މުޒާހަރާ ކަވަރުކުރަން އުޅުނު ނޫސްވެރިންނަށް ހުރަސްއެޅި މައްސަލަ ބަލަން ގޮވާލައިފި

މުޒާހަރާ ކަވަރުކުރަން އުޅުމުގެ ތެރޭގައި އަނިޔާވި ޗެނަލް13 ގެ ސީއީއޯ ސަމާހު --

އިއްޔެ އިދިކޮޅުން "އިންސާފު ކޮބާ؟" ގެ ނަމުގައި ބޭއްވި މުޒާހަރާ ކަވަރު ކުރަން އުޅުނު ދެ ނޫސްވެރިއެއްގެ މަސައްކަތަށް ފުލުހުން ހުރަސް އަޅާފައިވާތީ، އެ މައްސަލަ ބަލައިދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ކަމާބެހޭ ފަރާތްތަކަށް ގޮވާލައިފިއެވެ.

އެމްއެމްސީ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އިއްޔެގެ މުޒާހަރާ ކަވަރު ކުރުމަށް ހަރަކާތްތެރިވި ބައެއް ނޫސްވެރިންގެ މަސައްކަތަށް ފުލުހުން ހުރަސްއަޅާފައިވާ ކަމަށާއި ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކޮށްފައިވާ ކަމުގެ ޝަކުވާ އެ ކައުންސިލަށް ލިބިފައިވާ ކަމަށެވެ.

އެގޮތުން ޗެނަލް13 ގެ ޗީފް އޮޕަރޭޓިން އޮފިސަރު މުހައްމަދު ސަމާހާއިި އެ ސްޓޭޝަނުގެ ނިއުސް ހެޑް މަރިޔަމް އިސާދާ އަށް އަނިޔާވެފައިވާ ކަމުގެ މައުލޫމާތު އެމްއެމްސީ އަށް ލިބިފައިވާ ކަމަށާއި އެކަން ކުށްވެރިކުރާ ކަމަށް އެމްއެމްސީ އިން ނެރުނު ބަޔާނުގައި ވެއެވެ.

އެމްއެމްސީ އިން ބުނީ ނޫސްވެރިންގެ ވާޖިބު އަދާކުރުމުގެ ތެރޭގައި ދިމާވާ ހުރަސްތައް ނައްތާލާ، ނޫސްވެރިންނަށް މިނިވަން މާހައުލެއް ފަހިކޮށްދިނުމަށް މަސައްކަތްކުރުުމަކީ އެ ކައުންސިލުގެ ގާނޫނީ ޒިންމާއަކަށް ވާއިރު، އިއްޔެގެ މުޒާހަރަގައި ކަން ހިނގާފައިވާ ގޮތްބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާ ބެހޭ މުވައްސަސާތަކަށް ގޮވާލާ ކަމަށެވެ.

މުޒާހަރާގައި ނޫސްވެރިންނަށް އަނިޔާވުން ކުށްވެރިކޮށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން އެމްޖޭއޭ އިން ބުނީ ކައިރިން މުޒާހަރާތައް ކަވަރު ކުރުުމުގެ ފުރުސަތު ނޫސްވެރިންނަށް ދޭން ގޮވާލާ ކަމަށާއި މުޒާހަރާ ކަވަރު ކުރާއިރު ނޫސްވެރިންގެ ކަންތައް ބެލެހެއްޓުމަށް ފުލުހުންގެ މީޑިއާ ހާޒިރުވެ ތިބުމަށް އެދޭ ކަމަށެވެ.

comment ކޮމެންޓް