މެމްބަރުންނަށް ހާއްސަ ޕާކިން ސްލޮޓަށް އާންމުންގެ ފާޑުކިޔުން

ހުޅުމާލޭ ޕާކިން ޒޯނެއް. ސަން ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އެ މެމްބަރެއް ދިރިއުޅުއްވާ ގެކޮޅު ކައިރިން ޕާކިން ސްލޮޓު ހަމަޖައްސަން މަޖިލީހަށް ހުށަހެޅުމަށް އިމްތިޔާޒު އަދި ސުލޫކު ކޮމިޓީން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން މަޖިލިސް މެމްބަރުންނަށް އަމާޒުވެއްޖެއެވެ.

ސަރުކާރުގެ ވަޒީރުންނަށް އެ ވަޒީރެއްގެ ގެކޮޅު ކައިރިން ޕާކިން ސްލޮޓު ވަނީ މީގެ ކުރިންވެސް ހަމަޖައްސައިދީފައެވެ.

އެއާ އެއްގޮތަށް މަޖިލިސް މެންބަރުންގެ ގެކޮޅު ކައިރިން ޕާކިން ސްލޮޓު ހަމަޖައްސައިދިނުމަށް މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ހުށަހެޅި ހަބަރާއެކު ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ އެކަމަށް ނުރުހުން ފާޅުކޮށްފައެވެ.

https://sun.mv/156022

މެމްބަރުންނަށް ގެކޮޅު ކައިރިން ޕާކިން ސްލޮޓު ބޭނުންވާކަމަށް މެމްބަރު ރާއީ ވިދާޅުވީ ބައެއް މެމްބަަރުންގެ ކާރުކޮޅާއި ސައިކަލު ޕާކު ކުރާނެ ޖާގަ ގެކޮޅު ކައިރިން ނުލިބުމުން މަޖިލިސް ޖަލްސާއަށް ގަޑިޖެހުމާއި ބައެއް ފަހަރު ނުގަވާއިދުން ޕާކުކުރަންޖެހޭތީ ކަމަށެވެ. އަދި ގެކޮޅު ކައިރިން ޕާކިން ސްލޮޓު ހަމަޖެއްސުމަކީ މެމްބަރުންގެ ސަލާމަތާ ރައްކާތެރިކަމާ ގުޅިފައިވާ ކަމެއް ކަަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

"ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުންނަކީ ހަމަ އެބޭފުޅުން ދަތުރުކުރުމަށާއި، އަދި މުހިންމު ކަންތައްތަކުގެ މަޖިލީހަށްވެސް އެބަ އަންނަންވެސް އެބަ ޖެހޭ. ވާރޭ ވެހޭ ދުވަސް ދުވަހުވެސް އަންނަން އެބަޖެހޭ. ކާރު ނުލިބިގެން ގަޑިވެސް ޖެހިފަ އެބަހުރި. އަމިއްލަ ކާރު އޮވެ، ބޭނުން ނުކުރެވި އެކަހަލަ އެތައް ހާލެއްގަ އުޅެނީ،" ރާއީ ވިދާޅުވިއެވެ.

އެކަން ކުރާނީ އޮންނަ އުސޫލުގެ މަތިން، ސަރުކާރަށް ފައިސާ ދައްކައިގެން ކަމުގައި ވިޔަަސް، މިއީ އާންމުންގެ މެދުގައި އެހާ މަގުބޫލު ހިޔާލެއް ނޫނެވެ.

އާންމު ތަންތަން ބޭނުންކުރުމުގައި "މަތީ ފަންތީގެ" މީހުންނަށް ހާއްސަ އުސޫލުތަކާއި ތަފާތުކުރުންތައް ގެންގުޅޭނަމަ، އެ ތަންތަނަކީ އެހެން މީހުންނަށް ރަނގަޅު ފެންވަރުގައި ބޭނުންކުރެވޭ ތަންތަނަށް ހަދަން މަސައްކަތް ކުރުމުގެ ބޭނުމަކީ ކޮބައިތޯ ބައެއް ފަރާތްތަކުން ވަނީ ޓުވިޓާގައި ސުވާލު އުފައްދާފައެވެ.

އެކަމާ ގުޅިގެން މަޝްހޫރު ގާނޫނީ ވަކީލު މަރިޔަމް ޝުނާނާ ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ، ކޮންމެ މެމްބަރެއްގެ ގެކޮޅު ކައިރިން ޕާކިން ސްލޮޓު ހަމަޖެއްސުމުން، އެ ޕާކިން އޭރިއާތަކުގައި އާންމުންނަށް ޕާކުކުރަން އޮންނަ ޖާގަ ކުޑަވާނެ ކަމަށެވެ. އަދި އެއާއެކު އިތުރު ޕާކިން ޖޫރިމަނާތައް އާންމުންނަށް އަމާޒުވާނެކަން ފާހަގަކުރައްވައި އޭނާ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމުގައިވާ ޕާކިންގެ މައްސަލައާ ހުރެ، އާންމު ރައްޔިތުންގެ ވެހިކަލްތައް ޕާކު ކުރާނެ ޖާގަ ނެތި، ޖޫރިމަނާ ކުރާ ނިސްބަތް މިހާރުވެސް މަދެއް ނޫނެވެ.

ޕާކިން ސްޓިކާ ޖޫރިމަނާގެ ގޮތުގައި އާންމުންގެ އަތުން މަހެއްގެ މައްޗަށް ބޮޑު އަދަދުތައް ނަގަމުންދާއިރު، ކޮންމެ މެމްބަރެއްގެ ގެކޮޅު ކައިރިން ޕާކިން ސްލޮޓު ހަމަޖެއްސުމަކީ އިންސާފުކަމަށް ބައެއް ރައްޔިތުން ނުދެކެއެވެ.

