ރައްޔިތުންގެ މަޖިލީހުގެ 24 މެމްބަރަކު ސޮއިކޮށް، ހެލްތް މިނިސްޓަރު އަބްދުﷲ އަމީން މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ވައްދައިފި އެވެ.
އެ މައްސަލަ މަޖިލީހަށް ވައްދާފައި މިވަނީ، އަމީން މަގާމުން ވަކިކުރަން ނުފެންނަ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް (ޕީޖީ)އިން މިއަދު ފާސްކޮށްފައި ވަނިކޮށެވެ.
އަމީން މަގާމުން ވަކިކުރުމަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، ކޮވިޑް19އާ ގުޅިގެން ރާއްޖެއިން ބޭރުން ގެންނަން އޯޑަރު ކުރި ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިމެނޭގޮތަށް ހެލްތް މިނިސްތްރީން އަމަލުކޮށްފައިވާ ކަމަށް އޮޑިޓް އޮފީހުންނާއި އެންޓިކޮރަޕްޝަން ކޮމިޝަނުން ކުރި ތަހުގީގުން އެގެން އޮންނަ ކަމަށެވެ. އަދި އޭގެ ޒިންމާ މިނިސްޓަރު އަމީން ނަގަން ޖެހޭ ކަމަށާއި އެ ތުހުމަތުތަކާ ގުޅިގެން އޭނާއަށް ކުރެވޭ އިތުބާރު ގެއްލިފައިވާ ކަމަށެވެ.
"މިއީ އަމީންގެ އިތުބާރު ރައްޔިތުންގެ ކުރިމަތީގައި ގެއްލި، މި މަޖިލީހުގެ އިތުބާރު އަމީންގެ މައްޗަށް ގެއްލލިގެންގޮސްފައިވާ އަމަލަކަށް ވީ ހިނދު އަދި މިކަމުގައި މަޖިލީހުން އަމީންއާ ސުވާލުކުރުމުން މަޖިލީހަށް ތެދުނޫން މައުލޫމާތު ދީ، ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ދީފައިވާކަން ސާދުވެފައިވާތީ" އެ މައްސަލައިގައި ވައްދަން ޖެހޭ ސަބަބުގެ ގޮތުގައި ބަޔާން ކޮށްފައިވެއެވެ.
މައްސަލަ ވައްދަން ސޮއި ކުރި މެމްބަރުން:
- ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އިވާ އަބްދުﷲ
- ބިލެއްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމް
- ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު
- މަފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ
- ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް
- ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން
- ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު
- މަޑަވެލި ދާއިރާގެ މެމްބަރު ހުސަިއން ފިރުޝާން
- ގައްދޫ ދާއިރާގެ މެމްބަރު އިބްރާޙިމް ޒާހިރު
- މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޯންޑޭ)
- ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް
- އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު
- މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބޯދިގު)
- ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު
- ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް
- ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު
- ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު
- މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް
- މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ
- އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ)
- މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު
- ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝީޔާން
- ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު
- ހިތަދޫ މެދު ދާއިރާ މެމްބަރު އަހްމަދު ރަޝީދު (ޗެކްމާކް)
މިއީ މި ސަރުކާރުގެ ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވެދި ފުރަތަމަ ފަހަރެވެ. މަޖިލިސް ގަވައިދު ބުނާ ގޮތުން ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅުމަށް ބޭނުން ވަނީ 10 މެމްބަރުންގެ ސޮއި އެވެ. އަދި ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ބޭނުންވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އައުލަބިއްޔަތެވެ. އެއީ 43 މެމްބަރުންނެވެ.
މަޖިލީހުގައި ޖުމްލަ 87 މެމްބަރުން ތިއްބަވާއިރު، އެމްޑީޕީގެ މެމްބަރުގެ އަދަދަކީ، 65 އެވެ.
ޕީޖީގައި މިއަދު ނެގި ވޯޓުގައި އެމްޑީޕީގެ 58 މެމްބަރުން ބައިވެރިވި އިރު، އަމީން ވަކިކުރުމަށް 27 މެމްބަރަކު ވޯޓު ދެއްވިއެވެ. އެ މައްސަލަ ފާސްނުވީ ތިން ވޯޓުގެ ތަފާތުންނެވެ.
އެމްޑީޕީގެ ރައީސް އަދި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ޕާޓީގެ ވިޕްލައިންއާ ހިލާފަށްވެސް އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދާނެ ކަމަށެވެ. އެގޮތަށް ވިދާޅުވީ، އަމީން މަގާމުން ވަކިކުރުމަށ ޕީޖީގެ ބައްދަލުވުމުން ބޭއްވުމުގެ ކުރިން ޕާޓީގެ ވަޓްސްއަޕް ގުރޫޕުގައި ހިނގައިދިޔަ ހޫނު ބަހުގެ ހަމަލާތަކުގައެވެ.
އަމިން މަޖިލީހަށް ދޮގު މައުލޫމާތު ދިން ކަމަށް އިތުބާރު ނެތް ކަމުގެ މައްސަލައިގައި ބުނެފައިވީނަމަވެސް އޭނާ ވިދާޅުވަނީ، މަޖިލީހަށް ދޮގު މައުލޫމާތު ދިފައި ނުވާނެ ކަމަށެވެ. އަދި ކޮރަޕްޝަންގެ ތުހުމަތުތައްވެސް އަމީން ދޮގުކުރެއެވެ.
ވެންޓިލޭޓަރު މައްސަލައިގައި އަމީނާއެކު އެ މިނިސްޓްރީގެ 11 މީހަކަށް ދައުވާ ކުރަން މިދިޔަ ހަފްތާ ބުދަ ދުވަހު އެންޓިކޮރަޕްޝަން ކޮމިޝަނުން ވަނީ ޕޮރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ)އަށް ފޮނުވާފަ އެވެ. އެހެން ނަމެވެސް މިއަދު ޕީޖީން ވަނީ އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ސާބިތުކުރުމާ ގާތަށް ވެސް ހެކި ނެތް ކަމަށް ބުނެ، ދައުވާ ނުކުރަން ނިންމާފަ އެވެ.
ދައުވާ ނުކުރަން ޕީޖީން ނިންމި ނަމަވެސް، އެ މައްސަލަ ފުލުހުންނާ ގުޅިގެން އަލުން ބަލާނެ ކަމަށް އޭސީސީން މިއަދު ވަނީ ބުނެފަ އެވެ.