އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ޑޯނިއާ ގެނައުމަކީ ނުރައްކަލެއް ކަމަށާއި މިއަދަކީ ކަޅު ދުވަހެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އިންޑިއާ އިން ހަދިޔާކުރި ޑޯނިއާ މިއަދު ރާއްޖެ ގެނެސްފައިވާއިރު އިންޑިއާ އިން ބުނީ ޑޯނިއާ އޮޕަރޭޓު ކުރާނީ އެމްއެންޑީއެފްގެ ކޮމާންޑުގެ ދަށުން ކަމަށެވެ. އަދި އެ އެއާކުރާފްޓް ބާއްވާފައި އޮންނާނީ ހަނިމާދޫ އެއާޕޯޓްގައި ކަމަށް އިންޑިއާ އެމްބަސީ އިން ބުންޏެވެ.
އިންޑިއާ އިން ހަދިޔާކުރި ޑޯނިއާ އާއި ގުޅޭގޮތުން އުމަރު ނަސީރު ސޯޝަލް މީޑިއާގައި ވިދާޅުވީ ހަދިޔާ އެއް ދޭން އައި މީހުން، އަށް އަހަރު ވީއިރު ތިން އުޅަނދާއި 200 ސިފައިންނަށް ބަދަލުވެފައިވާ ކަމަށެވެ.
އުމަރު އިޝާރާތް ކުރެއްވީ އިންޑިއާ އިން މީގެ ކުރިން ރާއްޖެއަށް ހަދިޔާކުރި ދެ ހެލިކޮޕްޓަރާއި އެ ދެ ހެލިކޮޕްޓަރު އޮޕަރޭޓުކޮށް މެއިންޓެއިން ކުރުމަށް ތިބޭ ސިފައިންނަށެވެ. އެ ދެ ހެލިކޮޕްޓަރު އޮޕަރޭޓް ކުރަން އިންޑިއާ ސިފައިންގެ 60 މީހުން ރާއްޖޭގައި ތިބެ އެވެ.
މިއަދު ހަދިޔާކުރި ޑޯނިއާ އޮޕަރޭޓުކުރާނެ ދިވެހި ޕައިލެޓުންނާއި ޓެކްނިކަލް މީހުން އިންޑިއާ އިން ދަނީ ތަމްރީނު ހޯދަމުންނެވެ.
ނަމަވެސް ޑޯނިއާ ފްލައިޓާއެކު އިންޑިއާ އަސްކަރިއްޔާގެ ސިފައިން ރާއްޖެއަށް އައިސްފައިވާ ކަމަށް ބުނެ ދަނީ ވާހަކަ ދެކެވެމުންނެވެ. ނަމަވެސް ޑޯނިއާ އާއެކު އައީ އިންޑިއާގެ ކިތައް ސިފައިން ކަމެއް އެމްއެންޑީއެފް އަކުން ނުބުންޏެވެ.
ރާއްޖޭގައި ހުންނަ އިންޑިއަން އެމްބަސީ އިން ބުނީ ޑޯނިއާ ގެނަޔަސް ދެ ހެލިކޮޕްޓަރު ވެސް އޮޕަރޭޓު ކުރަމުންދާނެ ކަމަށެވެ. އަދި ޑޯނިއާ ބޮޑަށް ބޭނުން ކުރާނީ ހަނިމާދޫ ސަރަހައްދުގައި ކަމަށެވެ.