ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ ރަސްމީ ގެކޮޅު މުލީއާގެ ކައިރިއަށް މިއަދު ހެނދުނު ގޮސް އެތަން ގޮއްވާލާނެކަމަށް ބުނެ އިންޒާރު ދިން ދެމީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މިލީއާގެ ކައިރިން ދިޔަ ދެ މީހަކު އެ މީހުން ގެންގުޅުނު ފޮށިގަނޑެއްގައި ބޮމެއް އޮތްކަމަށް ބުނުމާ ގުޅިގެން އެ ދެ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އާންމުވެފައިވާ ފޮޓޯތަކަކުން ފެންނަ ގޮތުން މުލީއާގެ ކައިރިއަށް ގޮސް ހުރެ ބޮމެއް ގޮއްވާލާނެކަމަށް ބުނެ އަޑުގަދަކޮށް އިންޒާރު ދިން ދެ މީހުން ތިބީ ކަރުދާސް ފޮށިގަނޑެއްގެ އިތުުރުން ދަބަހަކާއި ރަތް ކޮތަޅެއް ހިފައިގެންނެވެ.
ބޮމެއް ގޮއްވާލާނެކަމުގެ އިންޒާރު ދިނުމާ ގުޅިގެން މުލީއާގެ ސަރަހައްދުގައި ފުލުހުންނާއި ސިފައިންގެ ޓީމުތައް ދަނީ ހަރަކާތްތެރިވަމުންނެވެ.
މުލީއާގެ ކައިރިއަށް ގޮސް ބަޔަކު މިފަދައިން އިންޒާރު ދީފައިވާ އިރު, މި އަހަރުގެ މޭ މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މާލޭގައި ދިން ހަމަލާއެއްގައި އެމަނިކުފާނަށް ވަނީ ބޮޑެތި ޒަހަމްތަކެއް ވެފައެވެ. އެމަނިކުފާނު ރާއްޖެއާއި ޖަރުމަނުން ފަރުވާ ހޯއްދެވުމަށްފަހު މިވަގުތު ހުންނެވީ އިނގިރޭސިވިލާތުގައެވެ.
އެމަނިކުފާނަށް ދިން ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ވަނީ އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗުވި ގޮތާ ބެހޭ އިންކުއަރީއެއް ހަދާފައެވެ. އެ ރިޕޯޓު ރޭ އާންމުކޮށްފައިވާ އިރު, ރައީސް ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި މަޖިލީހުގެ އިދާރާއަށް އެކިއެކި ހަމަލާ ދިނުމަށް ރޭވިކަމުގެ އިންޓެލިޖެންސް މައުލޫމާތު އެމްއެންޑީއެފަށް ލިބިފައި ހުރިކަމަށް ހާމަވެފައި ވެއެވެ.
މި ފަހުންވެސް މާލޭގެ ބައެއް ތަންތަން "ގޮއްވާލާނެ"ކަމަށް ބުނެ ސޯޝަލް މީޑިއާގައި އިންޒާރު ދީފައިވާ ބައެއް މީހުން ވަނީ ހައްޔަރުކޮށްފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި މާލޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ގޮޮއްވާލާނެކަމަށް ބުނި ދެމީހަކު ވަނީ ހައްޔަރުކޮށްފައެވެ.
ރައްޔިތުންގެ މަޖިލިސް ގޮއްވާލާނެކަމަށް ބުނި މައްސަލައިގައި 28 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް, އޭނާގެ ތަހުގީގު ނިންމުމަށްފަހު ޖޫން 24 ވަނަ ދުވަހު ވަނީ ދޫކޮށްލާފައެވެ.
އިންޑިއާ ހައިކޮމިޝަން ގޮއްވާލާނެކަމުގެ އިންޒާރު ދިން މީހާ ހައްޔަރުކޮށް, އޭނާގެ ބަންދަށް ޖުލައި ފަސްވަނަ ދުވަހު ވަނީ ހަތް ދުވަސް ޖަހާފައެވެ.