ރާއްޖޭގައި މަސައްކަތް ކުރާ ސްރީލަންކާގެ މީހުންނަށް، އެ ގައުމުގެ ރުޕީސްއާއި ދިވެހި ރުފިޔާއިން ފައިސާ ފޮނުވޭނެ ގޮތެއް ހޯދައިދޭން ލަންކާއިން ރާއްޖޭގައި މިއަދު އެދިއްޖެއެވެ.
ލަންކާގެ ފަރާތުން އެ ހުށަހެޅުން ހުށަހެޅުއްވީ، ފޮރިން މިނިސްޓަރު ވިޖިތަ ހިރާތުއެވެ. އެއީ ރަސްމީ ދަތުރުފުޅެއްގައި ލަންކާއަށް އިއްޔެ ވަޑައިގެންނެވި ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލާ މިއަދު ބައްދަލުކުރެއްވުމަށްފަހުގައެވެ.
އެ ބައްދަލުވުމުގައި މަޝްވަރާކުރެއްވި ކަންތައްތަކާ ގުޅޭ ގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ހިރާތު ވިދާޅުވީ، ރާއްޖޭގައި ލަންކާގެ ރައްޔިތުންނަށް ފޯރުކޮށްދޭ ވަޒީފާގެ ފުރުސަތުތަކަށް ޝުކުރު ދެންނެވި ކަމަށާއި އެ ގައުމުގެ ރައްޔިތުންނަށް ރާއްޖޭގައި މަސައްކަތް ކުރެވޭނެ އިތުރު ފުރުސަތުތައް ހޯދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ހަމައެއާއެކު، ރާއްޖޭގައި މަސައްކަތްކުރާ ލަންކާގެ ރައްޔިތުންނަށް ފަސޭހަވާނެ ގޮތަށް، އެ މީހުން ދެ ގައުމުގެ މެދުގައި ކުރާ ފައިސާގެ މުއާމަލާތްތައް ރުފިޔާއާއި ރުޕީސްއިން ކުރެވޭނެ ގޮތެއް ހޯދުމަށް އެދިވަޑައިގަތް ކަމަށް ވެސް މިނިސްޓަރު ހިރާތު ވިދާޅުވިއެވެ.
ލަންކާއާއި ރާއްޖެއާ ދެމެދު އެކި ދާއިރާތަކުން ގުޅުން ވަރުގަދަ ކުރަން ދެ ބޭފުޅުން ވާހަކަ ދެއްކެވިއިރު އޭގެ ތެރޭގައި އިގުތިސާދީ ގޮތުންނާއި އިންވެސްޓްމެންޓުތަކުންނާއި ވައިގެ ދަތުރުފަތުރާއި ފަތުރުވެރިކަމުގައި ދާއިރާ ހިމެނެއެވެ.
"ފަތުރުވެރިކަމަކީ ދެ ގައުމުގެ އިގުތިސާދީ ކުރިއެރުމަށް ވެސް މުހިންމު ދާއިރާއެއް، އަދި ރާއްޖެއަށް ފަތުރުވެރިކަމުގެ ޚިދުމަތްތަކާއި ހުނަރުވެރިން ފޮނުވުމުގައި ސްރީލަންކާއިން މުހިންމު ދައުރެއް އަދާކުރޭ. ލަންކާގެ އަމާޒަކީ މި އަހަރު ތިން މިލިއަން ފަތުރުވެރިން ގެނައުމުން ކަމަށްވާއިރު، އަޅުގަނޑުމެން ވަނީ ދެ ގައުމަށް ވެސް ފަތުރުވެރިން އިތުރުކުރަން ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތާ ބެހޭ ގޮތުން މަޝްވަރާކޮށްފައި،" ހިރާތު ވިދާޅުވިއެވެ.

ލަންކާގެ ފޮރިން މިނިސްޓަރާއި، ދިވެހި ފޮރިން މިނިސްޓަރު: ދެ ބޭފުޅުން ވަނީ އެކި ދާއިރާތަކުން ގުޅުން ބަދަހިކުރަން މަޝްވަރާކުރައްވައިފައި -- ފޮޓޯ/ ލަންކާ ފޮރިން މިނިސްޓްރީ
އެ މަޝްވަރާތަކުގައި ދެ ބޭފުޅުންވަނީ، ފަތުރުވެރިކަމުގެ ދާއިރާގެ އިންވެސްޓްމެންޓުތައް މެދުވެރިކޮށް ދެ ގައުމުން އެކުގައި އިތުރު މަސައްކަތްތައް ކުރަން އެއްބަސްވެފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެ މަޝްވަރާތަކަށް ފަހު މިނިސްޓަރު ޚަލީލްވަނީ، ރާއްޖޭގައި މަސައްކަތް ކުރާ ލަންކާގެ ރައްޔިތުންގެ ފަރާތުން ދިވެހި އިގުތިސާދަށް ލިބޭ ފައިދާ ފާހަގަކުރައްވައި ޝުކުރު އަދާކުރައްވައިފައެވެ. އަދި ލަންކާގައި ވެސް ގިނަ އަދަދެއްގެ ދިވެހީން ދިރިއުޅޭކަން ފާހަގަކުރައްވައި، އެ މީހުންގެ ފަރާތުން އެ ގައުމުގެ އިގުތިސާދަށް ފައިދާވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުުރުން ދެ ގައުމުން ގުޅިގެން ކުރާ މަސައްކަތުގައި ތައުލީމީ ދާއިރާ މުހިންމު ކަމަށާއި، އަމާޒަކީ މަސައްކަތުގެ ހުނަރު ދަސްކޮށްދޭ ވޮކޭޝަނަލް ޕްރޮގްރާމްތައް ވެސް ލަންކާއާ ގުޅިގެން ކުރިއަށްގެންދިޔުން ކަމަށް ޚަލީލް ވިދާޅުވިއެވެ.