މެމްބަރުންގެ ގެކޮޅު ކައިރިން ޕާކިން ސްލޮޓު ހަމަޖައްސަން ހުށަހަޅަނީ

ޖޫން 22، 2019: މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އެމެމްބަރެއް ދިރިއުޅުއްވާ ގެކޮޅު ކައިރިން ޕާކިން ސްލޮޓު ހަމަޖައްސަން މަޖިލީހަށް ހުށަހެޅުމަށް މަޖިލީހުގެ އިމްތިޔާޒު އަދި ސުލޫކު ކޮމިޓީން ނިންމައިފިއެވެ.

އިއްޔެ އޮތް ކޮމިޓީގެ ބައްދަލުވުމުގައި މެންބަރުންގެ ގެކޮޅު ކައިރިން ޕާކިން ސްލޮޓު ހަމަޖައްސައިދިނުމަށް ހުށަހެޅީ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީއެވެ. އެ މައްސަލަ ސުލޫކީ ކޮމިޓީއަށް ހުށަހަޅަމުން ރާއީ ވިދާޅުވީ، މެމްބަރުންގެ ގެކޮޅު ކައިރިން ޕާކިން ސްލޮޓު ހަމަޖެހިފައި ނެތުމުން ވަރަށް ގިނަ ދަތިތަކާ ކުރިމަތިވާ ކަމަށާއި، އެގޮތުން ނުގަވާއިދުން ޕާކުކުރުން ފަދަ މައްސަލަތައް ކުރިމަތިވާ ކަމަށެވެ.

އަދި މެމްބަރުންގެ ގެކޮޅު ކައިރިން ޕާކިން ސްލޮޓު ހަމަޖައްސައިދިނުމަކީ އެމީހުންގެ ސަލާމަތާ ރައްކާތެރިކަމަށް އެޅިގެންދާނެ ފިޔަވަޅެއް ކަަމަށް ރާއީ ވިދާޅުވިއެވެ.

"އަޅުގަނޑު ހުށަހަޅަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، އެ މެމްބަރުންގެ ތެރެއިން މާލޭގަ ދިރިއުޅޭ މެމްބަރުންނާއި ހުޅުމާލޭގަ ދިރިއުޅޭ މެމްބަރުންނާ ކާރު ގެންގުޅޭ ބޭފުޅުންނަށް، ނޫނިއްޔާމު ހަމަ ކޮންމެ މެމްބަރަކަށްވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ހުންނަހާ ހިނދު ސަރުކާރަށް އެ ދައްކަންޖެހޭ ފައިސާއެއް އެކަމުގަ ދައްކާ ހަމަ އާންމު ރައްޔިތުންނޭ އެއްގޮތަށް ދައްކައި، އެކަމަކުވެސް ޕާކިން ސްލޮޓު ލިބޭނެ ގޮތްވުން،" ރާއީ ވިދާޅުވިއެވެ.

ރާއީ ވިދާޅުވީ މެންބަރުންނަށް ޕާކިން ސްލޮޓު ހަމަޖައްސާނީ އެކަން އޮންނަ އުސޫލުން، ސަރުކާރަށް ދައްކަންޖެހޭ ފައިސާވެސް ދައްކައިގެން ކަމަށެވެ. އަދި އެ ހުށަހެޅުން، އެގޮތަށް މަޖިލީހުގެ ތަޅުމަށް ހުށަހެޅި ފާސްވުމަށް އެދޭކަމަށް ރާއީ ވިދާޅުވިއެވެ.

comment ކޮމެންޓް