މިނިސްޓަރު ޚަލީލް ލަންކާގެ ރައީސާ ބައްދަލުކުރައްވައިފި؛ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާކުރެއްވި

މިނިސްޓަރު ޚަލީލް ލަންކާގެ ރައީސާ ބައްދަލުކުރައްވަނީ: ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ވަނީ މަޝްވަރާކުރައްވާފައި -- ފޮޓޯ/ ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެ ބައްދަލުކުރެއްވުން ބާއްވާފައި ވަނީ ރިޔާސީ އިދާރާގައި ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޚަލީލް ވަނީ ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒާއި ދިވެހި ރައްޔިތުންގެ ތަހުނިޔާއާއި ހެޔޮއެދުންތައް ލަންކާގެ ރައީސަށް އަރިސްކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރާއްޖެއާއި ސްރީލަންކާއާ ދެ ގައުމުގެ ދެމެދުގައިވާ ގާތް ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ވަނީ މަޝްވަރާކުރައްވައިފައެވެ. އަދި އިތުރަށް ގުޅުން ބަދަހިކުރުމަށް އިތުރު މަގުތައް ހޯއްދަވައިދެއްވުމަށް ދިވެހި ސަރުކާރުން ޝައުގުވެރިކަން ފާޅުކުރެއްވިއެވެ.

މިނިސްޓަރު ޚަލީލް ދެއްކެވި ވާހަކައިގައި، ސްރީލަންކާ ސަރުކާރުން ރާއްޖޭގެ ތަރައްގީއަށް ކޮށްދެއްވާ މަސައްކަތާއި، ވެދޭ އެހީތެރިކަމަށްޓަކައި ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ޚަލީލްގެ އަރިހުގައި ރާއްޖޭގެ ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާއާއި، ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދުގެ އިތުރުން ރާއްޖޭގެ ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ އާމިނަތު އަބްދުﷲ ދީދީ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިނިސްޓަރު ޚަލީލް މިވަގުތު ލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވަނީ ލަންކާގެ ބޮޑުވަޒީރު ޑރ. ހާރިނީ އަމަރަސޫރިޔާއާ ވެސް ބައްދަލުކުރައްވައިފައެވެ.

comment ކޮމެންޓް