ރާޖަޕަކްސަ އާއިލާގެ އެންމެން ހިމަނައިގެން ކެބިނެޓް އެކުލަވާލައިފި

ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރަޖަޕަކްސަގެ ދަރިކަލުން އަދި ޕާލަމެންޓް މެމްބަރު ނަމަލް ރާޖަޕަކްސަ: ނަމަލް ވަނީ ޔޫތު މިނިސްޓަރުކަމަށް އައްޔަނުކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސްރީލަންކާގައި ވެރިކަން ކުރާ ރާޖަޕަކްސަ އާއިލާއިން އެގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ކުރިމަތިލައި ގޮނޑި ކާމިޔާބުކުރި އެންމެން ހިމަނައިގެން އެގައުމުގެ ކެބިނެޓު އެކުލަވާލައިފިއެވެ.

ސްރީލަންކާގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސަގެ އަދި އޭނާގެ ބޭބެ، ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ޕޮޑުޖަނަ ޕާޓީއަށް މިދިޔަ ހަފްތާގެ އާންމު އިންތިހާބުގައި ބޮޑު އަގުލަބިއްޔަތެއް ލިބުނު އިރު، ބޮޑުވަޒީރުކަމުގެ ހުވާ މަހިންދަ ރާޖަޕަކްސަ ކުރެއްވީ އާދީއްތަ ދުވަހުއެވެ.

ސްރީލަންކާގެ ކެބިނެޓުގެ މަގާމުތަކަށް މެމްބަރުން އައްޔަނުކޮށް، އެ މެމްބަރުން ހުވާކުރެއްވުމުގެ ރަސްމިއްޔާތު މިއަދު ކުރިއަށް ދިޔައީ އެގައުމުގެ މެދުތެރޭގައި އޮންނަ ކެންޑީ ސިޓީގައެވެ. މިއަދުގެ ރަސްމިއްޔާތުގައި 28 މިނިސްޓްރީއެއްގެ މިނިސްޓަރުން، އަދި 40 ސްޓޭޓް މިނިސްޓަރުން ވަނީ މަގާމުގެ ހުވާ ކުރައްވާފައެވެ.

ރައީސް ގޯޓާބަޔަގެ އާ ކެބިނެޓުން ޖާގަ ލިބުނު ބޭފުޅުންގެ ތެރޭގައި ކުރިން ކެބިނެޓުގައި ތިއްބެވި ގިނަ މިނިސްޓަރުންވެސް ތިއްބެވިއެވެ. ކެބިނެޓު އެކުލަވާލި އިރު، އެ ކެބިނެޓުގައި ރާޖަޕަކްސަ އާއިލާއިން މަޖިލީހަށް އިންތިހާބުވި ހުރިހާ މެމްބަރުންވެސް ހިމެނުނެވެ.

އެގޮތުން، ކެބިނެޓު ވަޒީރެއްގެ ގޮތުގައި ރައީސް ގޯޓާބަޔަ ރާޖަޕަކްސައަކީ ޑިފެންސް މިނިސްޓަރުވެސް މެއެވެ.

ސްރީލަންކާގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސައާއި ބޮޑުވަޒީރު މަހިންދަ ރަޖަޕަކްސަ -- ފޮޓޯ// ތާރަކަ ބަސްނަޔަކަ

ބޮޑުވަޒީރުކަމުގެ އިތުުރުން މަހިންދަ ރާޖަޕަކްސައަށް ފިނޭންސް،. ދީނީ އަދި ސަގާފީ ކަންކަން، އަދި އުމްރާނީ ތަރައްގީޢާއި ގެދޮރާ ބެހޭ މިނިސްޓްރީ ވަނީ ހަވާލުކޮށްފައެވެ. އަދި މަހިންދަގެ ދަރިކަލުން ނާމަލް ރާޖަޕަކްސައަށް ޒުވާނުންނާއި ކުޅިވަރާ ބެހޭ ވަޒީރުކަން ވަނީ ލިބިވަޑައިގެންފައެވެ.

