ލަންކާ މީހަކު، މިނިސްޓަރު ޚަލީލަށް އިންޒާރުދޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފި

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް: ލަންކާ މީހަކު، މިނިސްޓަރު ޚަލީލަށް އިންޒާރުދޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފި -- ފޮޓޯ/ ހެލްތް މިނިސްޓްރީ

ސްރީލަންކާގެ ރައްޔިތަކު، އެކްސް މެދުވެރިކޮށް ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލަށް އިންޒާރުދެމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

މި މައްސަލަ ފެންމަތިވިއިރު މިނިސްޓަރު ޚަލީލް ހުންނެވީ ސްރީލަންކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އެ ގައުމުގެ ވެރިރަށް ކޮލޮމްބޯގައެވެ.

އެއާއެކު ނަދީޝް ޕެރެރާ ނަމަކަށް ކިޔާ ލަންކާގެ ރައްޔިތަކު އެކްސްގައި ދަނީ މިނިސްޓަރުގެ ފޮޓޯ ހިއްސާކުރައްވައި އެކި ކަހަލަ އިންޒާރުދެމުންނެވެ.

އެކަމާ ގުޅިގެން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނީ އެކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެކަމާ ގުޅުންހުރި އިދާރާތަކާއެކު ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލަ ފެންމަތިވެފައިވާއިރު ގިނަ ބަޔަކު ދަނީ މިނިސްޓަރު ޚަލީލްގެ ސަލާމަތާ ރައްކާތެރިކަމާ މެދު ސުވާލު އުފައްދަމުންނެވެ.

އެނގިފައިވާ ގޮތުގައި މި މީހާއަކީ ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓް ކޮށްފައިވާ ލަންކާ މީހެކެވެ. އޭނާ ކުރިން ދިރިއުޅުނީ ދިވެއްސަކާ ކައިވެނިކޮށްގެން ރާއްޖޭގައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ލަންކާ މީހާގެ އެކްސް އެކައުންޓްގައި ގިނަ އަދަދަކަށް އިމިގްރޭޝަން ކޮންޓްރޯލާ ޖެނެރަލް ޝައްމާން ވަހީދާއި މިނިސްޓަރު ޚަލީލް ޓެގުކޮށް ޕޯސްޓުކޮށްފައިވެއެވެ.

އެ ޕޯސްޓުތަކުގައި އޭނާގެ ދަރިފުޅާ ދުރުވާން ޖެހުމުން ދެރަވާކަމަށާއި، އޭނާގެ ދެ އަހަރުގެ ދަރިފުޅު ހުރީ ރާއްޖޭގައި ކަމުން ނުވަ މަސްވަންދެން ދަރިފުޅު ނުފެންނަ ކަމަށް ބުނެފައިވެއެވެ. އަދި ރާއްޖެއަށް ދިޔުމަށް އެކްސެސް ދިނުމަށް ވެސް ގޮވާލާފައިވެއެވެ.

comment ކޮމެންޓް