ޕާޓީގެ ވިޕްލައިންއާ ހިލާފަށްވެސް އަމީން ވަކިކުރުމުގެ މަސައްކަތް ކުރާނަން: ނަޝީދު

ނަޝީދު: ޕާޓީގެ ވިޕްލައިންއާ ހިލާފަށްވެސް އަމިން ވަކިކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ކޮންމެ ގޮތަކަށް ނިންމިނަމަވެސް، ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދާނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ވެންޓިލޭޓަރުގެ ކޮރަޕްޝަނާ ގުޅިގެން އަމީން މަގާމުން ވަކިކުރުމަށް އިތުބާރު އޮތްތޯ ބެލުމަށް އެމްޑީޕީގެ ޕީޖީން މިއަދު ބޭއްވި ބައްދަލުވުމުގައި ނެގި ވޯޓުން، އޭނާ މަގާމުން ވަކިކުރަން ފާހެއް ނުވި އެވެ.

އެ ބައްދަލުވުމުގެ ކުރިން އެމްޑީޕީ ޕީޖީގެ ވަޓްސްއަޕް ގުރޫޕުގައި ދިޔަ ހޫނު ބަހުސްގެ ތެރެއިން ރައީސް ނަޝީދު ވިދާޅުވީ، "ޕާޓީގެ ވިޕްލައިނުން ބޭރުންވެސް މި ވޯޓު އަޅުގަނޑު ލާނަން،" ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، ޕާޓީގެ ވިޕްލައިނާ ހިލާފަށް އެ މައްސަލަ ކުރިއަށް ގެންދިޔުމަށް މަސައްކަތް ކުރުމުން، އެނާއާ މެދު އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން ކޮންމެ ގޮތަށް ފިޔަވަޅު އެޅި ނަމަވެސް އެކަން ގަބޫލު ކުރާނެ ކަމަށެވެ.

"އަދި ފިޔަވަޅު އަޅާ ކޮމިޓީން [އަޅުގަނޑާމެދު] އަޅާ ފިޔަވަޅެއް ގަބޫލު ކުރާނަން،" ރައީސް ނަޝިދު ވަޓްސްއަޕް ގުރޫޕަސް ފޮނުއްވި މެސްޖްޖައި ލިޔެފައިވެއެވެ.

ވަޓްސްއަޕް ގުރޫޕު ހޫނުވީ، އަމީންގެ ވަކިކުރުމަށް ވާހަކަތައް ދެކެވުމުން، އަކަމާ ބައެއް މެމްބަރުން ދެކޮޅު ހެދުމުންނެވެ.

އެގޮތުން އަލިފުށީ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވީ، އަމީން ވަކިކުރުމަކީ ރައީސް އިބްރާހިމް ސޯލިހް ނިންމަވަން ޖެހޭ ނިންމުމެއް ކަމަށާއި އެ ނިންމުން ރައީސަށް ދޫކޮށްލުމަށެވެ.

އެގޮތަށް ވިދާޅުވުމުން، ރައީސް ސޯލިހްވެސް އެ ގުރޫޕުގައި އިންނަވަކާން ރައީސް ނަޝީދު ބިގޭއަށް ހަނދުމަކޮށްދިނެވެ.

"ދެން ތިޔަ ގޮތަށް ބިގޭ ރައިސް [ސޯލިހް]އޭ ކިޔާއިގެން ދައްކާ ވާހަކަ ގަބޫލުކުރައްވާ ބޭފުޅުން އެގޮތަށް އަމަލު ކުރައްވާ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އަމީން ވަކި ކުރުމަށް އެމްޑީޕީގެ ޕީޖީން ފާސްނުވީ، ތިން މެމްބަރުންގެ ވޯޓުންނެވެ. "ސަން" އަށް އެނގިފައިވާ ގޮތުގައި ޖުމްލަ 58 މެމްބަރުން ބައިވެރި ޕީޖީގެ އެ ބައްދަލުވުމުގައި 27 މެމްބަރަކު އަމީން ވަކިކުރުމަށް މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ވޯޓު ދެއްވިއެވެ.

އިތުބާރު ނެތް ކަމަށް ފާސްވުމަށް 30 ވޯޓު ބޭނުންވެ އެވެ.

އެ ބައްދަލުވުމުގައި ބައިވެރިވި ނަމަވެސް، ބައެއް މެމްބަރުން ވަކި ގޮތަކަށް ވޯޓު ނުދެއްވަ އެވެ. އަމީންއާ އެއްކޮޅަށް ވޯޓު ދެއްވީ ކިހާ އަދަދެއްގެ މެމްބަރުން ކަމެއް އަދި ސާފެއް ނޫނެނެވެ.

އެނގިފައިވާ ގޮތުގައި، އެމްޑީޕީގެ ޕީޖީން އަމީން ވަކިކުރުމަށް ފާސް ނުވި ނަމަވެސް، އޭނާ މަގާމުން ވަކިކުރުމަށް މަޖިޅީހަށް ހުށަހެޅުމަށް އެމްޑިޕީގެ ބަައެއް މަޖިލިސް މެމްބަރުން ދަނީ މަސައްކަތް ކުރައްވަމުންނެވެ.

https://sun.mv/144493

comment ކޮމެންޓް