44 ދުވަހަށް ފަހު ރާޖަޕަކްސަގެ ދަރިކަލުން ޖަލުން މިނިވަން ކޮށްފި

ޔޯޝިތަ (ވ) މިނިވަން ވުމުން އޭނާއާއި އެކު އޭނާގެ ބޭބެ އަދި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ނަމާލް ރާޖަޕަކްސަ (ކ) -- ފޮޓޯ: ނަމަލް ރާޖަޕަކްސަ

ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ސަރުކާރުން ހިންގި މާލީ ޚިޔާނާތެއްގެ މައްސަލައެއްގައި ހައްޔަރުކުރި އޭނާގެ ދަރިކަލުން ޔޯޝިތަ ރާޖަޕަކްސަ، 44 ދުވަސް ފަހުން ޖަލުން މިނިވަން ކޮށްފި އެވެ.

ލަންކާ ފުލުހުންގެ ފައިނޭންޝަލް ކްރައިމްސް އިންވެސްޓިގޭޝަން ޑިވިޝަން (އެފްސީއައިޑީ) އިން ބަލަމުން ދިޔަ މައްސަލައަކީ، ސްރީލަންކާ ކުޅޭ ބޮޑެތި ކްރިކެޓް މެޗުތަކުގެ އެކްސްކްލޫސިވް ރައިޓްސް ހަމައެކަނި ކާލްޓަން ސްޕޯޓްސް ނެޓްވޯކަށް ދިން މައްސަލަ އެވެ. ކާލްޓަން އަށް ކްރިކެޓު މެޗުތައް ވަގުތުން ދުރަށް ދެއްކުމުގެ އެކްސްކްލޫސިވް ރައިޓްސް ދީފައި ވަނީ ރައީސް މަހިންދަ ރާޖަޕަކްސަގެ ވެރިކަމުގަ އެވެ.

ރާޖަޕަކްސަގެ ދަރިކަލުން ޔޯޝިތައަކީ ކާލްޓަން ސްޕޯޓްސް ނެޓްވޯކުގެ މަސްއޫލުވެރިއެކެވެ. އެ މައްސަލާގައި ޔޯޝިތައާއި އިތުރު ބަޔަކު ހައްޔަރުކުރީ ޖަނަވަރީ 30 ވަނަ ދުވަހު އެވެ.

ޔޯޝިތަ އިއްޔެ ދޫކޮށްލެވުނީ، ކަފާލާތުގެ ދަށުން، ކަޑުވެލާ މެޖިސްޓްރޭޓު ކޯޓަށް އެއް ލައްކަ ރުޕީސްގެ އިތުރުން، ގެރެންޓީގެ ގޮތުގައި ދެ މިލިޔަން ރުޕީސް ދައްކައިގެންނެވެ. މި މައްސަލައިގައި ޔޯޝިތައާ އެކު ހައްޔަރު ކުރި އިތުރު ބަޔަކުވެސް ދޫކޮށްލެވުނު އިރު، އެ ހުރިހާ ފަރާތެއް ވެސް ސްރީލަންކާ އިން ބޭރަށް ދަތުރުކުރުން ވަނީ ވަގުތީ ގޮތުން މަނާ ކުރެވިފަ އެވެ.

މިދިޔަ 44 ދުވަހު ޔޯޝިތަ ރާޖަޕަކްސަ ޖަލުގައި ބަންދުކޮށްފައި ބެހެއްޓީ، އޭނާގެ މަސްލަހަތު ހިމެނޭ މައްސަލައެއް ފުލުހުން ބަލަމުން ދާތީ އެވެ. އޭނާގެ ބަންދުގެ މުއްދަތު އެކި ފަހަރު މަތިން އިތުރުކޮށް، ބަންދުކޮށްފައި ބެހެއްޓީ ކޮލޮމްބޯގެ ވެލިކަޑަ ޖަލުގަ އެވެ.

މަސްދަރު: ކޮލޮމްބޯ ޕޭޖް

comment ކޮމެންޓް