޮށްފިއެވެ.
ޖެޓް އެއާވޭސްގެ ދަތުރުތައް 2019 ވަނަ އަހަރުގެ އޭޕްރީލް މަހު ހުއްޓާލައި، އެ އެއާލައިން ބަނގުރޫޓުވެފައިވާކަން އެ އަހަރުގެ ޖޫން މަހު ހާމަ ކުރިއެވެ.
އެއަށް ފަހު ޖެޓް އެއާލައިންގެ ހިއްސާ ނީލަން ކިޔުމުން އިނގިރޭސިވިލާތުގެ ކެލްރޮކް ކެޕިޓަލް އާއި ޔޫއޭއީގައި މަސައްކަތް ކުރާ އިންޑިއާގެ ވިޔަފާރިވެރިޔާ މުރާރީ ލާލް ޖަލާން ވަނީ އެ އެއާލައިނާ ހަވާލުވެފައެވެ.
ޖަލާން ވިދާޅުވީ އޭނާ އާއި ކެލްރޮކްއިން މަސައްކަތް ކުރަމުން ދަނީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޖެޓް އެއާވޭސްގެ ދަތުރުތައް ފެށުމަށް ކަމަށެވެ. އެގޮތުން ފުރަތަމަ ދަތުރުތައް އޮންނާނީ ދިއްލީ އާއި މުމްބާއީ ދެމެދު ކަމަށެވެ. އަދި ބައިނަލްއަގުވާމީ ދަތުރުތައް ފަށާނީ އަންނަ އަހަރުގެ ފަހު ކުއާޓަރުތަކުގައި ކަމަށް ޖަލާން ވިދާޅުވިއެވެ.
"އަމާޒަކީ ޖެޓް އެއާވޭސް 2.0ގެ އެތެރޭގެ އުދުހުންތައް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ފެށުން އަދި ތިން ވަނަ ނުވަތަ ހަތަރު ވަނަ ކުއާޓަރުގައި ބައިނަލްއަގުވާމީ، ކުރު ދަތުރުތައް ފެށުން،" ޖަލާން ވިދާޅުވިއެވެ.
މީގެ އިތުރުން އެއީ އޭވިއޭޝަންގެ ތާރީހުގައި، ދެ އަހަރަށް ވުރެ ދިގު މުއްދަތަކަށް އޮޕަރޭޝަންތައް ހުއްޓާލާފައި އޮތް އެއާލައިނެއްގެ ދަތުރުތައް އަލުން ފަށާ ފުރަތަމަ ފަހަރު ކަން ޖަލާން ފާހަގަ ކުރެއްވިއެވެ. އަދި އެ އެއާލައިންނަށް އުދުހުގެ ލައިސަންސް އަލުން ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ހަމައެހެންމެ، ޖަލާން-ކަލްރޮކް ކޮންޒޯޓިއަމް އިން ރާވާފައި ވަނީ ތިން އަހަރު ތެރޭ އެ އެއާލައިނަށް 50އަށް ވުރެ ގިނަ ބޯޓު ހޯދާ، ފަސް އަހަރުގެ ތެރޭ އެ އަދަދު 100އަށް ވުރެ އިތުރު ކުރުމަށްކަން ޖަލާން ހާމަ ކުރެއްވިއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ޖަލާން ވަނީ ޖެޓް އެއާވޭސްގެ ދަތުރުތައް ފަށާނީ އެ އެއާލައިން ބަނގުރޫޓުވުމާ ގުޅިގެން ފުރިހަމަ ކުރަންޖެހޭ ކަންތައްތައް ފުރިހަމަ ކުުރުމަށް ފަހު ކަމަށް ވިދާޅުވެފައެވެ. އަދި އޭރު ލަފާކޮށްފައި އޮތީ ދަތުރުތައް ފެށޭނީ އަންނަ އަހަރުގެ މެދުތެރޭގައި ކަމަށެވެ.
ޖެޓް އެއާވޭސްގެ އޮޕަރޭޝަންތައް ހުއްޓާލި އިރު އެ އެއާލައިނުގެ ފްލީޓުގައި 97 ބޯޓު އޮތެވެ. ނަމަވެސް އެ އެއާލައިން ބަނގުރޫޓުވި އިރު، އޭގެ ދަރަނި އޮތީ 1.2 ބިލިއަން ޑޮލަރަށް އަރާފައެވެ.