ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ގޮއްވާލާނެކަމުގެ އިންޒާރު ދިން މައްސަލައިގައި ހައްޔަރުކުރި މުހައްމަދު އިނާދުގެ ބަންދަށް ހަތް ދުވަސް ޖަހައިފިއެވެ.
ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ގޮއްވާލާނެކަމުގެ އިންޒާރު ދިން މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައި ވަނީ މި މަހުގެ ތިންވަނަ ދުވަހުއެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލައާ ގުޅިގެން އިނާދުގެ ބަންދަށް ހަތް ދުވަހުގެ މުއްދަތު މިއަދު ކޯޓުން ދީފައިވާ ކަމަށެވެ.
އެގޮތުން އިނާދުގެ މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ކަަމަށް ފުލުހުން ވަނީ ބުނެފައެވެ.
ސޯޝަލް މީޑިއާގައި އިންޑިއާ ހައިކޮމިޝަން ގޮއްވާލާނެކަމަށާއި ޗައިނާ އެމްބަސީ ކުރިމަތީގައި މުޒާހަރާ ކުރާނެކަމަށް އިންޒާރު ދީފައިވާތީ, ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނާއި ޗައިނާ އެމްބަސީއިން ފޮރިން މިނިސްޓްރީގައި އެދިގެން އެ ދެ މިޝަން ހުންނަ އިމާރާތްތަކުގެ ސެކިއުރިޓީ ވަނީ ވަރުގަދަކޮށްފައިވެއެވެ.
ހައި ކޮމިޝަން ގޮއްވާލާނެ ކަމުގެ އިންޒާރާއެކު ޓުވީޓުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މުހައްމަދު އިނާދުގެ ތަހުގީގަށް ބަލައި، އޭނާ އެމްޑީޕީގެ މެމްބަރުކަމުން ވަކިކުރުމަށް އެ ޕާޓީން ވަނީ ރޭ ނިންމާފައެވެ.