ދައުލަތުގެ ޓެކްސް އިދާރާ މީރާއިން މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ނިޔަލަށް އެކިއެކި ޖޫރިމަނާގެ ގޮތުގައި 106 މިލިއަން ރުފިޔާ ބަލައިގެންފި އެވެ.
މީރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއީ މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ޖޫރިމަނާގެ ގޮތުގައި ލިބުނު ފައިސާގެ އަދަދަށްވުރެ 79.5 ޕަސެންޓް އިތުރު އަދަދެކެވެ.
އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ނިޔަލަށް ޖޫރިމަނާގެ ގޮތުގައި ލިބުނީ 59 މިލިއަން ރުފިޔާ އެވެ.
ޖޫރިމަނާގެ ގޮތުގައި ލިބުނު ފައިސާގެ އަދަދު ފިޔަވައި އިތުރު ތަފްސީލެއް މީރާގެ ރިޕޯޓުގައި ހާމަކޮށްފައި ނުވެ އެވެ.
މިއަހަރަށް ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓުގައި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 43.8 މިލިއަން ރުފިޔާ އެވެ.
މިއަހަރުގެ އޭޕްރީލް އަށްވަނަ ދުވަހާ ހަމައަށް އެކަނިވެސް ޖޫރިމަނާގެ ގޮތުގައި 42 މިލިއަން ރުފިޔާ ދައުލަތަށް ވަނީ ލިބިފަ އެވެ.
މިއަހަރުގެ ޖެނުއަރީއިން ޖޫން މަހުގެ ނިޔަލަށް މީރާއަށް ޖުމުލަ 7.49 ބިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ޓެކުހުގެ ގޮތުގައި ލިބުނު 5.8 ބިލިއަން ރުފިޔާއާއި ޓެކްސް ނޫން ގޮތްގޮތަށް ލިބުނު 1.6 ބިލިއަން ރުފިޔާ އެވެ.