އިންޑިއާ އަސްކަރިއްޔާ އިން ރާއްޖޭގެ އަސްކަރިއްޔާ އަށް ޑޯނިއާ އެއާކްރާފްޓެއް ހަދިޔާކޮށްފި އެވެ.
މި ޑޯނިއާ އޮޕަރޭޓު ކުރާނީ އެމްއެންޑީއެފްގެ ކޮމާންޑުގެ ދަށުން ކަމަށް އިންޑިއާ އެމްބަސީއިން ބުންޏެވެ. އަދި އެ އެއާކުރާފްޓް ބާއްވާފައި އޮންނާނީ ހަނިމާދޫ އެއާޕޯޓްގައި ކަމަށް ވެސް އެމްބަސީއިން ބުންޏެވެ.
ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ބުނީ އެ ގައުމުން ރާއްޖެއަށް ހަދިޔާކުރި ޑޯނިއާ ފްލައިޓަކީ ދެ ގައުމުގެ ދެމެދުގައި ކުރި މަޝްވަރާތަކުގެ ތެރެއިން ހަދިޔާކުރި މަތިންދާބޯޓެއް ކަމަށެވެ. ކުރީގެ ސަރުކާރުތަކުން ވެސް ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯންގެ ސަަވައިލެންސްގެ މަސައްކަތުގައި ބޭނުންކުރުމަށް ޑޯނިއާ އެއް ހޯދުމަށް އިންޑިއާ ސަރުކާރާއެކު މަޝްވަރާކޮށްފައިވާ ކަމަށް ހައިކޮމިޝަނުން ބުންޏެވެ.
އިންޑިއާގެ އެހީގައި ދިިވެހި އަސްކަރިއްޔާ އަށް ޑޯނިޔާ އެއް ހޯދުމަށް އެންމެ ފުރަތަމަ މަޝްވަރާ ކުރެވުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު 2016 ވަނަ އަހަރު އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. އެ މަޝްވަރާތަކަށް އަމަލީ ސިފަ ނުގެންނަނީސް ވެރިކަން ބަދަލުވުމާ އެކު މި ސަރުކާރުން ވެސް އެ މަޝްވަރާތައް ކުރިއަށް ގެންދިޔަ ކަމަށް ހައިކޮމިޝަނުން ބުންޏެވެ.
ޑޯނިއާ ދުއްވުމަށް 2017 ވަނަ އަހަރުން ފެށިގެން ދިވެހި ޕައިލެޓުންން ދަނީ ތަމްރީނު ކުރަމުންނެވެ.
އިންޑިއާ ހައިކޮމިޝަނުން ބުނީ އެމްއެންޑީއެފްގެ ކޮމާންޑާއި ކޮންޓްރޯލުގެ ދަށުން ޑޯނިއާ އޮޕަރޭޓު ކުރި ނަމަވެސް އެ ބޯޓުގެ މެއިންޓެނެންސް އާއި އެހެނިހެން ހަރަދުތައް ބަލަހައްޓާނީ އިންޑިއާ އިން ކަމަށެވެ.
މި އެއާކްރާފްޓު، ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަން ތަކުގައްޔާއި ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން ބެލެހެއްޓުމުގެ އިތުރުން ހިޔުމެނިޓޭރިއަން އެސިސްޓެންސް އަދި ޑިޒާސްޓާ ރިލީފް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުން ކުރާނެ އެވެ. ހާއްސަކޮށް އުތުރުގެ އަތޮޅުތަކަށް ދިމާވާ ކާރިސާތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް މި އެއާކްރާފްޓު ބޭނުން ކުރާނެ އެވެ.
މިހާރު އިންޑިއާ އަސްކަރިއްޔާ އާއި ދިވެހި އަސްކަރިއްޔާ ގުޅިގެން ކުރިއަށްގެންދާ އީއީޒެޑް ސަވައިލެންސް ހަރަކާތުގައި މި ޑޯނިއާ ހަރަކާތްތެރިވާނެ އެވެ. މީގެ އިތުރުން މިހާރު ހެލިކޮޕްޓަރުތަކުގައި ކުރިއަށް ގެންދާ މެޑިކަލް އިވެކުއޭޝަން އޮޕަރޭޝަންތަކުގައި ޑޯނިއާގެ ބޭނުން ކުރާނެ އެވެ. މިހާތަނަށް 250 އަށް ވުރެ ގިނަ މެޑިކަލް އިވެކުއޭޝަން އިންޑިއާ އިން ފޯރުކޮށްދީފައިވާ ހެލިކޮޕްޓަރުތަކުގައި ކުރިއަސް ގެންގޮސްފައިވެ އެވެ.
އިންޑިއާ އެމްބަސީ އިން ބުނީ ޑޯނިއާ އޮޕަރޭޓު ކުރާނެ ދިވެހި ޕައިލޮޓުންނާއި އޮބްޒާވަރުން އަދި ޓެކްނިކަލް މަސައްކަތެރިން ތަމްރީނު ކުރުމުގެ މަސައްކަތް ޖޫން 2017 އިން ފެށިގެން ކުރިއަށް ދާ ކަމަށާއި އިންޑިއާ އިން ބޭނުންވާ ތަމްރީނުތައް ހޯދުމުގައި ސަރުކާރުން އިސް ދައުރެއް އަދާކުރާ ކަމަށެވެ.
ޑްރަގް ޓްރެފިކިން ހުއްޓުވުމާ އާއި ކައުންޓަ ޓެރަރިޒަަމްއާ ގުޅުންހުރި އޮޕަރޭޝަންތަކުގައި މި އެއާކްރާފްޓުގެ ބޭނުން ހިފާނެ އެވެ.
މި އެއާކްރާފްޓުގައި ބޭނުންކޮށްފައި ވާނީ އެމްއެންޑީއެފް އެއާ ވިންގުގެ ކުލަތަކެވެ. އެމްއެންޑީއެފް އެއާ ވިންގުގެ ނިޝާން ވެސް ޑޯނިއާގައި ހިމަނާފައިވެ އެވެ.
އިންޑިއާ އިން މީގެ ކުރިން ރާއްޖެއަށް ދެ ހެލިިކޮޕްޓަރު ހަދިޔާކޮށްފައިވާއިރު އެ ދެ ހެލިކޮޕްޓަރު އޮޕަރޭޓުކޮށް މެއިންޓެއިން ކުރުމުގައި ހަރަކާތްތެރި ވަނީ އިިންޑިއާ އަސްކަރިއްޔާއިންނެވެ. ހެލިކޮޕްޓަރު ދުއްވުމަށާއި އޮޕަަރޭޝަނުގައި ދިވެހި ސިފައިން ހަރަކާތްތެރިނުވާތީ އެކަމަށް ދަނީ ފާޑުކިޔުން އަމާޒުވަމުންނެވެ. ޑޯނިޔާ ގެނަޔަސް ހެލިކޮޕްޓަރުތައް ބޭނުން ކުރާނެ ކަމަށް އިންޑިއަން އެމްބަސީ އިން ބުންޏެވެ.