މިދިޔަ މަހުގެ ތެރޭގައިވެސް ޓްރެފިކް ޖޫރިމަނާ ހިމެނޭހެން ޖުމްލަ 106 މިލިއަން ރުފިޔާ ވަނީ ދައުލަތަށް ހޯދާފައެވެ.

"ވޯޓު ހޯދަން އަންނަ އިރު ބުނާނެ ރައްޔިތުންނަށްޓަކާ އޭ އުޅޭނީ، ހޮވުނީމަ ޕާޓީ ނުވަތަ އަމިއްލަ އެދުން ނޫން ހުށަހެޅުމެއް މަޖިލީހަކަށް ހުށަހެއްނާޅާ. ރައްޔިތުންގެ މަޖިލީހުގެ ނަންވެސް ބަދަލުކުރަންވީ،" މެންބަރުންގެ ގެކޮޅު ކައިރިން ޕާކިން ސްލޮޓު ހަމަޖައްސަން ނިންމުމުން މީހަކު ކުރި ކޮމެންޓެއްގައި ބުނެފައިވެއެވެ.

މަޖިލިސް މެމްބަރުންނަށް ލިބޭ ބޮޑު މުސާރައާއެކު އެމީހުންނަށް ގައުމުގެ "ހުރިހާ މޮޅެއް" ލިބި، ދެރަ މީހާއަށް ދެރަގޮތް އޮވެގެން ނުވާނެއެވެ.

https://sun.mv/154734

މާލެއަކީ ބިމުގެ ދަތިކަން ބޮޑު ތަނަކަށް ވާއިރު، ހެނދުނު ގަޑީގައި އާންމު މީހާވެސް މެމްބަރެކޭ އެއްފަދައިން ހަމަ މަސައްކަތަށް ދާނެކަން ގިނަ ބަޔަކު ފާހަގަކުރެއެވެ. އަދި އެވަގުތު ޕާކު ކުރާނެ ޖާގަ ނުލިބިގެން ޖޫރިމަނާ ވަނީވެސް މަޖިލިސް މެންބަރުން އެކަންޏެއް ނޫންކަމަށް ގިނަ ބަޔަކު ބުނެއެވެ. ގަވާއިދާ ހިލާފަށް ޕާކުކޮށްފިނަމަ ކުރިމަތިލާން ޖެހެނީ ޕާކިން ސްޓިކާއަކާއެވެ. ޕާކުކުރާނެ ތަންކޮޅެއް ހޯދަން އެ ހޭދަވާ ވަގުތުކޮޅުގެ ސަބަބުން އޮފީހަށް ގަޑިޖެހި، އޭގެ އަސަރު މުސާރައަށް ވެސް ކުރެއެވެ.

"އަހަރެމެން ދެން ހަމަ އުޅެންވީ އުޅޭ ގެ ކައިރިން ޕާކުކޮށްލާނެ ތަންކޮޅެއް ނުލިބިގެން ގޮސް ޖެހިގެން ހުރި މަގުންވެސް ނުލިބިގެން އެމަގު ދޫކޮށްފަ ގޮސް ދެން ޖެހިގެން އިންނަ މަގުގަ ސައިކަލު ޕާކުކޮށްލައިގެން މީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކިގެން،" އިތުރު މީހަކު ޓްވިޓާގައި ބުންޏެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

މަޖިލިސް މެމްބަރުންނަކީ އާންމު ރައްޔިތުންގެ ވޯޓުން، އާންމުންނަށް ކަންކަން ފަހިކޮށްދިނުމަށް އެ މަގާމަށް ހޮވާފައި ތިބި ބަޔަކަށް ވާއިރު، މެމްބަރުންގެ އަމިއްލަ ލާބައަށް ކަންކަން ކުރުމަކީ ގިނަ ރައްޔިތުން ބަލައިގަންނަ ކަމެއް ނޫނެވެ. ޕާކިންގެ މައްސަލައަކީ މުޅި މާލެއަށް ކުރިމަތިވެފައިވާ މައްސަލައެކެވެ. އެ މައްސަލައަށް މަޖިލިސް މެންބަރުންނަށް އެކަނި ހައްލު ހޯދުމަށް މޮޅު ފަސޭހަގޮތް ހިޔާރުކުރުން ރައްޔިތުން ގަބޫލެއް ނުކުރެއެވެ.

"މޮޅު މީހާއަށް މޮޅުގޮތް، އެނޫން މީހުންނަށް ދެރަގޮތް އޮވެގެން ނުވާނެއެވެ،" މިއީ އާންމުންގެ ހިޔާލު މިކަމުގައި ހުރި ގޮތެވެ.

ޕާކިން އޭރިއާތަކަކީ ހަމަ އެންމެން ބޭނުންކުރުމަށް ހަދާފައި ހުންނަ ތަންތަން ކަމުގައިވާއިރު، އެތަންތަނުން މަޖިލިސް މެންބަރުންނަށް ވަކި ސްލޮޓެއް ރިޒާވްކުރުމަކީ އިންސާފަކަށް ނުވާނެކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

މެމްބަރުންގެ ގެކޮޅު ކައިރިން ޕާކިން ސްލޮޓު ހަމަޖައްސަަން މަޖިލީހުގެ ތަޅުމަށް ހުށަހަޅަން އިމްތިޔާޒާއި ސުލޫކު ކޮމިޓީން ނިންމިކަމުގައި ވީ ނަމަވެސް، އެކަމުގައި ފަހު ނިންމުން ނިންމާނީ ރައްޔިތުންގެ މަޖިލީހުންނެވެ.

comment ކޮމެންޓް