އިންޑިއާގައި ހަލުވި ކަމާއެކު ކޮވިޑު19 ފެތުރެމުންދާ މި ދަނޑިވަޅުގައި ގިނަ ގައުމުތަކުން އިންޑިއާ އަށް ކުރަމުންދިޔަ ދަތުރުތައް ހުއްޓާލައިފި އެވެ.
ކޮވިޑު19 އާއި ގުޅިގެން މިދިޔަ އަހަރުގެ މާޗު މަހު އިންޑިއާގެ ބޯޑަރު ބަންދު ކުރިފަހުން ބޯޑަރު އަލުން ހުލުވާލައިފައެއް ނުވެ އެވެ. ނަމަވެސް ޓްރެވަލް ބަބުލް ގާއިމުކޮށް އިންޑިއާ އާއި އެހެން ގައުމުތަކާ ދެމެދު ދަނީީ ދަތުރުތައް ބާއްވަމުންނެވެ.
އިނގިރޭސި ވިލާތުގެ ރެޑް ލިސްޓަށް އިންޑިއާ އަރާފައިވާއިރު އެއާ އިންޑިއާ އިން ވަނީ ލަންޑަނަށް ކުރަމުންދިޔަ ދަތުރުތައް މިހާރު މެދުކަނޑާލައިފައެވެ. ސިންގަޕޫރުން ވަނީ އިންޑިއާ އިން އެ ގައުމަށް ދާ މީހުން 21 ދުވަހަށް ކަރަންޓީނުވާން ޖެހޭގޮތަށް ހަދައިފައެވެ. އެގޮތުން 14 ދުވަހު ހާއްސަ ފެސިލިޓީއެއްގައި އަދި އަނެއް ހަތް ދުވަހު ގޭގައި ކަރަންޓީނު ވާން ޖެހޭނެ ކަމަށް ސިންގަޕޫރު ސަރުކާރުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ކެނެޑާ އިންވެސް ވަނީ އިންޑިއާ އިން އެގައުމަށް ދާ ފްލައިޓުތައް 30 ދުވަހުގެ މުއްދަތަކަށް މެދުކަނޑާލަން ނިންމައިފައެވެ. އިންޑިއާ ފްލައިޓުތައް މެދުކަނާޑާލި އެހެން ގައުމުތަކުގެ ތެރޭގައި ޔޫއޭއީ ވެސް ހިމެނެއެވެ. ޔޫއޭއީ އިން ނިންމާފައިވަނީ އިންޑިއާ އިން ޔޫއޭއީ އަށް ދިޔުމުގެ ކުރިން އެހެން ގައުމެއްގައި 14 ދުވަހުގެ ޓްރަންސިޓެއް ހަދާފައިވާ މީހުންނަށް އެ ގައުމަށް އެތެރެ ވުމުގެ ހުއްދަ ދިނުމަށެވެ.
އިންޑިއާގައި ދުވާލެއްގެ މައްޗަށް ކޮވިޑު ޖެހޭ މީހުންގެ އަދަދު ތިން ލައްކަ އަށް އަރާފައިވާއިރު އެތައް ހާސް ބަޔަކު ދަނީ ބަލީގައި މަރުވަމުންނެވެ. އޭގެ ތެރޭގައި ހޮސްޕިޓަލުތައް ފުރި، އޮކްސިޖަން ހުސްވެ ފަރުވާ ދެވެނެ ގޮތެއް ނެތިގެމް މަރުވާ މީހުންވެސް ހިމެނެއެވެ.
އިންޑިއާ އިން ދާ ފަސިންޖަރުންނަށް ގިނަ ގައުމުތަކަށް އެތެރެ ނުވެވޭގޮތަށް ގައުމުތަކުން އުސޫލު ކަނޑައަޅަމުންދާއިރު ރާއްޖެ އިންވެސް ވަނީ ފަތުރުވެރިން ފިޔަވާ އިންޑިއާ އިން އަންނަ އެންމެން 10 ދުވަހަށް ކަރަންޓީނު ވާން ޖެހޭގޮތަށް ނިންމައިފައެވެ. އެގޮތުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުން ވެސް ހިމެނޭހެން އިންޑިއާ އިން އަންނަ ދިވެހިންނާއި ބިދޭސިންވެސް ކަރަންޓީނު ވާން ޖެހޭނެއެވެ.
ރާއްޖެ އަށް އެންމެެ ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ އިންޑިއާގައި ކޮވިޑު ފެތުރޭ މިންވަރު ހަލުވި ކަމާއެކު އިތުރުވަމުންދާއިރު ބައެއް ފްލައިޓުތައް ކެންސަލްވެ، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ކޮންމެވެސް ވަރަކަށް މަދުވާން ފަށާފައިވާތީ، ރާއްޖޭގެ ޓޫރިސްޓް އެރައިވަލް ނަންބަރަށް ކޮންމެވެސް ވަރެއްގެ ހީނަރުކަމެއް އަންނަކަން މި ފާއިތުވި އެއް ހަފްތާގެ ތަފާސް ހިސާބުތަކުން ފާހަގަވެއެވެ.