ޗެނަލް-13ގެ ނޫސްވެރިންތަކަކަށް ފުލުހުން ހުރަސް އެޅުން އެމްޖޭއޭއިން ކުށްވެރިކޮށްފި

އިއްޔެގެ މުޒާހަރާ ކަވަރުކުރަން އުުޅުނު ޗެނަލް13 ގެ ކެމެރާމަން ބިންމައްޗަށް ވެއްޓިފައި -- ފޮޓޯ/ ސޯޝަލް މީޑިއާ

އިއްޔެ ފުލުހުން ޗެނަލް-13ގެ ނޫސްވެރިންތަކަކަށް ހުރަސް އަޅައި އެ މީހުންނަށް އަނިޔާވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ބުނެ އެކަން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)އިން ކުށްވެރިކޮށްފި އެވެ.

ޗެނަލް-13ގެ ނޫސްވެރިއަކު އިއްޔެ އިދިކޮޅުގެ މުޒާހަރާ ކަވަރު ކުރަމުން ދަނިކޮށް، އޭނާއަށް މުޒާހަރާ ކަވަރު ކުރުމުގެ ތެރޭގައި އަނިޔާވެ، އޭނާއަށް ހޮސްޕިޓަލުގައި ފަރުވާދޭން ޖެހުނު ކަމަށް އެ ޗެނަލުން ބުނެ އެވެ. އޭގެ އިތުރުން، ރޭ ޕީޕީއެމް އޮފީސް ކައިރީގައި ހުންނަ ކެފޭއެއްގައި ޗެނަލް-13ގެ ދެ މުވައްޒަފަކު ތިއްބައި އެ ދެ މީހުން ހައްޔަރުކޮށްފައިވެ އެވެ. ނަމަވެސް، ފަހުން އެ ދެ މީހުން ދޫކޮށްލީ އެވެ.

އެކަމާ ގުޅިގެން، އެމްޖޭއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އިއްޔެ އަނިޔާވި ތިން ނޫސްވެރިންވެސް ތިބީ ނޫސްވެރިންކަން އެނގޭނެ ގޮތަށް ކާޑު އަޅައިގެން ކަމަށެވެ. ހައްޔަރު ކުރަން އުޅުމުންވެސް އެއީ މީޑިއާގެ ފަރާތެއްކަން ބުނެފައިވާކަންވެސް އެމްޖޭއޭއިން ފާހަގަ ކުރި އެވެ.

އެމްޖޭއޭއިން ބުނީ ވަކި މީޑިއާއަކަށް ނިސްބަތްވާ ނޫސްވެރިންނާއި މުވައްޒަފުންނަށް އަމާޒުކޮށް، ފުލުހުން ބާރުގެ ބޭނުންކޮށް، ހުރަސް އެޅުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެކަން ކުށްވެރި ކުރާ ކަމަށެވެ.

"ވަކި މީީޑިއާއަކަށް ނިސްބަތްވާ ނޫސްވެރިންނާއި މުވައްޒަފުންނަށް އަމާޒުކޮށް، ބާރުގެ ބޭނުންކޮށް، ހުރަސް އެޅުމަކީ މި ޖަމިއްޔާއިން ނުހަނު ކަންބޮޑުވާ ކަމެކެވެ. ވަކިވަކި ނޫސްވެރިންނާއި މީޑިއާތަކަށް އަމާޒުކޮށް ފުލުހުން ހިންގާ މިފަދަ އަމަލުތައް މި ޖަމިއްޔާއިން ކުށްވެރި ކުރަމެވެ،" އެމްޖޭއޭގެ ބަޔާނުގައިވެ އެވެ.

އެމްޖޭއޭއިން ބުނީ، މުޒާހަރާތައް ކަވަރު ކުރުމުގެ ފުރުސަތު ހުރިހާ ނޫސްވެރިންނާއި މީޑިއާތަކަށް ހަމަހަމަކޮށް އޮންނަން ޖެހޭނެ ކަމަށެވެ. އަދި މުޒާހަރާތައް ކަވަރު ކުރާ ނޫސްވެރިންނަށް ރައްކާތެރިކަންދީ، މީޑިއާތަކަށް ފަހި މާހައުލެއް ގާއިމްކޮށްދިނުމަށް ގޮވާލި އެވެ.

މި ފަހަކަށް އައިސް، ފުލުހުން މުޒާހަރާތައް ކަވަރު ކުރާ ނޫސްވެރިންނަށް ހުރަސް އަޅާ ކަމުގެ ޝަކުވާ ތަކުރާރުކޮށް ލިބޭތީ ކަންބޮޑުވާ ކަމަށް ބުނެ، ނޫސްވެރިންނަށް ހުރަސްއެޅުން ހުއްޓާލުމަށް އަވަސް ފިޔަވަޅު އެޅުމަށް ފުލުހުންނަށް ގޮވާލި އެވެ.

ނޫސްވެރިންނާ ދެކޮޅަށް ހިންގާ އެފަދަ އަމަލުތައް ލަސްނުކޮށް ތަހުގީގުކޮށް، އެކަށީގެންވާ ފިޔަވަޅު އަވަހަށް އެޅުމަކީ ނޫސްވެރިކަމަށް ފަހި މާހައުލެއް ގާއިމް ކުރުމަށް މުހިންމު ކަމެއް ކަމަށްވެސް އެ ޖަމިއްޔާއިން ބުނެފައިވެ އެވެ.

އެކަމާ ގުޅިގެން ފުލުހުން އިއްޔެ ބުނެފައި ވަނީ މުޒާހަރާގެ ބައިވެރިން އެތަން ދޫކޮށް ދާން އެންގުމުން ފުލުހުންނާ ހަޑިހުތުރުބަހުން މުއާމަލާތްކޮށް ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި ކެފޭ ތެރެއަށް ވަދެފައިވާ ކަމަށެވެ. އަދި އެގޮތަށް ކެފޭ ތެރެއަށް ވަނުމުން އެމީހުން އެތަނުން ނެރުނު ކަމަށެވެ.

އެތަނުން މީހުން ނެރެން އުޅުމުން، އެތަނުގައި ތިބި މީހުން ހަމަނުޖެހުން ހިންގި ކަމަށާއި އޭގެ ތެރޭގައި ނޫސްވެރިޔާވެސް ހިމެނޭ ކަމަށެވެ. އަދި ނޫސްވެރިޔާ ބިންމައްޗަށް ވެއްޓިގަނެ އަމުރަށް ނުކިޔަމަންތެރިވެފައިވާ ކަމަށެވެ.

ފުލުހުން ބުނީ ނޫސްވެރިޔާ އެތަނުން ނެރުމުން އޭނާ އަކީ ނޫސްވެރިއެއް ކަމަށް ބުނުމުން ދޫކޮށްލާފައިވާނެ ކަމަށާއި، އޭގެ ކުރިން އެއީ ނޫސްވެރިއެއްކަން އަންގާފައި ނުވާ ކަމަށެވެ.

"މި ހާދިސާގައި ނޫސްވެރިޔާގެ ފަރާތުން ފެނިފައިވަނީ ނޫސްވެރިއެއްގެ ފުށުން ފެނިގެންވާނެ ފަދަ އަމަލުތަކެއް ކަމަށް އަޅުގަނޑުމެން ނުދެކެން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

comment ކޮމެންޓް