އުޒްބަކިސްތާނުން ރާއްޖެއަށް ދަތުރުތައް ފަށައިފި

އުޒްބަކިސްޔާނުގެ ގައުމީ އެއާލައިނުން ރާއްޖެއަށް ދަތުރު ފެށުން -- ފޮޓޯ: ވީއައިއޭ

ސެންޓްރަލް އޭޝިއާގައި އޮންނަ އުޒްބަކިސްތާނުން ރާއްޖެ އަށް ސީދާ ދަތުރުތައް ފަށައިފިއެވެ.

އުޒްބަކިސްތާނުގެ ގައުމީ އެއާލައިން، އުޒްބަކިސްތާން އެއާވޭސް އިން މާލެ އަށް މިއަދު ދަތުރު ފެށިއިރު ފުރަތަމަ ފްލައިޓުން 266 ފަސިންޖަރުން އައިސްފަިއވެއެވެ.

ސެންޓްރަލް އޭޝިއާގެ ގައުމުތަކުގެ މެދުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުވެ، އެ ސަރަހައްދުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުވެސް ވަނީ އިތުރުވާން ފަށައިފައެވެ.

އުޒްބަކިސްތާނާއި ރާއްޖެ އާއި ދެމެދު ދަތުރު ފެށިއިރު ސެންޓްރަލް އޭޝިއާގައި ހިމެނޭ ކަޒަކިސްތާނާއި މާލެ އާއި ދެމެދުވެސް ދަނީ ދަތުރުތައް ބާއްވަމުންނެވެ.

ރަޝިއާ، ޔޫކްރެއިން ހިމެނޭ ސަރަހައްދުގައި އޮންނަ ގައުމުތަކުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާން ފަށާފައިވާއިރު ރަޝިއާ، ޔޫކްރެއިން އިން ރާއްޖެއަށް ދަނީ ޝެޑިއުލްޑް އަދި ޗާޓަރު ދަތުރުތައްވެސް މި ދުވަސްވަރު ބާއްވަމުންނެވެ.

ބޯޑަރު ހުޅުވާލިފަހުން ރާއްޖެއަށް 25 އަށްވުރެ ގިނަ އެއާލައިނުން ވަނީ ދަތުރު ފަށައިފައެވެ. މީގެ ތެރޭގައި ފިނިމޫސުމާއި އާ އަހަރުގެ ޗުއްޓީ އާއި ދިމާކޮށް ދަތުރު ފެށި އެއާލައިންތައްވެސް ހިމެނެއެވެ.

ޖުލައި 15 އިން އިއްޔެގެ ނިޔަލަށް 163،165 ޓޫރިސްޓުން ރާއްޖެ އައިސްފައިވާއިރު މިއަހަރު އެހައިތަނަށް ޖުމްލަ 546،012 ޓޫރިސްޓުން އައިސްފައިވެއެވެ.

comment ކޮމެންޓް