ރައީސް ގޯޓާބަޔައާއި ބޮޑުވަޒީރު މަހިންދަގެ ދޮށީ ބޭބޭފުޅު ޗަމަލް ރާޖަޕަކްސައަށް އިރިގޭޝަން މިނިސްޓަރުކަމުގެ އިތުރުން ސްޓޭޓް މިނިސްޓަރ އޮފް އިންޓާނަލް ޑިފެންސް އަދި ޑިޒާސްޓާ މެނޭޖްމަންޓުގެ މަސްއޫލިއްޔަތުވެސް ލިބިވަޑައިގަތެވެ. އަދި ޗަމަލް ރާޖަޕަކްސަގެ ދަރިކަލުން ޝަޝީންދްރާ ރާޖަޕަކްސައަށް ލިބިވަޑައިގަތީ ދަނޑުވެރިކަމާ ބެހޭ ސްޓޭޓް މިނިސްޓަރުގެ މަގާމެވެ.

މީގެ އިތުރުން މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި ރާޖަޕަކްސަ އާއިލާގެ އެހެން ބޭފުޅެއް ކަމުގައިވާ ނިޕުނަ ރަނަވަކަ ވަނީ އޭނާ އިންތިހާބުވެވަޑައިގެންނެވި މާތަރަ ޑިސްޓްރިކްޓުގެ ޑިސްޓްރިކްޓް ކޯޑިނޭޓިން ކޮމިޓީގެ ޗެއާމަންކަމަށް އައްޔަނުކޮށްފައެވެ. ނިޕުނަ ރަނަވަކައަކީ ރައީސް ގޯޓާބަޔަ އަދި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ކޮއްކޯފުޅު ޗާންދަނީ ރާޖަޕަކްސަގެ ދަރިކަލުންނެވެ.

ނަމަވެސް މިއަދު އެކުލަވާލި ކެބިނެޓުގައި، މަޖިލީހަށް އަލުން އިންތިހާބުވެވަޑައިގެންނެވި ސްރީލަންކާގެ ކުރީގެ ރައީސް މައިތުރިޕާލަ ސިރިސޭނާ ހިމެނިވަޑައެއް ނުގަންނަވައެވެ. ސްރީލަންކާގެ ސިޔާސީ ކަންކަން ދިރާސާކުރާ ބައެއް މީހުން ބުނަމުންދާ ގޮތުގައި، ސިރިސޭނާއަށް ގާނޫނު ހަދާ މަޖިލީހުގެ ރައީސްގެ މަގާމު ދިނުން ވަރަށް ގާތެވެ.

ކެބިނެޓުގެ ބައެއް އެހެން މުހިންމު މަގާމުތައް:

  • ދިނޭޝް ގުނަވަރުދަނަ: ފޮރިން މިނިސްޓަރު
  • ޕަވިތުރާ ވަންނިއަރައްޗި: ހެލްތު މިނިސްޓަރު
  • ބަނދުލަ ގުނަވަރުދަނަ: ޓްރޭޑް މިނިސްޓަރު
  • ޕްރަސަންނަ ރަނަތުންގަ: ޓޫރިޒަމް މިނިސްޓަރު
  • މުހައްމަދު އަލީ ސޮބްރީ: ޖަސްޓިސް މިނިސްޓަރު
  • ގާމިނީ ލޮކުގެ: ޓްރާންސްޕޯޓު މިނިސްޓަރު
  • ޕްރޮފެސަރ ޖީއެލް ޕީރިސް: އެޑިއުކޭޝަން މިނިސްޓަރު
  • ޑޮގްލަސް ދޭވަނަންދަ: ފިޝަރީޒް މިނިސްޓަރު
  • ނިމާލް ސިރިޕާލަ ޑެ ސިލްވާ: ލޭބަރ މިނިސްޓަރު
comment ކޮމެންޓް