އިންޑިއާގެ ފްލެގް ކެރިއާ، އެއާ އިންޑިއާ ބޮޑު ގެއްލުމެއްގައި ހިންގާތާ އެތައް އަހަރެއް ފާއިތުވެފައިވާއިރު، އެ އެއާލައިން ވިއްކާލަން ސަރުކާރުން ނިންމުމާއެކު ގިނަ ކުންފުނިތަކަކުން އެކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އިންޑިއާ ސަރުކާރުން ބުނެފި އެވެ.
އެއާ އިންޑިއާ ގަތުމަށް ޝައުގުވެރިކަން ފާޅުކުރި ވިޔަފާރި ކުންފުނިތަކުގެ ތެރޭގައި އިންޑިއާގެ އެންމެ ބޮޑު އެއް ވިޔަފާރި ގްރޫޕު، ޓާޓާ ކުންފުނި ވެސް ހިމެނެ އެވެ. ނަމަވެސް ޓާޓާ އާއި ސިންގަޕޯ އެއާލައިންސް އެކުވެގެން އުފައްދާފައިވާ ވިސްޓާރާ އެއާލައިނާއި، އެއާ އިންޑިއާގެ އޮޕަރޭޝަންސްތައް ފުށޫއަރާތީ، ޓާޓާ އިން ކަންކުރާނެ ގޮތެއް ސީދާ ނޭނގެ އެވެ.
އެއާ އިންޑިއާ އަދި ވިސްޓާރާ އަކީވެސް ފުލް ސާވިސް ދެ އެއާލައިނެވެ.
އެއާ އޭޝިއާ އިންޑިއާގައިވެސް ޓާޓާ ކުންފުނީގެ ހިއްސާ އޮވެ އެވެ.
އެއާ އިންޑިއާ ގަތުމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު މިމަހުގެ 14 ގައި ބަންދުވިއިރު، ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ޕާޓީތަކަށް އަންނަ މަހުގެ ފަސްވަނަ ދުވަހު އެކަން އަންގާނެ ކަމަށް ސަރުކާރުން ބުނެފައި ވެއެވެ.
އެއާ އިންޑިއާ ވިއްކާލުމުގެ ކަންތައ ނިމި އާ ކުންފުނިން އެ އެއާލައިން ހިންގުމާ ހަވާލުވާން އަދި ވަގުތު ނަގާނެ އެވެ. އެކަމަކު އަންނަ އަހަރުގެ ހޫނު މޫސުމާ ދިމާކޮށް އާ ކުންފުނިން އެއާލައިން މެނޭޖު ކުރަން ފެށުންވެސް ގާތް ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ޓައިމްސް އޮފް އިންޑިއާ ބުނާގޮތުން ޓާޓާ ކުންްފުނީގެ އިތުރުން ބައެއް އެމްޕްލޯއީ ގްރޫޕުތަކުންވެސް ވަނީ އެއާ އިންޑިއާ ގަތުމަށް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އޭގެ ތެރޭގައި އެއާ އިންޑިއާގެ މިހާރުގެ ބޯޑު މެންބަރެއްގެ އިތުރުން ލޮސްއެންޖެލަސްގެ ފައިނޭންޝަލް ފާމެއްވެސް ހިމެނެ އެވެ.
އިންޑިއާގެ ފްލެގް ކެރިއާ، އެއާ އިންޑިއާ ވިއްކާލަން މަސައްކަތްކުރާތާ އެތައް އަހަރެއްފަހުން އެކަމަށް ނިމުމެއް އަންނަތަން ފެންނަމުންދާއިރު، އެ އެއާލައިން ހިންގުމާ ދެން ހަވާލުވާ ބަޔަކު، އެ އެއާ ލައިނުގެ ބިލިއަން ޑޮލަރުގެ ދަރަނިން ބަޔަކާވެސް ހަވާލުވާން ޖެހޭނެ އެވެ.