މަޖިލީހުގެ އިދާރާ ގޮއްވާލާނެ ކަމުގެ އިންޒާރުދިން މީހާ ދޫކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ އިދާރާ --- ސަން ފައިލް ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަކީ ގޮއްވާލަންޖެހޭ ތަނެއް ކަމަށް ބުނެ ފޭސްބުކުގައި ކޮމެންޓްކުރި މީހާ ބަންދުން ދޫކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް މިރޭ ވިދާޅުވީ އެމީހާ ބަންދުން ދޫކޮށްލާފައިވަނީ ޕީޖީ އޮފީހާ ރަސްމީ ޕޯޓަލް މެދުވެރިކޮށް މައްސަލަ ހިއްސާ ކުރުމަށްފަހު އެ މައްސަލައިގެ ވަށައިގެންވާ ހުރިހާ ކަމަކަށް ބެލުމަށް ފަހު ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާ ގޮއްވާލާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ކޮމެންޓްކުރި މައްސަލައިގައި އެމީހާ ހައްޔަރުކުރީ މިދިޔަ ޖޫން މަހުގެ އެއްވަނަ ދުވަހު އެވެ.

އޭނާ އަކީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނެކެވެ.

"އެމީހާގެ މައްސަލައިގެ ތަހުގީގު ނިންމާފައި ވާތީ 2021 ޖޫން 24 ވަނަ ދުވަހު ވަނީދޫކޮށްލެވިފަ،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 13 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމުގެ އިންޒާރުދިން މީހާގެ އަދަބަކީ ހަތަރު އަހަރާއި ހަ އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ކަމަށެވެ.

ޓެރެރިޒަމްގެ ހަމަލާތައް ދިނުމާ އެފަދަ ހަމަލާ ދޭނެ ކަމުގެ އިންޒާރު ދިނުން މިހާރަކަށް އައިސް ވަނީ ރާއްޖޭގައި ވަރަށް ބޮޑަށް އިތުރުވާން ފަށާފައެވެ.

އެގޮތުން މީހަކު ޓުވިޓާ މެދުވެރިކޮށް ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަން ގޮވައްވައިލާނެ ކަމުގެ އިންޒާރު ދިނުމުން އިންޑިއާ ހައި ކޮމިޝަނުގެ ސަލާމަތީ ކަންކަން ސަރުކާރުން މިހާރު ވަނީ ވަރުގަދަ ކޮށްފަ އެވެ.

comment ކޮމެންޓް