ލަންކާގެ ބޮޑުވަޒީރުގެ ޗީފް އޮފް ސްޓާފްކަމަށް ދަރިކަލުން ޔޯޝިތަ

ޔޯޝިތަ ރާޖަޕަކްސަ (މ) އޭނާގެ ބައްޕާފުޅު މަހިންދަ ރާޖަޕަކްސަ، މަންމާފުޅު ޝިރާންތީ އަދި ބޭބެ ނާމަލްއާއެކު -- ފޮޓޯ/ އިންސްޓަގްރާމް (yk_rajapaksa)

ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ޗީފް އޮފް ސްޓާފްގެ މަގާމަށް ދަރިކަލުން ޔޯޝިތަ ރާޖަޕަކްސަ ހަމަޖައްސައިފިއެވެ.

ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ތިން ދަރިކަލުން ތިއްބަވާއިރު ޔޯޝިތަ ރާޖަޕަކްސައަކީ މެދަށް ހުންނަ ދަރިކަލުންނެވެ.

ބައްޕާފުޅުގެ އޮފީހުގެ އިސް މަގާމެއް ޔޯޝިތައަށް ދިންކަން ލަންކާގެ ސަރުކާރުން މިހާތަނަށްވެސް އިއުލާނުކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް އެކަން ތިލަވީ ސްރީލަންކާގައި ހުންނަ ޗައިނާ އެމްބަސީގެ ވެރިއަކު ޔޯޝިތަ ރާޖަޕަކްސައާ ބައްދަލުކުރައްވައި މަރުހަބާ ވިދާޅުވިކަން ހާމަކޮށް ޓްވީޓުކުރުމުންނެވެ.

ޔޯޝިތަ ރާޖަޕަކްސައަކީ 2005 އިން ފެށިގެން، އޭނާގެ ބައްޕާފުޅު އަދި މިހާރުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ރައީސްކަން ނިމުމާ ހަމައަށް ލަންކާގެ ނޭވީގައި މަސައްކަތްކުރި ހިދުމަތްތެރިއެކެވެ. ޖެނުއަރީ 2015 ވަނަ އަހަރު އޭނާ ލިއުޓެނަންޓްގެ މަގާމުން ޑީކޮމިޝަންކުރި އިރު، އެ އަހަރު އޭނާއާ މެދު ކުރެވޭ ތުހުމަތުތަކަކާ ގުޅިގެން ނޭވީއިން އޭނާ ސަސްޕެންޑްވެސް ކުރިއެވެ.

އޭނާގެ މައްޗަށް ތުހުމަތުކުރެވުނު ކަންކަމުގެ ތެރޭގައި ނޭވީ އޮފިސަރަކަށް އުޅެނިކޮށް ބޭރު ގައުމުތަކުން ސްކޮލަޝިޕް ލިބުމާއި ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވުން ފަދަ ކަންކަން ހިމެނެއެވެ. ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ކޮމިޓީއަކުން ޔޯޝިތަ ރާޖަޕަކްސަގެ މައްސަލަތައް ތަހުގީގުކުރި އިރު ހާމަވީ އޭނާ ނޭވީއަށް ގުޅުނީ އެކަމަށް ބޭނުންވާ ތައުލީމީ ޝަރުތު ފުރިހަމަ ނުވަނީސް ކަމެވެ. އަދި ލަންކާގެ ސަރުކާރުން އިނގިރޭސިވިލާތުގައި ޔޫކްރެއިނުގައި ޔޯޝިތަ ރާޖަޕަކްސަގެ އެކިއެކި ތަމްރީނުތައް ފުރިހަމަކުރުމަށް 22.23 މިލިއަން ރުޕީސް (150،000 ޑޮލަރު) ހަރަދުކޮށްފައިވާ ކަމެވެ.

ރަގްބީ ކުޅުންތެރިއެއްގެ އިތުރުން، ލަންކާގެ އެންމެ ބޮޑު އެއް ކުޅިވަރު އަދި ލައިފްސްޓައިލް ޓީވީ ޗެނަލް ކާލްޓަން ސްޕޯޓްސް ނެޓްވޯކްގެ މަސްއޫލުވެރި ޔޯޝިތަ، އެ ޗެނަލްއާ ގުޅޭ ކޮރަޕްޝަނުގެ މައްސަލައެއްގައި 2016 ވަނަ އަހަރު ހައްޔަރުވެސް ކުރިއެވެ. އެއީ ސްރީލަންކާ ކުޅޭ ބޮޑެތި ކްރިކެޓު މެޗުތަކުގެ އެކްސްކްލޫސިވް ރައިޓްސް ހަމައެކަނި ކާލްޓަން ސްޕޯޓްސް ނެޓްވޯކަށް ދިން މައްސަލައިގައެވެ. ކާލްޓަންއަށް އެކްސްކްލޫސިވް ރައިޓްސް ދިނީ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ރައީސްކަމުގެ ދުވަސްވަރުއެވެ.

https://sun.mv/70902

ނޭވީގެ ލެފްޓިނެންޓްކަމުން ޑީކޮމިޝަންކޮށް، ސަސްޕެންޑުކޮށްފައި ހުރި ޔޯޝިތަ ރާޖަޕަކްސައަށް އެ މަގާމު އަލުން ދީ އޭނާގެ ސަސްޕެންޝަން އުވާލައި، ނޭވީގެ ހިދުމަތަށް އޭނާ އަލުން ނެރުނީ 2019 ސެޕްޓެމްބަރުގައި، އޭރުގެ ރައީސް މައިތުރިޕާލަ ސިރިސޭނާގެ އަމުރުފުޅަކަށެވެ.

ޔޯޝިތަ ރާޖަަޕަކްސަގެ ބޭބެ އަދި ގާނޫނީ ވަކީލު ނާމަލް ރާޖަޕަކްސައަކީ ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއްގެ އިތުރުން އެގައުމުގެ ޒުވާނުންނާއި ކުޅިވަރާ ބެހޭ ވަޒީރެވެ. އަދި އެ އާއިލާގެ އެންމެ ހަގަށް ހުންނަ ރޯހިތަ ރާޖަޕަކްސައަކީ ސްޕޭސް ސިސްޓަމްސް އިންޖިނިއަރެއްގެ އިތުރުން ޕައިލެޓެކެވެ.

ސްރީލަންކާގެ މިހާރުގެ ރައީސަކީ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ކޮއްކޯފުޅު ގޯޓާބަޔަ ރާޖަޕަކްސައެވެ. ވެރިކަން ހިންގުމުގެ ނިޒާމުގެ ތެރެއަށް އާއިލީ ނުފޫޒު ވައްދާކަމުގެ ތުހުމަތު ރާޖަޕަކްސަ އާއިލާއަށް އަބަދުވެސް ރައްދުވާ އިރު، މި އަހަރު އޮތް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލައްވައި ގޮނޑި ކާމިޔާބުކުރި އެ އާއިލާގެ ހުރިހާ މެމްބަރުންނަށް އެގައުމުގެ ކެބިނެޓުން މަގާމުތައް ދިނެވެ.

comment ކޮމެންޓް